އުމުރުން 40 އަހަރުން މަތީގެ މީހުން ކެންސަރު ބަލިން ރައްކާތެރިވުމަށްޓަކައި ގަވާއިދުން ހެދުން މުހިންމު ޓެސްޓުތައް

ޢުމުރުން 40 އަހަރުން މަތީގެ މީހުން ކެންސަރަށް ސްކްރީންކުރުން: ޓިއުމާ މާކަރުތަކުން ސައްހަ މަޢުލޫމާތަށްވުރެ ބޮޑަށް އުފެދެނީ އޮޅުންބޮޅުން!

ޢުމުރުން 40 އަހަރުން މަތިވުމާއެކު ޤަވާއިދުން ސިއްޙީ ތަހުލީލުތައް ކުރުމަކީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ނުހަނު ބޭނުންތެރި ކަމެކެވެ. ނަމަވެސް، އެކަށީގެންވާ ސަބަބެއް ނެތި އަދި ވަކި އުސޫލަކަށް ބެލުމެއްނެތި ހަދާ "ޓިއުމާ މާކަރު" ތަހުލީލުތަކުގެ ސަބަބުން ކަންބޮޑުވުންތަކެއް އުފެދި، ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަމަށް ސިއްހީ މާހިރުން އިންޒާރު ދެއްވައެވެ.

އޮންކޮލޮޖިސްޓް ޑޮކްޓަރު ތަރަންގް ކްރިޝްނާ ދާދިފަހުން ވިދާޅުވެފައިވަނީ، 40 އަހަރުން މަތީގެ މީހުން ކެންސަރު ބަލިން ރައްކާތެރިވުމަށްޓަކައި ޤަވާއިދުން ވަކި ޓެސްޓުތަކެއް ހަދަންޖެހޭ ކަމަށެވެ. އެގޮތުން އޭނާގެ ޔޫޓިއުބް ޗެނަލްގައި ހިއްސާކުރެއްވި ލިސްޓުގައި، ލިވަ ފަންކްޝަން ޓެސްޓު (އެލްއެފްޓީ)، ކޮމްޕްލީޓް ބްލަޑް ކައުންޓް (ސީބީސީ)، ކިޑްނީ ފަންކްޝަން ޓެސްޓު (ކޭއެފްޓީ)، ޕްރޮސްޓޭޓް-ސްޕެސިފިކް އެންޓިޖެން (ޕީއެސްއޭ) އަދި ކާބޯހައިޑްރޭޓް އެންޓިޖެން 19-9 (ސީއޭ 19-9) ހިމެނެއެވެ.

ޑޮކްޓަރު ކްރިޝްނާގެ މި ލަފައަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ކެންސަރު ފަދަ ބަލިތައް ކުރީކޮޅު ދެނެގަތުމަށް ބާރުއަޅާ ވާހަކަތަކެއް ނަމަވެސް، އާކާޝް ހެލްތުކެއާގެ ސާޖިކަލް އޮންކޮލޮޖީ ޑިރެކްޓަރު ޑޮކްޓަރު އަރުން ކުމާރު ގިރީ މިކަމާމެދު ދެކެވަޑައިގަންނަވަނީ ތަފާތު ގޮތަކަށެވެ. އޭނާ ވިދާޅުވާ ގޮތުގައި ސީބީސީ، އެލްއެފްޓީ އަދި ކޭއެފްޓީ ފަދަ ޓެސްޓުތަކަކީ އާންމު ސިއްހަތު ދެނެގަތުމަށް ބޭނުންތެރި ޓެސްޓުތަކެއް ނަމަވެސް، އެ ތަހުލީލުތަކުން އެކަނި ކެންސަރު ދެނެގަނެވޭނެ ނުވަތަ އެ ބަލިން ރައްކާތެރިކޮށްދެވޭނެ ގޮތެއް ނޯންނާނެއެވެ.

ކެންސަރަށް ސްކްރީން ކުރަންވާނީ ބިރުވެރިކަމެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށާއި، އެއީ ޢުމުރާއި، އަލާމާތްތަކާއި، އާއިލީ ތާރީޚުގެ އިތުރުން ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާކޮށް ކުރަންޖެހޭ ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ޑޮކްޓަރު އަރުން ކުމާރު ފާހަގަކުރެއްވި ގޮތުގައި، ކެންސަރު ސްކްރީން ކުރުމަކީ ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާވެގެންވާ ޚާއްސަ އުސޫލުތަކަކުން ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން، އެއްވެސް ޢަލާމާތެއް ނެތް، އަދި އާއިލީ ތާރީޚެއް ނުވަތަ ބަލީގެ ނުރައްކަލެއް ނެތް ނަމަވެސް، 40 އަހަރުން މަތީގެ އެންމެން އާންމުކޮށް ޓިއުމާ މާކަރު ތަހުލީލުތައް ހެދުމަށް އިރުޝާދު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވެއެވެ.

ވަކި އުސޫލެއް ނެތި ޓިއުމާ މާކަރު ތަހުލީލުތައް ކުރުމުން ނުކުމެދާނެ ނަތީޖާތަކަށް ބަލާއިރު، ޕީއެސްއޭ އަދި ސީއޭ 19-9 ފަދަ މާކަރުތަކުގެ ސަބަބުން ބައެއް ފަހަރު ސައްހަ މައުލޫމާތަށްވުރެ ބޮޑަށް އޮޅުންބޮޅުންތައް އުފެދެއެވެ. މިސާލަކަށް، ކެންސަރު ނޫން އެހެން އިންފެކްޝަނެއް ނުވަތަ އާދައިގެ ދުޅަކަމެއްގެ ސަބަބުން ވެސް ޕީއެސްއޭ މަތިވެދާނެ ކަމަށް ޑރ. އަރުން ކުމާރު ވިދާޅުވެއެވެ. ހަމައެއާއެކު، ސީ.އޭ 19-9 އަކީ ވެސް ދުންފަތުގެ އިސްތިއުމާލުކުރުމާއި، މޭގަނޑުގެ ބަލިތައް ނުވަތަ މައިދާގެ މައްސަލަތަކުގެ ސަބަބުން މަތިވެދާނެ މާކަރެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިކަމުގެ ސަބަބުން ކުރިމަތިވެދާނެ މައިގަނޑު ތިން ނުރައްކަލުގެތެރޭ، ތަހުލީލުތަކުގެ ނަތީޖާ ރަނގަޅުކަމަށް ދެއްކި ނަމަވެސް، ފަހުން ކެންސަރު އުފެދުމުގެ ފުރުސަތު އޮތުމުން ލިބޭ ސައްހަނޫން ހިތްހަމަޖެހުން، ޓިއުމާ މާކަރު މަތިވުމުން އުފެދޭ ހާސްކަމާއި، އޭގެ ސަބަބުން ތަކުރާރުކޮށް ހަދަންޖެހޭ އިތުރު ޓެސްޓުތަކުގެ ސަބަބުން ކުރިމަތިވާ ނަފްސާނީ ނުތަނަވަސްކަން އަދި ފުރާނައަށް އެއްވެސް ނުރައްކަލެއް ނެތް ކުދި މައްސަލަތައް ފާހަގަކުރެވި، އޭގެ ސަބަބުން ބޭކާރު އޮޕަރޭޝަންތަކާއި ފަރުވާތަކަށް ދާންޖެހުން ހިމެނެއެވެ.

ޑޮކްޓަރު ޑރ. އަރުން ކުމާރު ވިދާޅުވީ، ސްކްރީން ކުރަންވާނީ ބިރުވެރިކަމެއްގެ މައްޗަށް ބިނާކޮށެއް ނޫނެވެ. އެއީ ޢުމުރާއި، އަލާމާތްތަކާއި، އާއިލީ ތާރީޚުގެ އިތުރުން ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާކޮށް ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

ރައްކާތެރިކަމުގެ ސިއްހީ ފަރުވާގެ ޙަޤީޤީ މަޤުސަދަކީ ވަކި ހައްދެއްނެތި ތަހުލީލުތައް ކުރުމުގެ ބަދަލުގައި، ދެމެހެއްޓެނިވި ދުޅަހެޔޮކަން ކަށަވަރުކުރުމާއި، ދާއިމީ ބަލިތައް ކުރީކޮޅު ދެނެގަނެ އެކަމަށް ފިޔަވަޅު އެޅުން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ޢުމުރުން 40 އަހަރުން މަތީގެ މީހުންނަށް ޢިލްމީ ގޮތުން ސާބިތުވެފައިވާ އިރުޝާދުތަކަށް ބަލާއިރު، ސްކްރީންކުރުން ތަފާތުވާންޖެހެނީ ޢުމުރާއި، ޖިންސާއި، ދިރިއުޅުމުގެ ވައްޓަފާޅި އާއި، އަމިއްލަ ސިއްހީ ނުރައްކާތަކަށް ބަލައިގެންނެވެ. އެގޮތުން އުރަމަތީގެ ކެންސަރު ދެނެގަތުމަށް މެމޯގްރާމް ހެދުމާއި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ޕެޕް ސްމިއާ ނުވަތަ އެޗްޕީވީ ޓެސްޓު ހެދުން ހިމެނެއެވެ. ދެޖިންސުގެ މީހުންނަށް ވެސް ޢުމުރުގެ މެދުހިސާބުން ފެށިގެން ގޮހޮރުގެ ކެންސަރު ދެނެގަތުމަށް ބޮޑުކަމުދާ ތަކެތީގެ ޓެސްޓު ނުވަތަ ކޮލޮނޮސްކޯޕީ ހެދިދާނެއެވެ.

އަދި ގިނަދުވަސްވަންދެން ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ފަދަ ނުރައްކާ ބޮޑު މީހުންނަށް 'ލޯ-ޑޯޒް ސީޓީ ސްކޭން' ބޭނުންކުރެވިދާނެއެވެ. މީގެއިތުރުން، ޕްރޮސްޓޭޓް ކެންސަރަށް ޕީއެސްއޭ ޓެސްޓު ހެދުމަކީ އެންމެން އާންމުކޮށް ކުރުމުގެ ބަދަލުގައި، ޑޮކްޓަރާ މަޝްވަރާކޮށް، ނުރައްކަލެއް އޮތްކަން ފާހަގަކުރެވޭނަމަ އެކަނި ކުރަންޖެހޭ ކަމެކެވެ.

ޢުމުރުން 40 އަހަރުން މަތީގެ މީހުން ހަދާ އާންމު ރައްކާތެރިކަމުގެ ސިއްހީ ތަހުލީލެއްގައި މައިގަނޑު ގޮތެއްގައި ހިމެނެންވާނީ؛ ލޭގެ ޕްރެޝަރު، ލޭގައި ހަކުރު ހުރި މިންވަރު، ލިޕިޑް ޕްރޮފައިލް އަދި ބަރުދަނާއި ބީއެމްއައި ބެލުމެވެ. މީގެއިތުރުން ސީބީސީ، މޭގަނޑާއި ފުރަމޭގެ ފަންކްޝަން ޓެސްޓުތަކާއި، ޑޮކްޓަރު ލަފާދެއްވައިފިނަމަ ތައިރޮއިޑް ޓެސްޓު ހެދުމާއި، ވެކްސިންތައް ފުރިހަމަކުރުން ހިމެނެއެވެ. އަދި ނިދުމާއި، ކެއިންބުއިމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ކަސްރަތު ކުރުމުގެ އިތުރުން ދުންފަތާއި މަސްތުވާތަކެއްޗާ ދުރުހެލިވުމަށް އިރުޝާދު ހޯދުން މުހިންމެވެ.

ޑޮކްޓަރު އަރުން ކުމާރު ވިދާޅުވި ގޮތުގައި، ރައްކާތެރިކަމުގެ ސިއްހީ ފަރުވާގެ ޙަޤީޤީ މަޤުސަދަކީ ވަކި ހައްދެއްނެތި ތަހުލީލުތައް ކުރުމެއް ނޫނެވެ. އޭގެ އަސްލަކީ ދެމެހެއްޓެނިވި ދުޅަހެޔޮކަން ކަށަވަރުކުރުމާއި، ދާއިމީ ބަލިތައް ކުރީކޮޅު ދެނެގަނެ އެކަމަށް ފިޔަވަޅު އެޅުމެވެ.

comment ކޮމެންޓް