ކުޑަކަމުދާން ހޭލެވެނީ ހަމައެކަނި ގިނައިން ފެން ބޮވޭތީއެއް ނޫން!

ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން ފެން ބުއިން މަދުކުރުމަކީ، ރޭގަނޑު ކުޑަކަމުދާން ހޭލަންޖެހޭ މައްސަލައަށް އޮތް ހައްލެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް، އިރުއޮއްސޭ ފަހުން ފެން ނުބުއި ކަމުގައި ވިޔަސް، މެންދަމު ހޭލައިގެން ފާހާނާއަށް ދާންޖެހޭ ފަހަރުތައް މަދެއް ނުވެއެވެ. މިއީ ހަމައެކަނި ފެން ބޯ މިންވަރާ ގުޅިފައިވާ ކަމެއް ނޫންކަމާއި، މީގެ ފަހަތުގައި ސިއްހީ އަދި ހަށިގަނޑުގެ އެތެރޭގެ އެހެނިހެން ނިޒާމުތަކާ ގުޅޭ ސަބަބުތަކެއް ވާކަން ގިނަ ބަޔަކަށް ނޭނގެއެވެ.

މި ހާލަތަށް ސިއްހީ ގޮތުން ކިޔަނީ 'ނޮކްޓޫރިއާ' އެވެ. ސިންގަޕޫރު ޖެނެރަލް ހޮސްޕިޓަލްގެ ޔޫރޮލޮޖީ ޑިޕާޓްމަންޓުގެ ކޮންސަލްޓަންޓް ޑރ. ޔޮންގް ޖިން ވިދާޅުވި ގޮތުގައި، ނޮކްޓޫރިއާ އަކީ ރޭގަނޑު ނިދާފައި އޮންނަ ވަގުތު ކުޑަކަމުދިއުމަށްޓަކައި އެއްފަހަރު ނުވަތަ އެއަށްވުރެ ގިނަ ފަހަރު ހޭލަން ޖެހުމެވެ. ނެކްސަސް ސާޖިކަލްގެ ޔޫރޮލޮޖިސްޓް ޑރ. ލީ ޔީ މުން ފާހަގަކުރެއްވި ގޮތުގައި، ނިދާފައި އޮންނަ މައިގަނޑު ވަގުތުގައި އެންމެ ފަހަރަކު ފާހާނާއަށް ދާން ހޭލަން ޖެހުނަސް އެއީ ނޮކްޓޫރިއާ ކަމުގައި ބެލެވޭނެއެވެ.

ފެން ބުއިން މަދުކުރި ނަމަވެސް މިކަން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ އުމުރުން ދުވަސްވުމާއެކު ހަށިގަނޑަށް އަންނަ ބަދަލުތަކެވެ. ސިކުނޑީގެ ތިރީގައި އިންނަ ޕިޓޫއިޓަރީ ގްލޭންޑުން އުފައްދާ 'އެންޓިޑައިޔުރެޓިކް ހޯމޯން' (އޭޑީއެޗް) އަކީ ރޭގަނޑު ނިދާފައި އޮންނަ ވަގުތު ކުޑަކަމުދާ ތަކެތި އުފައްދާ މިންވަރު މަދުކުރުމަށް ކިޑްނީއަށް އަންގާ ހޯމޯނެކެވެ. ޒުވާން އުމުރުގައި މި ހޯމޯންގެ ސަބަބުން ރޭގަނޑު އުފައްދަނީ ދުވާލެއްގެ މައްޗަށް އުފައްދާ ކުޑަކަމުދާ ތަކެތީގެ އެންމެ ފަސްބައިކުޅަ އެއްބައެވެ. ނަމަވެސް އުމުރުން ދުވަސްވަމުންދާ ވަރަކަށް މި ހޯމޯން އުފައްދާ މިންވަރު ދަށްވެ، ރޭގަނޑު އުފައްދާ މިންވަރު ތިންބައިކުޅަ އެއްބަޔަށް އިތުރުވެގެންދެއެވެ. ޑރ. ލީ ވިދާޅުވި ގޮތުގައި ނޮކްޓޫރިއާ ތަހައްމަލުކުރާ މީހުންގެ ތެރެއިން 80 އިންސައްތަ މީހުންނަށް ދިމާވާ މައްސަލައަކީ ރޭގަނޑު މާގިނައިން ކުޑަކަމުދާ ތަކެތި އުފެއްދުމެވެ.

މީގެ އިތުރުން، ދުވާލު ހަތަރުދަމު ކޮޅަށް ނުވަތަ އިށީނދެގެން ތިބުމުގެ ސަބަބުން ފައިގައި ފެން ޖަމާވުމަކީވެސް ރޭގަނޑު ކުޑަކަމުދާން ޖެހޭ ސަބަބެކެވެ. ޑރ. ލީ ފާހަގަކުރެއްވި ގޮތުގައި، ރޭގަނޑު ނިދަން އޮށޯތުމުން ފައިގައި ޖަމާވެފައި ހުންނަ ފެން އަނބުރާ ލޭގެ ތެރެއަށް ވަދެއެވެ. އަދި އެއާއެކު، ހަށިގަނޑުގައި އިތުރުވާ ފެން ބޭރުކުރުމަށް ކިޑްނީއަށް ބާރުއެޅި، ކުޑަކަމުދާ ތަކެތި އުފައްދާ މިންވަރު އިތުރުވެއެވެ. މިކަމަށް އޮތް ހައްލެއްގެ ގޮތުން ހަވީރު ވަގުތު ކޮމްޕްރެޝަން އިސްޓާކީނު (ބާރު އިސްޓާކީނު) އަށް އެރުން ނުވަތަ ފައި މައްޗަށް ނަގައިގެން އިނުން އޭނާ ލަފާދެއްވައެވެ.

މި މައްސަލައަކީ ހަމައެކަނި މަސާނާ (ބްލެޑާ)ގެ މައްސަލައެއް ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށް ޑރ. ޔޮންގް ވިދާޅުވިއެވެ. މަސާނާ ދޫވުމުގެ ބަދަލުގައި، ބައެއް މީހުންނަށް ދިމާވާ މައްސަލައަކީ މަސާނާ މާބޮޑަށް ހަރަކާތްތެރިވުން ނުވަތަ 'އޯވާރއެކްޓިވް ބްލެޑާ' ގެ މައްސަލައެވެ. ނޮކްޓޫރިއާ މެދުވެރިވާ އެހެނިހެން ސަބަބުތަކުގެ ތެރޭގައި، ހަކުރުބަލި، ލޭމައްޗަށް ދިއުން، އަދި ފަލަބަލި ފަދަ ސިއްހީ މައްސަލަތައް ހިމެނެއެވެ. އަދި ނިދީގައި ގުގުރިދެމުން ނޭވާލާން އުނދަގޫވާ ބައްޔެއް ކަމަށްވާ 'އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ' (އޯއެސްއޭ) ހުންނަ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް މި މައްސަލަ ދިމާވާ ކަމަށް ޑރ. ޔޮންގް ވިދާޅުވިއެވެ. މީގެ އިތުރުން، ހާސްވުމާއި ކަންބޮޑުވުން ފަދަ ނަފްސާނީ ކަންކަމުގެ ސަބަބުންވެސް މަސާނާއަށް ކުރާ އިހުސާސްތައް ބޮޑުވެ، ގިނައިން ފާހާނާއަށް ދާން ބޭނުންވެއެވެ.

އުމުރުން 50 އަހަރުން ދަށުގެ މީހުންގެ ތެރެއިން މި މައްސަލަ ގިނައިން ދިމާވަނީ އަންހެނުންނަށެވެ. އެއީ މާބަނޑުވުމާއި ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) ގެ ސަބަބުންނެވެ. ނަމަވެސް 50 އަހަރުން މަތީގެ މީހުންގެ ތެރެއިން މިކަން ބޮޑަށް ދިމާވަނީ ފިރިހެނުންނަށެވެ. އެއީ އުމުރުން ދުވަސްވުމުން ޕްރޮސްޓޭޓް ގްލޭންޑް ބޮޑުވުމުގެ ސަބަބުންނެވެ. އުމުރުން 60 އަދި 70 ގެ އަހަރުތަކުގައި މި މައްސަލަ އިތުރަށް ގޯސްވަނީ، މަސާނާގެ ޖާގަ ކުޑަވުމާއި، ހިތުގެ ބަލިތަކާއި ކިޑްނީގެ ބަލިތަކުގެ ސަބަބުންނެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި، ކެފެއިން އެކުލެވޭ ބުއިންތައް ބޭނުންކުރާ މިންވަރު މަދުކުރުމަކީ މުހިންމު ކަމެކެވެ. އަދި ހިތުގެ ބަލިތަކަށް ބޭނުންކުރާ 'ވޯޓާ ޕިލްސް' ނުވަތަ ޑައިޔުރެޓިކްސް ބޭނުންކުރާނަމަ، ރޭގަނޑުގެ ބަދަލުގައި ހަވީރު އެ ބޭސް ކެއުމަށް ޑރ. ލީ ލަފާދެއްވައެވެ. އޭރުން ނިދާ ވަގުތު އައުމުގެ ކުރިން ހަށިގަނޑުން ފެން ބޭރުވެފައި ހުންނާނެއެވެ.

މީގެ އިތުރުން، ބަލީގެ އަސްލު ދެނެގަތުމަށްޓަކައި ތިން ދުވަހުގެ މުއްދަތަށް ކުޑަކަމުދާ މިންވަރާއި ވަގުތުތައް ނޯޓުކުރުމަށް ޑޮކްޓަރުން އިރުޝާދުދެއްވައެވެ.

އާންމު ގޮތެއްގައި މިއީ ނުރައްކާތެރި ކަމަކަށް ނުވި ނަމަވެސް، ބައެއް ހާލަތްތަކުގައި މިއީ ބޮޑު ބައްޔެއްގެ އަލާމާތަކަށް ވެދާނެއެވެ. ކުޑަކަމުދާ ތަކެތީގައި ލޭ ހުރުމަކީ ކެންސަރުގެ އަލާމާތަކަށް ވެދާނެ ކަމަށް ޑރ. ލީ އިންޒާރުދެއްވިއެވެ. އަދި ކުޑަކަމުދާ ތަކެތި ފޮނުއަރާފައި ހުރުމާއި، ފައި ދުޅަވުމާއި، ވަރުބަލިވުން ފަދަ ކަންކަމަކީ ކިޑްނީ ފެއިލްވުމުގެ އަލާމާތްތަކެއް ކަމަށް ވެދާނެތީ، މިފަދަ ކަމެއް ފާހަގަވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިންމު ކަމެކެވެ. ރޭގަނޑު ކުޑަކަމުދާން ހޭލަންޖެހުމަކީ އާންމު ކަމެއް ނަމަވެސް، އެކަމުގެ ސަބަބުން ނިދަން އުނދަގޫވެ، ދިރިއުޅުމަށް ބުރޫއަރާނަމަ އެއީ ސިއްހީ އެހީތެރިކަން ހޯދަންޖެހޭ ކަމެކެވެ.

comment ކޮމެންޓް