މަސްތުވާތަކެތި ހޯދާނެ ފައިސާ ނެތިގެން ރުޅިގަދަވެ، މަންމަ ދިރިއުޅޭ ގޭގެ ބަދިގެއާއި ކޮޓަރިއަށް ގެއްލުންދިން މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ ޖަލަށް ލުމަށާއި ގެއްލުމުގެ ބަދަލު ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް އައިސްފައިވަނީ ށ. މާއުނގޫދޫ، އަސަރު، އާދަމް ހަންނާދުގެ މައްޗަށެވެ.
ޝަރީޢަތުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، މިދިޔަ އޮގަސްޓް 16 ވަނަ ދުވަހުގެ ރޭގަނޑު މ. މާކަރަ ގޭގައި ހިނގި މި ހާދިސާގައި އާދަމް ހަންނާދު ވަނީ އެގޭ ބަދިގޭގައި ހުރި ބޮޑު ބާލިދީއެއްގެ މަތިގަނޑު ފަޅާލައި، ކާން ގެންގުޅޭ ތަށިތަކެއް ތަޅާލައި، އަދި އޭނާގެ މަންމަ ދިރިއުޅޭ ކޮޓަރީގެ ދޮރަށް ކަތުރަކުން ޖަހައި ގެއްލުންދީފައެވެ.
ޝަރީޢަތުގައި ވާހަކަދައްކަމުން އާދަމް ހަންނާދު ބުނެފައިވަނީ، އެ އަމަލު ކުރެވުނީ ބަލިވެގެން މަސްތުވާން ލާރި ނެތިގެން އަދި މަސްތުވާތަކެތި ނުލިބިގެން އައި "ސިނގު ރުޅިއެއްގައި" ކަމަށެވެ. މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ ދަށުންނެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ޤާޟީ ޢަލީ ނަދީމް ކުރެއްވި ހުކުމުގައިވަނީ، މުދަލަށް ގެއްލުންދިނުމުގެ ކުށުން އޭނާ ކުށްވެރިވާކަމަށް ކަނޑައެޅައި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެކަމަކު، ބަންދުގައި ހުރި މުއްދަތު އުނިކުރުމަށްފަހު ތަންފީޒުކުރަންޖެހެނީ 23 ދުވަހެވެ. މި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 2,238.39 ރުފިޔާ ސިވިލް ކޯޓަށް ދެއްކުމަށްވެސް އެންގިއެވެ.
މީގެ އިތުރުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގައިވެސް އާދަމް ހަންނާދުގެ މައްޗަށް ވަނީ ހުކުމް އިއްވައިފައެވެ. އެއީ، މިއަހަރުގެ ޖުލައި ފަސް ވަނަ ދުވަހުގެ ހެނދުނު، ހަވީރީ ހިނގުމުގައި ހުންނަ ކުރީގެ ކްރިމިނަލް ކޯޓުގެ އިމާރާތުގެ ތެރެއިން އެޗްޕީ ބްރޭންޑުގެ ދެ އޯލް-އިން-ވަން ޑެސްކްޓޮޕް ކޮމްޕިއުޓަރާއި ދެ ވޮއިސް ރިކޯޑަރު ވަގަށް ނަގައިގެން ދަނިކޮށް، މަގުމަތިން ފުލުހުންނަށް ފެނިގެން ހުއްޓުވައި ބަލައިފާސްކުރި މައްސަލައެކެވެ.
ޝަރީޢަތުގައި އޭނާ ބުނެފައިވަނީ، ޑެސްކްޓޮޕެއް ހޯދައިދީފިނަމަ ފައިސާ ދޭނެކަމަށް ކޮއްކޮ ބުނެފައިވާތީ، މަސްތުވާން ފައިސާ ހޯދުމުގެ ބޭނުމުގައި ރައްޓެއްސަކާއެކު އެ އިމާރާތަށް ވަދެ ތަކެތި ނެގީ ކަމަށެވެ.
މި މައްސަލައިގައި ޤާޟީ ޢަލީ ނަދީމް އިއްވެވި ހުކުމުގައިވަނީ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުން އޭނާ ކުށްވެރިވާކަމަށް ކަނޑައަޅާފައެވެ. އަދި އޭގެ އަދަބަކަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅިއެވެ. ތަޙުޤީޤު މަރުޙަލާގައި ބަންދުގައި ހުރި 16 ދުވަސް އުނިކުރުމަށްފަހު، ތަންފީޒުކުރަންޖެހޭ އަދަބަކީ ނުވަ މަހާއި ދެ ދުވަހުގެ އަދަބެކެވެ.
އާދަމް ހަންނާދު އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް އެދުނު ނަމަވެސް، އޭނާގެ ކިބައިގައި ޖޫރިމަނާ ދެއްކުމުގެ މާލީ ޤާބިލުކަން ނެތުމާއި، ވައްކަމާއި މިފަދަ ކުށްތަކުގެ ގިނަ ރެކޯޑުތަކެއް އޮތުމުން ކޯޓުން ވަނީ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދެވެން ނެތްކަމަށް ނިންމައިފައެވެ.