ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 2،000 އަށްވުރެ ގިނަ ބަނގުރާ ފުޅި ނައްތާލައިފި

ފުލުހުން ދޫނިދޫގައި ނައްތާލި ބަނގުރާ ފުޅިތައް -- ފޮޓޯ/ ފުލުހުން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 2،000 އަށްވުރެ ގިނަ ބަނގުރާ ފުޅި ދޫނިދޫގައި ނައްތާލައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މަހުގެ ފަސްވަނަ ދުވަހު ދޫނިދޫގައި ނައްތާލާފައިވަނީ ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތިން އިންސިޑެންޓެއްގައި ހިމެނޭ ބަނގުރާކަމަށް އެ ޚިދުމަތުން ބުންޏެވެ.

އޭގެ ތެރޭގައި ހިމެނެނީ 500 އެމްއެލްގެ 2،547 ފުޅި ބަނގުރަލާއި، ފަސް ލީޓަރުގެ 23 ފުޅި ބަނގުރަލެވެ. މީގެ އިތުރުން އެހެނިހެން ތަކެތީގެ ގޮތުގައި ހިމެނޭ ނުވަ އައިޓަމެއް ނައްތާލާފައިވާއިރު، އޭގެ ތެރޭގައި ޕްލާސްޓިކް ޓައްޕުވެސް ހިމެނޭކަމަށް ފުލުހުން ބުންޏެވެ.

މި ތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ޚާއްސަ ކޮމިޓީގެ ސީދާ ބެލުމުގެ ދަށުންކަމަށް އެ ޚިދުމަތުން މައުލޫމާތު ދީފައިވެއެވެ.

ދިވެހިރާއްޖޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ބަނގުރާއާއި ބަނގުރާ އެކުލެވޭ ތަކެތި ނައްތާލުމަކީ ހަރުދަނާ އުސޫލުތަކަކާއި ގަވާއިދުތަކެއްގެ ދަށުން ކުރިއަށްގެންދާ ކަމެކެވެ.

އެގޮތުން ނައްތާލުމުގެ ކުރިން ބަނގުރާ ފުޅިތަކާއި ދަޅުތަކުގެ އަދަދާއި ބާވަތްތައް ކޮމިޓީން ޗެކްކޮށް ގުނައި ކަށަވަރުކުރުމަށްފަހު، ފުޅިތަކާއި ދަޅުތައް ކަނޑައި އޭގައި ހުރި ތަކެތި އެކަމަށް ޚާއްސަ ނިޒާމެއްގެ ތެރެއިން ނައްތާލައެވެ. އަދި ހުސްފުޅިތަކާއި ދަޅުތައް ނައްތާލަނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުން ނައްތާލާ ތަކެތީގެ ތެރޭގައި މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި އަތުލައިގަންނަ ތަކެއްޗާއި، ރާއްޖެ އެތެރެކުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަސްޓަމްސްއިން އަތުލައިގަނެ ފުލުހުންނާ ހަވާލުކުރާ ތަކެއްޗާއި، ރިސޯޓުތަކަށް ނޫން ގޮތަށް އަންނަ ފަތުރުވެރިންގެ އަތުން ހިފަހައްޓައި ފަހުން ގެންގޮސްފައިނުވާ ތަކެތި ހިމެނެއެވެ.

މި މަރުޙަލާގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ޓަކައި މިފަދަ ހަރަކާތްތައް ވީޑިއޯ އަދި ފޮޓޯ މެދުވެރިކޮށް ފުލުހުން ރެކޯޑުކުރެއެވެ.

comment ކޮމެންޓް