ނިމުނު ސެޕްޓެމްބަރު މަހު ސްކޭމުގެ މައްސަލަތަކުގައި 1.9 މިލިއަން ރުފިޔާ ގެއްލުނު ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، ނިމުނު ސެޕްޓެމްބަރު މަހު 179 މައްސަލަ ހުށަހެޅިފައިވާއިރު، އެ މައްސަލަތަކުގައި 1،918،497 ރުފިޔާގެ ގެއްލުނު ކަމަށް ވަނީ ދައްކާފައެވެ. އަދި އެފައިސާގެ ތެރެއިން އަނބުރާ ހޯދުނީ، 1،322،282 ރުފިޔާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނިމުނު މަހު ހުށަހަޅާފައިވާ ސްކޭމްގެ ބާވަތްތަކުގެ ތެރޭގައި އެންމެ ގިނައީ އޮންލައިން ވިޔަފާރި ނުވަތަ އީކޮމާސް ސްކޭމްތަކެވެ. އެގޮތުން އެެފަދަ 72 މައްސަލައެއް ހުށަހަޅާފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ފައިސާ މާރުކުރުމުގައި އޮޅުވާލައިގެން ހިންގައިފައިވާ ސްކޭމްތަކެވެ. އެފަދަ 44 މައްސަލައެއް ނިމުނު މަހު ހުށަހަޅާފައިވާއިރު، ބުކިން ކެންސަލޭޝަންއާއި ރިފަންޑް ހޯދުމުގެ 24 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނިމުނު މަހުގައި ވަނީ ސްކޭމްގެ 184 މައްސަލައެއް ރިޕޯޓުކޮށްފައެވެ. އަދި އެ މައްސަލަތަކުގައި 1.96 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ގެއްލިފައެވެ. އަދި އެ ފައިސާގެ ތެރެއިން 1.13 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން ފުލުހުން ވަނީ ސައްހަކަން ކަށަވަރުނުވާ ލިންކުތަކަށް ނުފިއްތުމަށް އިރުޝާދުދީފައެވެ. އަދި އޯޓީޕީއާއި އޮންލައިން ބޭންކިންގެ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށާއި އިތުބާރު ހުރި އެއްވެސް މުއައްސަސާއަކުން ނުވަތަ ބޭންކަކުން، ސިއްރު ކޯޑުތަކަކަށް ނޭދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.