ރިޔާޒް އެއާޕޯޓަށް ދިން ހަމަލާތަކެއްގައި ސައުދިއާގެ ޕައިލެޓަކު މަރުވެއްޖެ

ޕައިލެޓް ކެޕްޓަން ހަމޫދު އަލީ އަލްކަލްތަމީ----

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި ހުންނަ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ދެ ހަމަލާއެއްގައި، ސައުދިއާ އެއާލައިންސްގެ ޕައިލެޓަކު ހިމެނޭ ގޮތަށް ތިން މީހަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ގާކާ) އިން ބުނެފިއެވެ.

ގާކާއިން ބުނި ގޮތުގައި ބުރާސްފަތި ދުވަހު ދިން މި ހަމަލާތަކުގެ ތެރެއިން ފުރަތަމަ ހަމަލާ އަމާޒުކުރީ އެއާޕޯޓުގެ އާންމު ވަސީލަތްތަކަށެވެ. އަދި ދެވަނަ ހަމަލާ އަމާޒުވީ އެއާޕޯޓުގައި ޕާކުކޮށްފައި އޮތް ސައުދިއާގެ ބޯޓަކަށެވެ. ސައުދިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާގައި މަރުވެފައިވަނީ އެ ކުންފުނީގެ ޕައިލެޓް ކެޕްޓަން ހަމޫދު އަލީ އަލްކަލްތަމީ ކަމަށެވެ. ހަމަލާ އެރި ވަގުތު ބޯޓުގައި އެއްވެސް ފަސިންޖަރަކު ނެތް ކަމަށްވެސް އެ އެއާލައިނުން ބުނެފައިވެއެވެ.

މި ހަމަލާތަކުގައި އެކި ގައުމުތަކަށް ނިސްބަތްވާ އާންމުންގެ ގިނަ ބަޔަކަށް ކުދި އަދި ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށާއި، އެ މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށް ގާކާއިން ބުނެފައިވެއެވެ. ހަމަލާއާ ގުޅިގެން ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ޓީމުތަކުން ވަގުތުން އެ ސަރަހައްދަށް ގޮސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް އެ އޮތޯރިޓީން ފާހަގަކުރިއެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާއާ ގުޅިގެން އެއާޕޯޓުން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނުއިރު، ފަސިންޖަރުންގެ ލަގެޖްތައް ދޫކޮށްލާފައި ދިއުމަށް އަންގާފައިވެއެވެ.

މި ހަމަލާގެ ޒިންމާ ނަގާފައިވަނީ ޔަމަނުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދު ލިބޭ ހޫތީ ހަނގުރާމަވެރިންނެވެ. ހޫތީން ބުނެފައިވަނީ ރިޔާޒްގެ އެއާޕޯޓަށް ހަމަލާދިނީ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ކަމަށެވެ. މިއީ ސައުދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ޔަމަނުގައި ތިބި ހޫތީންނާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފެށި ފަހުން ސައުދީއަށް ދިން އެންމެ ގެއްލުން ބޮޑު ހަމަލާއެވެ. ހަމަލާ ދިނުމުގެ ކުރިން ހޫތީން ވަނީ ސައުދީގެ ވައިގެ ސަރަހައްދަކީ އަސްކަރީ އޮޕަރޭޝަންތައް ހިންގާ ސަރަހައްދެއް ކަމަށް ކަނޑައަޅައި، އެ ސަރަހައްދު ބޭނުންކުރާ ބައިނަލްއަގުވާމީ އެއާލައިންތަކަށް އިންޒާރުދީފައެވެ.

މި ހަފުތާގެ ތެރޭގައި ސައުދީގެ އެހެން އެއާޕޯޓުތަކަށްވެސް ހޫތީން ވަނީ ހަމަލާދީފައެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަންގާރަ އަދި ބުދަ ދުވަހު އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށާއި ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާތަކެއްގައި ތިން މީހަކު މަރުވެ، 36 މީހަކަށް އަނިޔާވެފައިވެއެވެ. އޭގެ ތެރޭގައި ސޫދާން، މޮރޮކޯ އަދި އަލްޖީރިއާއަށް ނިސްބަތްވާ މީހުން ހިމެނެއެވެ. މީގެ އިތުރުން، ސައުދީ ކޯލިޝަނުން ވަނީ ރިޔާޒަށާއި ހަމީސް މުޝައިތަށް އަމާޒުކޮށް ހޫތީން ފޮނުވާލި އިތުރު ބެލިސްޓިކް މިސައިލްތަކެއް ވައިގެ ތެރެއިން ގޮއްވާލާފައި ކަމަށް ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލްމާލިކީ ވިދާޅުވެފައިވެއެވެ.

ސައުދީގެ ސިވިލް ޑިފެންސް އޭޖެންސީން ބުނި ގޮތުގައި، ވައިގެ ތެރެއިން ގޮއްވާލި މިސައިލްތަކުގެ ބައިތައް ރިޔާޒްގެ ބައެއް ސަރަހައްދުތަކަށް ވެއްޓުމުގެ ސަބަބުން ކިންޑަގާޑަނަކަށާއި މެޑިކަލް ކޮމްޕްލެކްސްއަކަށް ވަނީ ގެއްލުންވެފައެވެ. މި ހަމަލާތަކާ ގުޅިގެން އެމެރިކާއިން ސައުދީގައި ހުންނަ އެމްބަސީން ވަނީ އެ ގައުމުގެ ރައްޔިތުން ސަމާލުވެ ތިބުމަށް އަންގައި އިންޒާރެއް ނެރެފައެވެ. އަދި ރިޔާޒް އެއާޕޯޓާ ކައިރީގައި ހުންނަ ސައުދީ އަރާމްކޯގެ ތެޔޮ ރައްކާކުރާ ތާނގީތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން އާ ފެންސްތަކެއް ވަނީ ޖަހާފައެވެ.

ސަލާމަތީ ބާރުތަކާ ގުޅިގެން ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ގާކާއިން ބުނެފައިވެއެވެ. ނަމަވެސް އިއްޔެގެ ހަވީރު 6:00 އިން ފެށިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައި، ފްލައިޓްތަކުގެ ދަތުރުތައް އާންމު ހާލަތަކަށް ގެނެވިފައިވާ ކަމަށް ސައުދިއާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް