ބޭންކް އޮފް ސިލޯން (ބީއޯސީ) މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން އޭނާއަށް ނޭނގި އެތައް ލައްކަ އެމެރިކާ ޑޮލަރު ވަގަށް ނެގުމަށްޓަކައި ސައްހަނޫން ލިޔުމެއް އުފައްދައި ފައިސާ ޓްރާންސްފާ ކުރި މައްސަލަ ސާބިތުވެ، އެ ބޭންކުގެ ކުރީގެ ވެރިއެއްގެ މައްޗަށް ޖަލު ހުކުމް ސާބިތުވެއްޖެއެވެ.
މި މައްސަލައިގައި ޖަލަށް ލުމަށް، ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރީ، ބީއޯސީގެ ކުރީގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރު އަދި ކޮމްޕްލަޔަންސް އޮފިސަރު މާލެ، މ. މާހިންނެ، ޙަސަން ވަޙީދުގެ މައްޗަށެވެ.
އިއްޔެ ކްރިމިނަލް ކޯޓުގެ ގާޟީ ޢަލީ ނަދީމް ކުރެއްވި މި ހުކުމްތަކަކީ 2019 ވަނަ އަހަރުން ފެށިގެން ހިނގަމުންދިޔަ މައްސަލަތަކެއްގެ ނިންމުމެވެ.
މި މައްސަލައިގައި، ހަސަން ވަހީދުގެ މައްޗަށް، އެނގިހުރެ ސައްހަނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ދައުވާ އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ދައުލަތުން އުފުލިއެވެ. ދެ ދައުވާވެސް ވަނީ ސާބިތުވެސްވެފައެވެ.
މި މައްސަލައިގައި، ގާނޫނުލްއުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ ދަށްކޮށް، ދެ މައްސަލައިގައިވެސް ގާނޫނީ އުސޫލުތަކާ އެއްގޮތަށް އަދަބު އިއްވުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމަވާފައެވެ.
މި ދެ މައްސަލައިގެ ތެރެއިން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށް ސާބިތުވެ އިއްވީ، ދެ އަހަރާއި ނުވަ މަހާއި 11 ދުވަހުގެ ޖަލު ހުކުމަކާއެކު 144،000 ރުފިޔާގެ ޖޫރިމަނާއެކެވެ. އަނެއް މައްސަލައިގައި އިއްވީ، ހަ މަހާއި 18 ދުވަހުގެ ޖަލު ހުކުމަކާއެކު 18،000 ރުފިޔާގެ ޖޫރިމަނާއެކެވެ.
މައްސަލައިގެ ފަސްފަހަތާއި ފައިސާ ދައުރުވި ގޮތް:
ޝަރީއަތުން ނިންމެވި ނިންމެވުމުގައިވާ ގޮތުން، 9 ޖޫން 2019 ދުވަހު ޙަސަން ވަޙީދު ވަނީ ބީއޯސީގެ ދިވެހި، އަންހެން ކަސްޓަމަރެއްގެ އެކައުންޓުން، އެ އަންހެން މީހާއަށް ނޭނގި، 150،000 ޑޮލަރު ޓްރާންސްފާ ކުރުމަށްޓަކައި އަންހެން މީހާގެ ނަމުގައި ސައްހަނޫން ޓްރާންސްފާ ރިކުއެސްޓެއް އަމިއްލައަށް ތައްޔާރުކޮށްފައެވެ.
ޙަސަން ވަޙީދު އުފެއްދި ސައްހަނޫން ލިޔުން ބޭންކުގެ މުވައްޒަފެއް މެދުވެރިކޮށް ޕްރޮސެސްކޮށް، އަންހެން މީހާގެ އެކައުންޓުން 150،000 ޑޮލަރު އަބްދުﷲ ނަފީޤް ޕާޝާގެ އެކައުންޓަށް ޓްރާންސްފާ ކުރިއެވެ. އެއަށްފަހު، އެންމެ ފަސް މިނެޓު ތެރޭގައި (އެ ދުވަހުގެ 10:44 ގައި)، ނަފީޤް ޕާޝާގެ އެކައުންޓުން އެ ފައިސާ "ސީނިއާ އިންޓާނޭޝަނަލް ޕްރައިވެޓް ލިމިޓެޑް" ގެ އެކައުންޓަށް ޓްރާންސްފާ ކުރިއެވެ.
ސީނިއާ އިންޓަރނޭޝަނަލް އިން ވަނީ އެ ފައިސާ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ ހަތަރު ކުންފުންޏެއްގެ އިންވޮއިސްތަކަށް ފައިސާ ދައްކާފައެވެ. މި އިންވޮއިސްތަކަށް ފައިސާ ދެއްކުމަށް ސްވިފްޓް އެޕްލިކޭޝަން ހުށަހަޅާފައިވަނީ ފައިސާ ނެގުމުގެ ހަ ދުވަސް ކުރިން، 2 ޖޫން 2019 ގައެވެ.
މީގެ ކުރިން، 18 ޖުލައި 2018 ގައިވެސް އަންހެން މީހާގެ އެކައުންޓުން 110،000 ޑޮލަރު ހަމަ މި މަގުން (ނަފީޤް ޕާޝާގެ އެކައުންޓް މެދުވެރިކޮށް ސީނިއާ އިންޓާނޭޝަނަލްއަށް) ޓްރާންސްފާ ކޮށްފައިވާކަން އޯޑިޓް ރިޕޯޓުން އެނގެއެވެ.
މި މައްސަލައިގައި ކުށް ސާބިތުވި މުހިންމު ހެއްކަކީ، ކޮމްޕިއުޓާ ފޮރެންސިކް އަދި ސީސީޓީވީ ފުޓޭޖެވެ. ޙަސަން ވަޙީދު ބޭނުންކުރި ސީޕީޔޫއިން އަންހެން މީހާގެ ނަމުގައިވާ ޓްރާންސްފާ ރިކުއެސްޓްގެ ވޯޑް ޓެމްޕަރަރީ ފައިލް ފެނިފައިވެއެވެ. އަދި އެ ފައިލް ޕްރިންޓުވި ވަގުތާއި، ޙަސަން ވަޙީދު ކެބިންގައި އިނދެ ކަރުދާސްގަނޑު ނެގި ވަގުތު ސީސީޓީވީ ފުޓޭޖާ ސީދާ ދިމާވެއެވެ.
މީގެ އިތުރުން ސޮއި ފޯޖުކޮށްފައިވާކަންވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ. ޙަސަން ވަޙީދުގެ ކެބިން ތެރެއިން އަންހެން މީހާގެ ސޮއި ފަރިތަކޮށްފައިވާ ކަރުދާސްކޮޅުތަކެއް ފެނިފައިވެއެވެ. ފޮރެންސިކް ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓުން ކަށަވަރުވި ގޮތުގައި ލިޔުމުގައިވާ ސޮޔަކީ 'ސިމިއުލޭޓެޑް މެތަޑް' ބޭނުންކޮށްގެން ފޯޖުކޮށްފައިވާ ސޮޔެކެވެ.
މި މައްސަލައިގައި ގުޅުންތަކާއި މާލީ މަންފާއަށް ބަލާއިރު ސީނިއާ އިންޓާނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒައިނަލް ޢާރިފަކީ ޙަސަން ވަޙީދުގެ އެންމެ ގާތް އެކުވެރިޔާ، އެކުގައި ދިރިއުޅުނު މީހާ އަދި ވިޔަފާރި ބައިވެރިޔާއެވެ.
ނަފީޤް ޕާޝާއަކީ ޒައިނަލްގެ ދޮންބައްޕައެވެ. އަދި 2018 ނޮވެމްބަރުން ފެށިގެން ސީނިއާ އިންޓަރނޭޝަނަލް އިން ކޮންމެ މަހަކު 52،500 ރުފިޔާ (ޖުމްލަ 367،500 ރުފިޔާ) ޙަސަން ވަޙީދުގެ ބީއެމްއެލް އެކައުންޓަށް ޖަމާކޮށްފައިވެއެވެ.
ދިހައެއް ޖޫން 2019 ގައި އަންހެން މީހާ ބޭންކަށް ގޮސް މައްސަލަ ޖެއްސުމުން، މިއީ ފްރޯޑެއް ކަމަށް އޭނާ ކައިރީ ބުނުމަށްފަހު، އިރުކޮޅެއް ފަހުން ބޭންކުގެ އެހެން މުވައްޒަފަކު ކައިރީ މައްސަލަ ހައްލުވެއްޖެ ކަމަށާއި އަންހެން މީހާ ހަނދާންނެތުނީ ކަމަށް ބުނެ އޮޅުވާލަން ޙަސަން ވަޙީދު މަސައްކަތްކުރި ކަމަށް ހުކުމުގައިވެއެވެ.
މި މައްސަލައިގައި ޝަރީއަތުން ބެލިބެލުމުގައި ދެ ދައުވާވެސް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ދައުލަތުން ވަނީ ސާބިތުކޮށްދީފައެވެ.