އަންހެނުންނަށް ސާޖިދާގެ އިލްތިމާސެއް: އަމިއްލަ ސިއްޙަތާ ގުޅިގެން ހުންނަ ކަންބޮޑުވުންތަކަށް ފަރުވާކުރުން ލަސްނުކުރޭ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމަށް ފެށި ސިމްޕޯޒިއަމްގައި ސާޖިދާ ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

އަމިއްލަ ސިއްހަތާ ގުޅިގެން ހުންނަ ކަންބޮޑުވުންތަކަށް ފަރުވާ ކުރުން ލަސްނުކޮށް، އަވަހަށް ފަރުވާ ހޯދުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު އަންހެނުންނަށް އިލްތިމާސްކުރައްވައިފިއެވެ.

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުމުގެ ސިމްޕޯޒިމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ ކަމަނާ ވިދާޅުވީ، އެ ބާވަތުގެ ކެންސަރު ފަރުވާ ފެށެނީ ހޭލުންތެރިކަމުން ކަމަށެވެ.

މިގޮތުން، ހަށިގަނޑަށް އަންނަ ބަދަލުތައް ފާހަގަކޮށް، އެ ކަމަށް ހޭލުންތެރިވެފައި ތިބުމުގެ މުހިންމުކަން އެ ކަމަނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ގިނަ އަދަދެއްގެ ދިވެހި އަންހެނުންނަށް އުރަމަތީގެ ކެންސަރު ތަހައްމަލުކުރަން ޖެހޭކަން ފާހަގަކުރައްވަމުން ސާޖިދާ ވިދާޅުވީ، އެކަކަށް ބަލި ޖެހުނަސް މި ބަލީގެ އަސަރު އެތައް ބަޔަކަށް ކުރާ ކަމަށެވެ.

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމަށް ފެށި ސިމްޕޯޒިއަމްގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އެ ކަމަނާ ފާހަގަކުރެއްވި ގޮތުގައި، އުރަމައްޗަށް ޖެހޭ ކެންސަރު ދުރާލައި ދެނެގަނެވުމަކީ އެ ބަލިން ސަލާމަތް ވުމުގެ ފުރުސަތު ބޮޑު ކަމެކެވެ.

އެ ކަމަނާ ވަނީ، އަންހެނުންނަށް އިލްތިމާސެއް ކުރައްވާފައެވެ.

"ކޮންމެ އަންހެނަކަށް ބުނެލަން ބޭނުންވަނީ އަމިއްލަ ސިއްޙަތާ ގުޅިގެން ހުންނަ ކަންބޮޑުވުންތައް ލަސްނުކުރައްވާށޭ. އަމިއްލަ ސިއްޙަތަށް އިސްކަންދެއްވާ. ފުރަތަމަ ފިޔަވަޅު އަޅައި، ސިއްޙީ ބޭފުޅެއްގެ އެހީތެރިކަން ހޯއްދަވާ. އެ ވެދާނެ އެއީ އަމިއްލަ ނަފުސަށްޓަކައި އަދި ލޯބިވާ މީހުންނަށްޓަކައި ނިންމާ އެންމެ މުހިންމު ނިންމުމަށް" ސާޖިދާ ވިދާޅުވިއެވެ.

މީގެއިތުރުން، ދުރާލައި އުރަމަތީގެ ކެންސަރު ދެނެގަތުމަށް ގަވައިދުން ޗެކަޕް ހެދުމަށާއި އަމިއްލައަށް ވެސް ދުރާލައި އެހީތެރިކަން ހޯދުމަށް ސާޖިދާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

އެ ކަމަނާ ވިދާޅުވީ، މި ބަލި އަވަހަށް ދެނެގަތުމަށް އޭއައިއާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރަމުން އަންނަ ކަމަށާއި އެ ވަސީލަތްތަކުގެ ބޭނުން ރަނގަޅަށް ހިފުމަށް ސިއްހީ މާހިރުންގެ ހުނަރުތައް ތަރައްގީ ކުރަން ޖެހޭ ކަމަށެވެ.

އުރަމަތީގެ ކެންސަރަށް ފަރުވާ ދިނުމަށް ގުދުރަތީ ގޮތުން ރާއްޖޭގެ ރަށްތައް ވަކިވަކިން ހުރުމުން ގޮންޖެހުމަކަށް ވެގެން ނުވާނެ ކަމަށާއި އެ ކަން ކުރެވޭނީ އެކި ކަންކޮޅުތަކުގައި ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހިގެންކަން ސާޖިދާ ފާހަގަކުރައްވާފައިވެއެވެ.

comment ކޮމެންޓް