ބޮލީވުޑާއި ހޮލީވުޑްގެ އަޚްލާޤީ މިންގަނޑުތަކުގެ ދެމެދުގައި ބޮޑު ތަފާތެއް އެބައޮތް: ވިދްޔުތު

އިންޑިއާގެ އެކްޓަރު ވިދްޔުތު ޖަމްވާލު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑާއި ހޮލީވުޑްގެ އަޚްލާޤީ މިންގަނޑުތަކުގެ ދެމެދުގައި ބޮޑު ތަފާތެއް އެބައޮތް ކަމަށް، ދުނިޔޭގެ މަޤްބޫލު ފްރެންޗައިޒް "ސްޓްރީޓް ފައިޓާ"އިން ހޮލީވުޑަށް ތަޢާރަފުވާ އިންޑިއާގެ މަޝްހޫރު އެކްޝަން ތަރި ވިދްޔުތު ޖަމްވާލް ބުނެފިއެވެ.

މުމްބާއީގައި ބޭއްވި ޕެރަމައުންޓް ޕިކްޗާސްގެ ޚާއްޞަ އިވެންޓެއްގައި ވާހަކަދައްކަމުން، ކުރިއަށް އޮތް ހޮލީވުޑް އެކްޝަން ފިލްމު "ސްޓްރީޓް ފައިޓާ"ގެ ތަޖުރިބާތައް ވިދްޔުތު ޖަމްވާލް ވަނީ އޭނާގެ ސަޕޯޓަރުންނާ ޙިއްޞާކޮށްފައެވެ. ބައިނަލްއަޤްވާމީ ފެންވަރުގެ މަޝްހޫރު ތަރިންނާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ލިބުނު މި ފިލްމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ވީޑިއޯ ގޭމް ފްރެންޗައިޒްއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

މި އިވެންޓުގައި ވިދްޔުތު ވަނީ ފިލްމުގައި އޭނާއާއެކު ފެނިގެންދާ 'ޑަބްލިޔުޑަބްލިޔުއީ'ގެ ތަރި ރޯމަން ރެއިންސް އަދި ހިޕްހޮޕްގެ މަޝްހޫރު ފަންނާނު 50 ސެންޓް ފަދަ ތަރިންގެ މަސައްކަތަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ. އަދި ބޮލީވުޑާއި ހޮލީވުޑްގައި މަސައްކަތްކުރުމުގައި ހުރި ތަފާތުތަކާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބުދެމުން، އޭނާ އެންމެ ބޮޑަށް ފާހަގަކުރީ މަސައްކަތުގެ މާޙައުލުގައި ހުންނަ ނަމޫނާ ސުލޫކާއި، ވަގުތަށް ފަރުވާތެރިވުމުގެ ހަރުދަނާ މިންގަނޑުތަކެވެ.

"އެކްޓަރުން ބުނާތީ އަޑުއިވޭ ހޮލީވުޑްގެ ބަޖެޓުތައް ވަރަށް ބޮޑޭ. ނަމަވެސް އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ އެމީހުންގެ އަޚްލާޤީ މިންގަނޑު. ސެޓެއްގައި ހަރަކާތްތެރިވާ 300 އަށްވުރެ ގިނަ މީހުން އެހާ އިންތިޒާމުވެގެން، ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލަނބައިގެން މަސައްކަތްކުރާ މަންޒަރު ފެނުނު މިއީ ފުރަތަމަ ފަހަރު" ހޮލީވުޑްގެ ތަޖުރިބާއާ ގުޅޭގޮތުން ވިދްޔުތު ބުންޏެވެ.

ވިދްޔުތު ފިލްމު "ސްޓްރީޓް ފައިޓާ"ގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އަޚްލާޤީ މިންގަނޑުތަކުގެ ތެރެއިން ޚާއްޞަކޮށް ގަޑިއަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ފާހަގަކުރަމުން އޭނާ ބުނީ، ހޮލީވުޑްގެ ސެޓުތަކުގައި "ލަސްވުން" އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"50 ސެންޓް، ޖޭސަން މޮމޯއާ ނުވަތަ ކޯޑީ ރޯޑްސް ފަދަ ކޮންމެ ތަރިއަކު ވިޔަސް، އެއިން އެއްވެސް ފަންނާނަކަށް ގަޑިއަކަށް ލަހެއް ނުވޭ. އެމީހުންގެ ވިސްނުމުގައި ލަސްވުމުގެ މާނައެއްވެސް ނޯވޭ. އެކަކުވެސް އެންމެ މިނެޓަކަށް ލަސްވިނަމަވެސް، އެމީހެއްގެ ޙާލު ރަނގަޅުތޯ ބެލުމަށް ޕްރޮޑަކްޝަނުން ގުޅާނެ. މިއީ ވަރަށް ބޮޑު ތަފާތެއް" ވިދްޔުތު އިތުރަށް ބުންޏެވެ.

މީގެއިތުރުން، މަސައްކަތްތެރިންނަށް ޙައްޤު އުޖޫރަ ދިނުމުގައި ޤާނޫނުތައް ތަންފީޛުކުރާ ހަރުދަނާ އުޞޫލުތަކަށްވެސް ވިދްޔުތު އަލިއަޅުވާލިއެވެ.

"އެ ޤައުމުގެ ޤާނޫނުތައް ވަރަށް ވަރުގަދަ. އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ކޮންމެ މިނެޓަކަށްވެސް ފަންނީ އެހީތެރިންނަށް ޙައްޤުވާ ފައިސާ ލިބޭނެ. އެހެންވެ، ޙައްޤުތައް ގެއްލިގެން ނުދާނެކަމުގެ ފުރިހަމަ އިތުބާރު އޮންނާތީ، ފަންނީ މީހުން އަމިއްލައަށް އިތުރުގަޑީގައި މަސައްކަތްކުރަން ބޭނުންވޭ. މިފަދަ ބޮޑެތި ޕްރޮޑަކްޝަންތަކާއެކު މަސައްކަތްކޮށްލުމުން އެނގެނީ މި ތަފާތު. އަޅުގަނޑުމެންނަށް އެ ފެންވަރަށް ވާޞިލުވުމަށް އަދި ވަގުތު ނަގާނެ. އަޅުގަނޑުމެންވެސް އުޞޫލުތަކަށް އިޙްތިރާމްކުރަން، ނަމަވެސް މިއަށްވުރެ ރަނގަޅުކޮށް އިތުރަށް ކުރިއަރައިދެވޭނެ" ފިލްމު "ކޮމާންޑޯ"އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދި އެކްޓަރު ބުންޏެވެ.

މި ފިލްމުގައި އޭނާ ކުޅޭ ރޯލާ ބެހޭގޮތުން ވިދްޔުތު ބުނީ، މިއީ އޭނާގެ މުޅި އުމުރުގައިވެސް ނުސީދާ ގޮތެއްގައި ތައްޔާރުވަމުން އައި ރޯލެއް ކަމަށެވެ. އަދި އޭނާ ހާސިލުކޮށްފައިވާ މާޝަލް އާޓްސް ތަމްރީނުތަކާއި ކެރެކްޓަރާ ހުރި ގުޅުން ބަޔާންކުރަމުން ބުނީ، ވީޑިއޯ ގޭމުގައި ފެންނަނީ ހަމައެކަނި އަތްފައި ދެމިގެންދާ މަންޒަރު ކަމަށެވެ. ނަމަވެސް 'ކަލަރިޕަޔައްޓޫ'ގެ ޙަޤީޤީ މާޝަލް އާޓްސް ތަމްރީނުތަކުގައި ފުޅާވެގެންދަނީ އިންސާނާގެ ސިކުނޑި ކަމަށާއި ސިކުނޑިއަކީ އެމީހަކު ބޭނުން ކޮންމެ މިޞްރާބަކަށްވެސް ވާޞިލުކޮށްދެވޭނެ އެއްޗެއް ކަމަށް ވިދްޔުތު ބުނެފައިވެއެވެ.

ފިލްމު "ސްޓްރީޓް ފައިޓާ"ގައި ވިދްޔުތު ކުޅޭ 'ދާލްސިމް'ގެ ކެރެކްޓަރަށް ޚާއްޞަކޮށްގެން ނެރުނު ޕްރޮމޯގައި، ފިލްމުގެ ޑައިރެކްޓަރު ކިޓާއޯ ސަކުރާއީ ވަނީ ވިދްޔުތަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ. އެ ކެރެކްޓާ ނުހިމަނައި "ސްޓްރީޓް ފައިޓާ" ފުރިހަމައެއް ނުވާނެ ކަމަށާއި ވިދްޔުތު ޖަމްވާލަކީ މި ކެރެކްޓަރަށް އެންމެ ފުރިހަމައަށް ގުޅޭ ތަރި ކަމަށް އޭނާ ވަނީ ބުނެފައެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ މި އަންނަ ހަފްތާގެ ހުކުރު ދުވަހަށެވެ.

comment ކޮމެންޓް