ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީއޭއޭ1' އަށް މަތިކުރީ، ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ބޮޑެތި ދަރަނިތައް ދައްކައި، ކުރިއަށް އޮތް ތަނުގައި ދަރަނި ނުދެއްކިދާނެ ކަމުގެ ނުރައްކާ ބޮޑުތަނުން ކުޑަކުރެވިފައިވާތީ ކަމަށް ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީޒްއިން މިއަދު ބުނެފިއެވެ.
ރާއްޖޭގެ އިގުތިޞާދީ ހާލަތާ ގުޅޭގޮތުން މޫޑީޒްއިން ނެރުނު އެންމެ ފަހުގެ އެސެސްމަންޓުގައި ބުނެފައިވަނީ، ރޭޓިން މަތިކޮށް، އައުޓްލުކް 'ސްޓޭބަލް' ނުވަތަ ހަމަހަމަ ހާލަތެއްގައި ބެހެއްޓުމަށް ނިންމީ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ވަރުގަދަވެ، ބޭރުގެ މާލީ އެހީތެރިކަން މެދުނުކެނޑި ލިބެމުންދާތީ ކަމަށެވެ.
މޫޑީޒްއިން ފާހަގަކުރި ގޮތުގައި، 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ބޮޑު ސުކޫކު ސަރުކާރުން ވަނީ ކާމިޔާބުކަމާއެކު އަދާކޮށްފައެވެ. މީގެއިތުރުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދެ ޓްރެޝަރީ ބިލާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީ ވެސް ވަނީ ދައްކައި ޚަލާސްކޮށްފައެވެ. އަދި އަބޫދާބީ ފަންޑަށް ދައްކަންޖެހޭ 100 މިލިއަން ޑޮލަރު އަނބުރާ ދެއްކުމުގެ މުއްދަތު 2031 ވަނަ އަހަރާ ހަމައަށް ވަނީ އިތުރުކުރެވިފައެވެ.
މި ދަރަނިތައް ދެއްކުމާ ގުޅިގެން، 2025ގެ ނިޔަލަށް 2.8 ބިލިއަން ޑޮލަރުގައި (ޖީޑީޕީގެ 35 އިންސައްތަ) ހުރި ބޭރުގެ ދަރަނި ވަނީ 2026ގެ ދެވަނަ ކުއާޓަރާ ހަމައަށް އައިއިރު 2.4 ބިލިއަން ޑޮލަރަށް (ޖީޑީޕީގެ 30 އިންސައްތަ) ދަށްކުރެވިފައެވެ. އަދި 2026 ގެ ފަހު ކުއާޓަރުގައި ދައްކަން ބާކީ އޮތީ 411 މިލިއަން ޑޮލަރު ކަމަށާއި، 2027 ވަނަ އަހަރު ދައްކަންޖެހޭ މިންވަރު 428 މިލިއަން ޑޮލަރަށް ކުޑަވެ، ކުރިއަށް އޮތް ތަނުގައި ދަރަނި އަދާކުރުމުގެ ބުރަ ވަރަށް ބޮޑަށް ލުއިވެފައިވާ ކަމަށް މޫޑީޒްއިން ބުނެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ކާމިޔާބީގެ މައިގަނޑު އަސާސަކީ 2024 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ސަރުކާރުން ބޭރު ފައިސާއާ ގުޅޭގޮތުން އެޅި ހަރުދަނާ ފިޔަވަޅުތަކެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ބޭރު ފައިސާ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރުމަށް އެކުލަވައިލި ގަވާއިދުތަކާއި، ޓޫރިޒަމާ ގުޅުންހުރި ޓެކުސްތައް ބޭރު ފައިސާއިން ނަގަން ފެށުމަކީ ރިޒާވް އަލުން ބިނާކުރުމަށް ލިބުނު ބޮޑު ބާރެކެވެ. މީގެ ސަބަބުން، ބޮޑެތި ދަރަނިތައް ދެއްކުމުގެ ކުރިން ރަސްމީ ރިޒާވް 1.3 ބިލިއަން ޑޮލަރަށް އަދި އެސްޑީއެފް 320 މިލިއަން ޑޮލަރަށް ޖަމާކުރެވުނު ކަމަށް މޫޑީޒްއިން ފާހަގަކުރިއެވެ.
ރޭޓިން މަތިކުރި ނަމަވެސް، 'ސީއޭއޭ1' އަކީ އަދިވެސް ދަށް ދަރަޖައެއްކަން ފާހަގަކޮށް މޫޑީޒްއިން ބުނީ، އިގުތިސާދީ ގޮންޖެހުންތައް އަދިވެސް އެބަހުރި ކަމަށެވެ. އެގޮތުން ތެލާއި ދަތުރުފަތުރުގެ އަގު އުފުލުމާއި، 2026 ވަނަ އަހަރު ބަޖެޓް ޑެފިސިޓް ޖީޑީޕީގެ 8.0 އިންސައްތައާއި 8.5 އިންސައްތައާ ދެމެދު ހުންނާނެ ކަމަށް ލަފާކުރެވޭތީ، މާލީ ރައްކާތެރިކަން ދެމެހެއްޓުމަށް ސަމާލުވާންޖެހޭ ކަމަށް މޫޑީޒްގެ ރިޕޯޓުގައި ވަނީ ހަނދާންކޮށްދީފައެވެ.