އިމިގްރޭޝަން އޮފިސަރު މަރުވި ސޯސަން މަގު އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޒުވާނާ ޝަރީއަތް ނިމެންދެން ބަންދަށް

އެކްސިޑެންޓެއް ހިނގި ސަރަހައްދެއް ފުލުހުން ހެކި އެއްކުރަނީ: ސޯސަން މަގު އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޒުވާނާ ޝަރީއަތް ނިމެންދެން ބަންދަށް ---- ސަން ފޮޓޯ/ މޫސާ ނަދީމް

މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރު ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޒުވާނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ދިގަމިގިލީ، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ހަސަންއެވެ. އޭނާގެ ބަންދަށް ފުރަތަމަ ކޯޓުން ޖެހީ، 15 ދުވަހެވެ.

އެ މުއްދަތު ހަމަވެގެން މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ފުލުހުން ވަނީ ބުނެފައެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ.

https://sun.mv/228073

އެއީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި އަދި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ބާރު ސްޕީޑުގައި ޒިގްޒެގްކޮށް ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުންނެވެ. މީގެއިތުރުން، އޭނާއަކީ ލައިސަންސް ނެތި ދުއްވައިގެން މި އަހަރު ތެރޭ ހަތަރު ފަހަރެއްގެ މަތިން ހިފަހައްޓައި ޖޫރިމާނާކޮށްފައިވާ މީހެކެވެ.

މި އެކްސިޑެންޓުގައި ޖުމުލަ ތިން މީހަކަށް އަނިޔާވި އިރު، ފަރުވާ ދެނިކޮށް އެކަކު ވަނީ މަރުވެފައެވެ. އެއީ، މީގެ ނުވަ މަސް ކުރިން އިމިގްރޭޝަނާ ގުޅުނު 26 އަހަރުގެ އައިޝަތު މާހިދާއެވެ.

މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ވަނީ ވަރަށް އިތުރުވެފައެވެ. ދޭތެރެ ދޭތެރެއިން މިފަދަ އެކްސިޑެންޓްގައި މީހުންގެ ފުރާނަ ގެއްލުމާއި ބޮޑެތި އަނިޔާތައް ދަނީ ލިބެމުންނެވެ.

comment ކޮމެންޓް