އިއްޔެ ހެނދުނުގެ ވަގުތެއްގައި ހިތް ހުއްޓިގެން މަރުވި އިންޑިއާގެ މަޤުބޫލު އެކްޓަރު ނާނާ ޕަޓޭކަރުގެ ވަކިވުމަކީ، އިންޑިއާގެ ސިނަމާއަށް ލިބުނު ވަރަށް ބޮޑު އުނިކަމެއްގެ ގޮތުގައި އެ ޤައުމުގެ ރައީސް ދްރޫޕަދީ މުރުމޫ ސިފަކުރައްވައިފިއެވެ.
"އޭނާ ކުޅެދީފައިވާ ކެރެކްޓާތަކަކީ މީހުންގެ ހިތްތަކާއި ސިކުނޑިތަކަށް ބޮޑު ނުފޫޒެއް ދޫކޮށްލި ކެރެކްޓާތަކެއް. އިޖުތިމާއީ ޚިދުމަތުގައި އޭނާ ދެއްކެވި ސާބިތުކަމަކީ ނިކަމެތިންނަށް އޭނާގެ ހިތުގައި އޮތް އަޅާލުން ރަމްޒުކޮށްދޭ ކަމެއް،" ނާނާގެ މަރުގެ ޚަބަރާއި ގުޅިގެން ނެރުއްވި ތައުޒިއްޔާގެ މެސެޖުގައި ރައީސް ދްރޫޕަދީ މުރުމޫ ވިދާޅުވެފައިވެއެވެ.
އުމުރުން 75 އަހަރުގެ ތަޖުރިބާކާރު އެކްޓަރު ނާނާ ޕާޓޭކަރު، ގޯއާގައި ހުންނަ އޭނާގެ އަމިއްލަ ގޭގައި ހާޓް އެޓޭކެއް ޖެހިގެން މަރުވި ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް ނާނާ ޕަޓޭކަރު މަރުވީ ހިތް ހުއްޓިގެން ކަމަށް އޭނާއަށް ފަރުވާދިން ޑޮކްޓަރުން ވަނީ ފަހުން މީޑިއާގައި ވިދާޅުވެފައެވެ.
ނާނާ ޕަޓޭކަރުގެ ވަކިވުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، ނާނާ އަކީ އެތައް ޖީލެއް ވަންދެން ހަނދާން ހުންނާނެ ފަދަ ކެރެކްޓަރުތަކެއް ބޮޑު ސްކްރީނަށް ގެނެސްދިން ފަންނާނެއް ކަމަށެވެ. އަދި އޭނާގެ ސާދާ އަދި ސީދާ ޚިޔާލުފާޅުކުރުމުގެ ސަބަބުން އެކުގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި އިހުތިރާމް ލިބިފައިވާ، ޤަބޫލުކުރާ ކަންކަމުގައި ފަސްޖެހުމެއް ނެތި ވާހަކަދެއްކި އެކްޓަރެއްގެ ގޮތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ނާނާ ސިފަކުރެއްވިއެވެ.
ނާނާ ޕަޓޭކަރު އަދި އަނބިމީހާ، ނީލާކާންތީ ޕަޓޭކަރު. މި ދެމަފިރިންގެ ކައިވެންޏަށް ދެ ކުދިން ލިބުނުއިރު ދުނިޔޭގައި ހުރީ އެންމެ ކުއްޖެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސްބޮޑުވަޒީރު މޯދީ އިތުރަށް ވިދާޅުވީ، ނާނާ ޕާޓޭކަރު ފަދަ ވަރުގަދަ، އަމިއްލަވަންތަ އަދި ފާހަގަކޮށްލެވޭ ފަންނުވެރިކަމެއް ހުރި އެކްޓަރުން ވަރަށް މަދުވާނެ ކަމަށާއި އޭނާ ކޮންމެ ރޯލަކަށް ވެސް ގެނެސްދިނީ ހައިރާންކުރުވަނިވި ތަފާތުކަމާއި އުފެއްދުންތެރިކަމެއް ކަމަށެވެ. ހިންދީ އަދި މަރާތީ ސިނަމާއަށް އޭނާ ކޮށްދިން ޚިދުމަތްތަކަކީ ވަރަށް ބޮޑު ޚިދުމަތްތަކެއް ކަމަށާއި އޭނާގެ އާއިލާއަށާއި ރަހުމަތްތެރިންނަށް އަދި އޭނާގެ އެތައް މިލިއަން ސަޕޯޓަރުންނަށް ބޮޑުވަޒީރު މޯދީ ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.
ނާނާ ޕަޓޭކަރުގެ ވަކިވުމާ ގުޅިގެން އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ބަޔަކަށް ކުއްލި ސިހުމެއް ލިބިފައިވާއިރު، އެއިން ކޮންމެ ފިލްމީ ތަރިއަކުވެސް ނާނާ ޕަޓޭކަރުއާ އެކު ކުރެވުނު ތަޖުރިބާތަކުގެ ވާހަތަކުން ސޯޝަލް މީޑިއާ ވަނީ ފުރާލާފައެވެ. އަދި ޚާއްސަކޮށް ނާނާ ޕަޓޭކަރާ އެކު މަސައްކަތްކުރި ފިލްމީ ތަރިން އޭނާ ސިފަކޮށްފައިވަނީ ދެވަނައެއް ނެތް މޮޅު އެކްޓަރެއްގެ އިތުރުން އޭނާގެ އަމިއްލަ ވަންތަ ގޮތްތަކާއެކު މީހުންގެ ހިތްތަކުން ޖާގަ ހޯދި އެކްޓަރެއްގެ ގޮތުގައެވެ. އަދި ހަމައެއާއެކު ފިލްމީ ދާއިރާގެ ބޭރުގައިވެސް އޭނާއަކީ ހީރޯއެއް ކަމަށާއި ޗެރިޓީގެ މަސައްކަތްތަކުން އޭނާ ވަނީ ރައްޔިތުންނަށްޓަކައި މިންނެތް މަސައްކަތްތަކެއް ކޮށްދީފައިކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ވަކިން ޚާއްޞަކޮށް، މަހާރާޝްތުރާގެ ރަށްފުށުގެ ސަރަހައްދުތަކުގައި ދަނޑުވެރިންނަށް އެހީތެރިވުމަށް 'ނާމް ފައުންޑޭޝަން' މެދުވެރިކޮށް އޭނާ ކުރަމުން އައި އަގުހުރި މަސައްކަތްތައް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.
ނާނާ ޕަޓޭކަރު ފެނުނީ ގޯއާގެ، ޑޯނާ ޕައުލާގައި ހުންނަ އޭނާގެ ގޭގައި ޚަބަރު ހުސްވެފައި އޮއްވައެވެ. ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުން ވަނީ އޭނާ މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. ސާޅީސް ފަސް މިނިޓް ވަންދެން ސީޕީއާރު ދީގެންވެސް އޭނާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ. މި މައްސަލައިގައި މެޑިކޯ-ލީގަލް ކޭސްއެއް ރަޖިސްޓްރީކޮށް، ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ނިންމާފައެވެ. އޭނާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ، މި އަހަރު ރިލީޒްކުރި ފިލްމު "އޯ ރޯމިއޯ" އަދި "ސުބޭދާރު"ގެ ރޯލަކުންނެވެ. ނާނާގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ، މި އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ދެ ފިލްމު ކަމަށްވާ "އީތާ" އަދި "ޝަކްތީ ޝާލިނީ" ހިމެނެއެވެ.