ވިޖޭ އާއި ރަޝްމިކާގެ ލޯބި ކާމިޔާބުވުމުގެ ސިއްރު: ދުވާލަކު 10-15 ފަހަރު ލޯބިވާކަން ހާމަކުރޭ

ވިޖޭ ދެވެރަކޮންދާ އަދި ރަޝްމިކާ މަންދަންނާ، ކައިވެނީގެ ކުރިން ބޭއްވި ދެ ތަރިންގެ ސަންގީތު ހަފްލާގައި--ފޮޓޯ/އެންޑީޓީވީ

އިންޑިއާގެ ސިނަމާގައި ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ދެމަފިރިން ކަމަށްވާ ވިޖޭ ދޭވަރަކޮންޑާ އަދި ރަޝްމިކާ މަންދަންނާ ވަނީ، ދާދިފަހުން އެމީހުންގެ އަމިއްލަ ގުޅުމާއި، ކައިވެންޏާއި އަދި އަހަރުތަކެއް ވަންދެން ދެ މީހުންގެ މެދުގައި އޮތް ލޯތްބާމެދު ވިސްނުން ބަދަލުވަމުން އައި ގޮތުގެ ވާހަކަތައް ހިއްސާކޮށްފައެވެ.

ޕްރަކާރް ގުޕްތާގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން އެމީހުން ފާހަގަކުރީ، ގުޅުމެއް ބަދަހިކޮށް ދެމެހެއްޓުމުގައި ކުދިކުދި އާދަތަކުން ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމަށެވެ.

މި ޕޮޑްކާސްޓުގައި ވާހަކަދައްކަމުން ވިޖޭ ބުނީ، ރަޝްމިކާއަކީ ގުޅުމެއްގެ ތެރޭގައި އިހުސާސްތައް ފާޅުކުރުމަށް ވަރަށް ބޮޑަށް އިސްކަންދޭ މީހެއް ކަމަށެވެ. އެގޮތުން، ކޮންމެ ދުވަހަކުވެސް މަދުވެގެން 10އެއް ނުވަތަ 15 ފަހަރު އޭނާ ދެކެ ލޯބިވާކަން ރަޝްމިކާ ފާޅުކުރާ ކަމަށް ވިޖޭ ބުންޏެވެ. އަދި ހިތުގައިވާ ލޯބި އަނގަބަހުން ބަޔާންކޮށްދިނުމަކީ ގުޅުމެއްގެ ބިންގާ ވަރުގަދަކުރުމަށް ކޮންމެހެން މުހިންމު ކަމެއްކަން ރަޝްމިކާ އަބަދުވެސް ހަނދާންކޮށްދޭ ކަމަށް އޭނާ ފާހަގަކުރިއެވެ.

ވިޖޭ އާއި ރަޝްމިކާ އެކީގައި މަސައްކަތްކުރާ ތިން ވަނަ ފިލްމު "ރަނަބާލީ"ގެ މަންޒަރެއް--ފޮޓޯ/އެންޑީޓީވީ

އަނެކާއަށް އެނގޭނެ ކަމަށް ބަލައިގެން ހަނުހުރުމުގެ ބަދަލުގައި، ސާފު ބަހުން އެކަން ހާމަކުރުމަކީ ދެމެދުގައި އޮންނަ އިތުބާރު އިތުރުވެގެންދާ ކަމެއް ކަމަށް އެ ދެމީހުން ދެކެއެވެ. މީގެއިތުރުން، ދެމީހުންގެ ދެމެދުގައި އޮންނަ ގާތްކަމާއި، އާއިލީ ގުޅުންތަކުގެ މުހިންމުކަމާ ބެހޭގޮތުންވެސް ވިޖޭގެ ދެމަފިރިން ވާހަކަދެއްކިއެވެ.

ލޯބީގެ ގުޅުމުގެ އިތުރުން، ދެތަރިން ވަނީ އާއިލީ ގުޅުންތަކާއި މައިންބަފައިންގެ އުފަލަށް އިސްކަންދިނުމާ ބެހޭގޮތުން ވެސް އަސަރުގަދަ ވާހަކަތަކެއް ދައްކާފައެވެ. ރަޝްމިކާ ބުނި ގޮތުގައި އޭނާގެ ދިރިއުޅުމުގެ ކޮންމެ ނިންމުމެއްގައިވެސް މައިންބަފައިންގެ އިރުޝާދާއި އެއްބާރުލުން ވަރަށް މުހިންމެވެ. އަމިއްލަ އުފަލެކޭ އެއްގޮތަށް މައިންބަފައިންގެ އުފަލަށް އިސްކަންދިނުމަކީ ދިރިއުޅުމުގައި ބަރަކާތް ލިބޭ ކަމެއް ކަމަށް ދެތަރިންވެސް އިއްތިފާގުވިއެވެ. އަދި ކުޑައިރު ދިމާވި ގޮންޖެހުންތަކާއި ހުރި ބިރުވެރިކަމުން އަރައިގަނެ، އަމިއްލަ ނަފްސަށް އޮތް އިތުބާރު ބޮޑުވުމުގައި އާއިލާގެ ދައުރު ބޮޑުކަން އެމީހުން ހިއްސާކުރިއެވެ.

ވިޖޭ ފާހަގަކުރި ގޮތުގައި ދިރިއުޅުމުގައި ލިބޭ އުމުރަކީ މަހުދޫދު އެއްޗަކަށްވާތީ، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ގޭގައި ތިބޭ މީހުންނާއި އާއިލާގެ އުފަލަށްޓަކައި މަސައްކަތްކުރުމަކީ އަސްލު ލޯބީގެ މާނައެވެ. ކައިވެންޏަށްފަހު މައިންބަފައިންނާއި ބައިވެރިޔާގެ ދެމެދުގައި އޮންނަ ގާތްކަމަކީ ގުޅުން އިތުރަށް ބަދަހިކޮށްދޭ ކަމެއް ކަމަށްވެސް އޭނާ ބުންޏެވެ.

މީގެކުރިން ދެ ފިލްމެއްގައި އެކީގައި މަސައްކަތްކޮށްފައިވާ ވިޖޭ އާއި ރަޝްމިކާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ދެ ތަރިން އެކީގައި ލީޑް ރޯލްތައް ކުޅެފައިވާ ފިލްމު "ރަނަބާލީ"އިންނެވެ. މި އަންނަ ހަފްތާގެ ހުކުރު ދުވަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް މި ފިލްމަކީ، ރާހުލް ސަންކްރިތިޔަން ޑައިރެކްޓްކޮށް، މައިތުރީ މޫވީ މޭކާސްއިން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

comment ކޮމެންޓް