ރޯދަ މަހުގެ ފަހު 15 ގައި ގަމުން ޖިއްދާއަށް ސީދާ ޢުމްރާ ދަތުރުތައް ފަށަނީ

އުމްރާވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މޯލްޑިވިއަނުން ޖިއްދާއަށް ސީދާ ފްލައިޓްތަކެއް ބާއްވަނީ -- ފައިލް ފޮޓޯ/ މޯލްޑިވިއަން

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ޢުމްރާއަށް ޚާއްޞަކޮށްގެން އައްޑޫ ސިޓީ ގަމުން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ސީދާ ދަތުރުތައް ފެށުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި މިއީ ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ އައްޑޫ ސިޓީއާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ދަތުރުގެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން ޙައްޖު ކޯޕަރޭޝަނުން އިންތިޒާމުކުރާ ޚާއްޞަ ދަތުރެކެވެ.

އެ ކޯޕަރޭޝަނުން ބުނީ ރަމަޟާން މަހުގެ ފަހު 15 އަށް ޚާއްޞަކޮށްގެން ބާއްވާ މި ފްލައިޓުގެ ދަތުރު އޮންނާނީ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު އައްޑޫ ސިޓީ ގަމުން ސީދާ ޖިއްދާއަށް ކަމަށެވެ. އަދި ރަމަޟާން މަހުގެ ފަހު ފަނަރަ ޢުމްރާ ޕެކޭޖުގެ އަގަކީ 48،965 ރުފިޔާ ކަމަށާއި، މީގެ އިތުރުން މުޅި ރަމަޟާން ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުޞަތު ޙައްޖު ކޯޕަރޭޝަނުން މިހާރު ހުޅުވާލާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އަދި މުޅި ރަމަޟާން ޢުމްރާ ޕެކޭޖުގެ އަގަކީ 54،965 ރުފިޔާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ހަމައެއާއެކު ޙައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ރަމަޟާން ޢުމްރާގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ކަށަވަރުކުރުމުގެ ފުރުޞަތު ވެސް ހުޅުވާލާފައެވެ. އެގޮތުން ޢުމްރާގެ ޖާގަ ކަށަވަރުކުރެވޭނީ ޙައްޖު ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" މެދުވެރިކޮށްގެންނާއި، ކޯޕަރޭޝަންގެ ވެބްސައިޓް (hajj.mv) މެދުވެރިކޮށް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ޙައްޖު ކޯޕަރޭޝަނުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ލުއިފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމަށް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނު

މިގޮތުން ޢުމްރާ ދަތުރު ޕެކޭޖުތަކުގައި ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި:

  • ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން ކްލިނިކްގެ ޚިދުމަތް
  • ފާމަސީގެ ޚިދުމަތް
  • ހިލޭ ވެކްސިން ޖަހައިދިނުން
  • މަދީނާއަށް ދަތުރުކުރުމަށް ހައިސްޕީޑް ރޭލުގެ ޚިދުމަތް
  • މަދީނާގައި 3 ރޭ ހޭދަކުރުން
  • މީރު ދިވެހި ކެއުން
  • ލޯންޑްރީ އަދި އިސްތިރިކުރުމުގެ ޚިދުމަތް
  • ދީނީ ޢިލްމުވެރިންގެ ދަރުސްތަކާއި އަޅުކަމުގެ އިރުޝާދުދިނުން
  • ޢުމްރާ ކިޓް
  • ބަގީގެ ޚިދުމަތް
  • ލޮކޭޝަން ޓްރެކިން ޑިވައިސް

މީގެއިތުރުން، ޙައްޖު ކޯޕަރޭޝަންގެ އަމާޒަކީ ކުރިޔަށް އޮތް ތަނުގައި، ޖުލައި މަހާއި، ޑިސެމްބަރު މަހުގެ އިތުރުން ބަރަކާތްތެރި ރަމަޟާން މަހު އައްޑޫ ސިޓީ ގަމުން ޖިއްދާއަށް ސީދާ ޢުމްރާ ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށްގެންދިޔުން ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އަދި މި ދަތުރުތައް މިގޮތަށް އިންތިޒާމުކުރުމަށް ފަހިވެފައިވަނީ، ޤައުމީ އެއަރލައިންއިން ވައިޑް-ބޮޑީ އޮޕަރޭޝަންތައް ފެށުމާ ގުޅިގެން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ހަމައެއާއެކު މިއީ މި ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި އިތުރަށް ފުޅާކުރުމަށް ޙައްޖު ކޯޕަރޭޝަނަށް ލިބިގެންދިޔަ ބޮޑު ބާރެއް ކަމަށާއި މިއީ ދެކުނުގެ ރައްޔިތުން މާލެ ދަތުރުކުރަން ނުޖެހި، ފަސޭހަކަމާއެކު ޢުމްރާގެ އަޅުކަމަށް، ދަތުރުކުރެވޭނެ މަގު ދެމެހެއްޓެނިވި ގޮތެއްގައި ފަހިކޮށްދިނުމަށް ޙައްޖު ކޯޕަރޭޝަނުން ނިންމި މުހިންމު ނިންމުމެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

comment ކޮމެންޓް