ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަން ތަހައްމަލު ކުރޭ: ދިރާސާ

މީހަކު ހުޅުމާލެ ގޮނޑުދޮށުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަނުގެ އަލާމާތްތައް ތަހައްމަލުކުރާ ކަމަށް ދިރާސާއަކާ ހަވާލާދީ، ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.

ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮ ކަމުގެ ދުވަހާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަން ތަހައްމަލު ކުރާ ކަން އެނގުނީ، 2020 އިން 2021 އަށް ކުރިއަށް ގެންދެވުނު ސްޓެޕް ސާވޭގެ ނަތީޖާތަކުން ކަމަށެވެ.

މިނިސްޓްރީން ބުނީ، ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދުމަށް ވަސީލަތްތައް ޤާއިމުކުރެވެމުން ދިޔަ ނަމަވެސް، މުޖުތަމަޢުގައި އޮތް ނުރަނގަޅު ވިސްނުންތަކާއި ތަފާތުކުރުންތަކާ ހެދި ގިނަ ބަޔަކު އެހީތެރިކަން ހޯދަން ފަސްޖެހޭ ކަމަށެވެ.

މީހުންތަކެއް ގޮނޑުދޮށުގައި ވާހަކަދައްކަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަފްސާނީ ބަލިތަކުގެ ތެރޭގައި ހާސްކަމުގެ ބަލިތަކާއި މޮޅިވެރިކަމުގެ އިތުރުން، ބައިޕޯލާ ޑިސްއޯޑަރާއި ޝިޒޮފްރީނިއާ ފަދަ ސީރިއަސް ބަލިތައް ހިމެނެއެވެ. މިނިސްޓްރީން ފާހަގަކުރި ގޮތުގައި، އެއީ ފަރުދެއްގެ ދުޅަހެޔޮކަމަށާއި އާންމު ދިރިއުޅުމުގެ ކަންކަން ފުރިހަމައަށް ކުރިއަށްގެންދިއުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާ ކަންކަމެވެ.

ދުނިޔޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރާ ހަމައަށް އާބާދީގެ ކޮންމެ ހަތް މީހަކުން އެކަކީ ނަފުސާނީ ބައްޔެއް ތަހްމަލު ކުރާ މީހެކެވެ. އެއީ، ގާތްގަނޑަކަށް 1.2 ބިލިއަން މީހުންނެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު 10އެއްގައި ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮ ކަމުގެ ދުވަސް ފާހަގަކުރާއިރު، މި އަހަރުގެ ޝިޢާރަކީ 'ތަޖުރިބާގެ އަޑު ކަނުލައި އެހުން: ޙަގީގީ އަޑު، ޙަގީގީ ބަދަލު' މިއެވެ.

މިއަހަރުގެ ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ ސިއްޙަތުގެ ޖަމްޢިއްޔާ އާ ގުޅިގެން ގިނަ ޙަރަކާތްތަކެއް ހިންގަން މިނިސްޓްރީން ވަނީ ރާވާފައެވެ. އެގޮތުން، މިއަހަރުގެ މައިގަނޑު ޙަރަކާތްތައް މިއަދާ މާދަމާ ކުރިއަށްދާނީ ކ. ކާށިދޫގައެވެ.

ފާހަގަކުރެވޭ ގޮތުގައި، ސައުވީސް ގަޑިއިރު ޚިދުމަތް ދޭ ގޮތަށް، ނަފުސާނީ އެހީ ފޯރުކޮށްދޭން ހެލްޕްލައިނެއް ފެބްރުއަރީ 21، 2024ގައި ވަނީ ތައާރަފުކޮށްފައެވެ.

https://sun.mv/223752

ރާއްޖޭގައި ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިދިޔަ ޖޫން މަހުގެ 23ގައި ހެލްތު މިނިސްޓަރު ގީލާ ޢަލީ ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ތިން އަހަރު 70،000 އަށް ވުރެ ގިނަ މީހުން ނަފްސާނީ ބައްޔަށް ފަރުވާ ދޭ ޑޮކްޓަރުންގެ އެހީތެރިކަން ހޯދައިފައިވެއެވެ. އޭގެ ތެރޭގައި ގިނައީ މާލެ ސަރަހައްދުން އެހީތެރިކަން ހޯދި މީހުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް