ވަގު ޑޮލަރު ދީގެން މަކަރާއި ހީލަތް ހެދި މައްސަލަތަކެއްގައި ޒައިދާން ޖަލަށްލާން ހުކުމްކޮށްފި

ޒައިދާން ކުރިން ޝަރިއަތުގެ މަޖިލީހެއްގައި

ސައްހަނޫން (ވަގު) އެމެރިކާ ޑޮލަރު ބޭނުންކޮށްގެން މަކަރާއި ހީލަތުން ފޯނާއި ފައިސާ ހޯދި މައްސަލަތަކެއްގައި ސ. ހުޅުދޫ / އިރަމާގެ، ޙުސައިން ޒައިދާން ޢަލީގެ މައްޗަށް ކުށް ސާބިތުވެ، ޖަލު އަދަބު އިއްވައި ގެއްލުމުގެ ބަދަލު ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ޒައިދާންއަކީ މިފަދަ ގިނަ މައްސަލަތަކެއްގެ ތުހުމަތު ކުރެވޭ މީހެކެވެ.

ބުދަ ދުވަހު ކްރިމިނަލް ކޯޓުގެ ގާޟީ ޞަފްޢަތު ޙަބީބު ނިންމެވި މި ދެ މައްސަލައަކީވެސް ދައުލަތާއި ޒައިދާނާ ދެމެދު ވެވުނު "އިޢުތިރާފުގެ އެއްބަސްވުން" ތަކުގެ ދަށުން ނިންމަވާފައިވާ ދެ މައްސަލައެކެވެ.

އެ ދެ މައްސަލައަކީ، ވަގު ޑޮލަރު ދީގެން ބޭރު މީހެއް އަތުން ފޯނެއް ގަތް މައްސަލައާއި، ބްލެކް މާކެޓްގައި ވަގު ޑޮލަރު މާރުކުރި މައްސަލައެވެ.

އެގޮތުން 18 އެޕްރީލް 2023 ދުވަހުގެ ރޭ 22:00 ހާއިރު، މޫކައި ހޮޓެލް ކައިރިން ސްރީލަންކާގެ ރައްޔިތެއްގެ އަތުން އައިފޯން 13 ޕްރޯ މެކްސްއެއް ގަތުމަށްފަހު، އަގުގެ ގޮތުގައި 100 އެމެރިކާ ޑޮލަރުގެ ނުވަ ނޫޓު (ޖުމްލަ 900 ވަގު ޑޮލަރު) ދީ، މަކަރާއި ހީލަތުން ފޯނު ވަނީ އަތުލާފައިވާ ކަމަށް ހުކުމުގައިވެއެވެ.

މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ކުރި، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއަށް ޒައިދާން އިޢުތިރާފުވުމުން، އިޢުތިރާފުގެ އެއްބަސްވުމާ އެއްގޮތަށް އޭނާ ހަތް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

އަދި އަށެއް އޯގަސްޓް 2022 ދުވަހުގެ ރޭ 20:40 ހާއިރު، ބީއެމްއެލް މެއިން ބްރާންޗް ކައިރިން އިތުރު މީހަކާއެކު ގޮސް، ދިވެއްސަކަށް، 100 އެމެރިކާ ޑޮލަރުގެ 31 ނޫޓު (ޖުމްލަ 3,100 ވަގު ޑޮލަރު) ދިނުމަށްފަހު، މަކަރާއި ހީލަތުން ނަގުދު ފައިސާގެ ގޮތުގައި 67,600 ދިވެހި ރުފިޔާ ވަނީ އަތުލާފައި ކަމަށް ހުކުމުގައިވެއެވެ. މި މުއާމަލާތުގައި ޑޮލަރެއްގެ އަގު ޖެހެނީ 21 ރުފިޔާއަށެވެ.

މި މައްސަލައިގައިވެސް ކުށަށް އިޢުތިރާފުވުމުން، އެއް އަހަރާއި 12 ދުވަހުގެ ޖަލު އަދަބެއް އިއްވާފައިވެއެވެ. އަދި ވަގު ޑޮލަރު މާރުކުރި މީހާއަށް ލިބުނު 67,600 ރުފިޔާގެ ގެއްލުމުގެ ތެރެއިން ޒައިދާންގެ ހިއްސާއަށްޖެހޭ 33,800 ދިވެހި ރުފިޔާ، މިދިޔަ ބުދަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށް ކޯޓުން ވަނީ އަންގާފައެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި ޒައިދާންއަކީ ތަކުރާރުކޮށް ވަގު ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކުރުމުގެ ތުހުމަތު ކުރެވިފައިވާ މީހެކެވެ. މީގެ ކުރިން 2023 މެއި މަހު ފުލުހުން އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ މަސް ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.

އޭރު ފުލުހުންގެ ތަހުގީގުންނާއި ކޯޓު އަމުރުތަކުން އެނގުނު ގޮތުގައި، އޭނާއާ ދެކޮޅަށް ވަގު ޑޮލަރު ބޭނުންކުރުމުގެ އަށް މައްސަލައެއްގެ ތުހުމަތު ކުރެވިފައިވިއެވެ. ކުރީގެ ރެކޯޑްތަކުން ދައްކާ ގޮތުގައި އޭނާއަކީ ކުރިންވެސް މިފަދަ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައި ހުރި މީހެކެވެ.

comment ކޮމެންޓް