މި ދައުރުގައި ވެލިދޫގައި އަޅާ ހޮސްޕިޓަލް ނިމުމުން މިހާރަށްވުރެ ފުޅާކޮށް، ސިއްހީ ޚިދުމަތް ދެވޭނެ: ގީލާ

ގީލާ ވެލިދޫ ސިއްހީ މަރުކަޒުގައި: ވިދާޅުވީ، މި ދައުރުގައި ވެލިދޫގައި އަޅާ ހޮސްޕިޓަލް ނިމުމުން މިހާރަށްވުރެ ފުޅާކޮށް، ސިއްހީ ޚިދުމަތް ދެވޭނެ ކަމަށް -- ފޮޓޯ/ ހެލްތު މިނިސްޓްރީ

މި ދައުރުގެ ތެރޭގައި ވެލިދޫގައި އަޅާ ހޮސްޕިޓަލް ނިމުމުން، ރައްޔިތުންނަށް ދެވޭ ޚިދުމަތް މިހާރަށް ވުރެ ފުޅާވާނެ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ވެލިދޫ ސިއްހީ މަރުކަޒަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ގީލާ ވަނީ އެ އަތޮޅުގައި ފުރިހަކޮށްފައިވާ ސިއްހީ ޚިދުމަތްތަކަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން، އެތެރެހަށީގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުގެ ޚިދުމަތާއި ޑަޔަލިސިސްގެ ޚިދުމަތުގެ އިތުރުން އެކްސްރޭގެ ޚިދުމަތް އެ ރަށުގައި ތަޢާރަފުކުރެވިފައިވާކަން ގީލާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ގީލާ ވެލިދޫ ސިއްހީ މަރުކަޒަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި --- ފޮޓޯ/ ހެލްތު މިނިސްޓްރީ

މީގެއިތުރުން، ބިދޭސީންގެ ވޯކްޕާމިޓް މެޑިކަލް ހެދުމުގެ އިންތިޒާމާއި ކުއްލި ޙާލަތްތަކުގައި ބަލިމީހުން އުފުލުމަށްޓަކައި ވެލިދޫގައި ސްޓޭޝަންކޮށްފައިވާ ސީ-އެމްބިއުލާންސްގެ ޚިދުމަތާއި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަރުކަޒުގެ މުވައްޒަފުންގެ އަދަދު އިތުރުކޮށްފައިވާ ކަމަށް ގީލާ ވަނީ ވިދާޅުވެފައެވެ.

ގީލާ ފާހަގަކުރެއްވި ގޮތުގައި، ނ. އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫ، ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޚިދުމަތާއި ފިޒިއޮތެރަޕީގެ ޚިދުމަތް ވަނީ އަލަށް ފަށާފައެވެ.

މިނިސްޓަރު ވިދާޅުވީ، ވެލިދޫގައި ކުރިއަށްދާ އެންމެ ބޮޑު މަޝްރޫއަކީ، 30 އެނދުގެ ޒަމާނީ އައު ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫއު ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ދައުރު ނިމުމުގެ ކުރިން އައު ހޮސްޕިޓަލް ހުޅުވި، މިހާރަށްވުރެ މާ ފުޅާ ދާއިރާއެއްގައި، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ރައްޔިތުންނަށް ލިބެން ފަށާނެ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ، އަމިއްލަ ސިއްހަތަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވާފައެވެ. މިގޮތުން، ބަލިވުމުގެ ކުރިން ރައްކާތެރިވުމަށް ދުޅަހެޔޮ ކާނާ ކެއުމާއި ކަސްރަތު ކުރުމާއި ސާފުތާހިރުކަމަށް އިސްކަންދިނުމަށް އިރުޝާދުދެއްވިއެވެ.

comment ކޮމެންޓް