އިރުއޮއްސޭ މަންޒަރަކީ ހަމައެކަނި ރީތި ކުރެހުމެއް ނޫން: މިއީ ނަފުސަށްދެވޭ ގުދުރަތީ ފަރުވާއެއް!

އިރުއޮއްސޭ ވަގުތު އުޑުމައްޗަށް ފެތުރިގެންދާ ކުލަތަކުގެ ބަދަލު ބަލައިލުމަށް މަދު މިނެޓުކޮޅެއް ހޭދަކޮށްލުމަކީ ކުޑަ ކަމެއް ކަމަށް ހީވި ނަމަވެސް، މިއީ ނަފްސަށް ވަރަށް ފުން އަސަރުތަކެއް ކުރުވާ ކަމެއް--ފޮޓޯ/ޕިންޓްރެސްޓް

އިރުއޮއްސޭ މަންޒަރު ބަލައިލުމަކީ ހަމައެކަނި ލޮލަށް ލިބޭ ހިތްގައިމުކަމެއް ނޫނެވެ. އެއީ ނަފުސާނީ ދުޅަހެޔޮކަމަށް ލިބޭ ފުން ފަރުވާއެކެވެ. ނަފުސާނީ ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި، ގުދުރަތުގެ މިފަދަ ހިތްގައިމު މަންޒަރުތަކުން އިންސާނާގެ ނަފުސަށް ގެނެސްދޭ ހަމަޖެހުމަކީ ދުވަހުގެ ހާސްކަމާއި ފިކުރުތަކުން ސިކުނޑި ލުއިކޮށްދޭ ކަމެކެވެ.

މީގެ އިތުރުން، ރޭގަނޑުގެ އަރާމު ނިންޖަށް ހަށިގަނޑާއި ސިކުނޑި ތައްޔާރުކޮށްދިނުމުގައި ވެސް މިކަމުގެ ދައުރު ނުހަނު ބޮޑެވެ.

އިރުއޮއްސޭ ވަގުތު އުޑުމައްޗަށް ފެތުރިގެންދާ ކުލަތައް ބަލައިލުމަށް މަދު މިނެޓުކޮޅެއް ހޭދަކޮށްލުމަކީ ކުޑަ ކަމެއް ކަމަށް ހީވި ނަމަވެސް، މިއީ ނަފުސަށް ވަރަށް ފުން އަސަރުތަކެއް ކުރުވާ ކަމެކެވެ. މި މަންޒަރުން ހިތުގައި އުފެދޭ ހައިރާންކަމާއި އަޖައިބުވުމުގެ އިހުސާސަކީ، އިންސާނާގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެއްކަން ސައިންޓިފިކް ހޯދުންތަކުން ސާބިތުވެއެވެ.

ނަފުސާނީ ދުޅަހެޔޮކަމާ ބެހޭ މާހިރު އަދި ސަބާ ފެމިލީ ފައުންޑޭޝަންގެ ބާނީ، ޑރ. މާލިނީ ސަބާ ބަޔާންކުރައްވާ ގޮތުގައި، އިރުއޮއްސޭ މަންޒަރަކީ ފިކުރުތަކާއި ހާސްކަމަށް އޮތް ގުދުރަތީ ފަރުވާއެކެވެ. އުޑުމަތީގެ ކުލަތައް އެކުވެ، އަލިކަން ފަނޑުވަމުންދާއިރު، ދުނިޔަވީ ކަންކަމަށްވުރެ ކާއިނާތުގެ ފުރިހަމަކަން މާ ބޮޑުވެގެންވާކަން އިހުސާސްކުރެވެއެވެ. މީގެ ސަބަބުން ސިކުނޑީގައި ހުންނަ ވަޒީފާގެ ބުރަ އާއި އެކި ކަންބޮޑުވުންތަކުން ވަގުތީ ގޮތުން ނަމަވެސް އެއްކިބާވެ، ހިތަށް ބޮޑު ލުއިކަމެއް ލިބެއެވެ.

އިރުއޮއްސޭ މަންޒަރު ބަލަން ދިއުމަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ހަރަކާތެއް--ފޮޓޯ/ވިޒިޓްމޯލްޑިވްސް

ސައިކޯތެރަޕިސްޓް އަދި ގޭޓްވޭ އޮފު ހީލިންގްގެ ޑައިރެކްޓަރު ޑރ. ޗާންދުނީ ތުގްނައިޓް ވިދާޅުވާ ގޮތުގައި، އިރުއޮއްސޭ މަންޒަރު ބަލައިލުމަށް ޚާއްސަ ގޮނޑުދޮށަކަށް ދިއުން ލާޒިމެއް ނޫނެވެ. ގޭގެ ބެލްކަނީން ނުވަތަ ކުޑަދޮރުން ބަލައިލުމުން ވެސް މި ހިތްހަމަޖެހުން ހޯދިދާނެއެވެ. މުހިންމު ކަމަކީ އެހެން ކަންކަމުން އެއްކިބާވެ، އުދަރެހުގެ ރީތިކަމަށް ހިތް ހުސްކޮށްލުމެވެ.

ގުދުރަތީ ރީތިކަމަކަށް ސަމާލުކަން ދެވުމުން، ދިރިއުޅުމުގެ މައްސަލަތަކަކީ ކުދިކުދި ކަންތައްތަކެއްގެ ގޮތުގައި އިހުސާސްވާން ފަށައެވެ. ގަވާއިދުން މިފަދަ މަންޒަރުތަކަށް ބަލާ މީހުންގެ ހަށިގަނޑުގައި ސްޓްރެސް ހޯމޯންތައް ދައުރުވާ މިންވަރު ދަށްވާކަން ދިރާސާތަކުން ދައްކައެވެ. އަދި އުޑުމަތީގެ އަލިކަން ފަނޑުވުމަކީ، ދުވާލުގެ ބުރަ މަސައްކަތްތަކަށްފަހު ހަށިގަނޑު މަޑުޖައްސާލައި، އަރާމުކުރުމަށް ސިކުނޑިއަށް ލިބޭ ގުދުރަތީ އިޝާރާތެކެވެ.

ސިކުނޑީގައި އެއް ފިކުރުތަކެއް ތަކުރާރުވަމުންދާ ވަގުތު، ގަސްތުގައި އުޑުމައްޗަށް ނަޒަރު ހިންގާލުމަކީ އެ ނުތަނަވަސް ވިސްނުންތަކުގެ ސިލްސިލާ ކަނޑުވާލަދޭނެ ކަމެކެވެ.

ޑރ. މާލިނީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަންޒަރަށް ބަލަހައްޓައިގެން ހުންނަ ވަގުތު ހިތުގެ ވިންދު ހަމައަކަށް އެޅި، ނޭވާލުން ފުންވެ، ހަށިގަނޑަށް ފިނިކަމާއި ހަމަޖެހުން ލިބެއެވެ. ދުވަހުގެ ނިމުމުގައި ފެންނަ ރަން ދޯދިތަކަކީ މަސައްކަތްތައް ނިންމާލަންވީ ވަގުތު ޖެހިއްޖެކަން އަންގައިދޭ ގުދުރަތީ މެސެޖެކެވެ. މިއީ ދުވާލުގެ ވަރުބަލިކަމުން ހަށިގަނޑު މިންޖުކޮށްދީ، ރޭގަނޑު އަރާމު ފުން ނިންޖަކަށް މަގުފަހިކޮށްދޭ ކަމެކެވެ.

އިރުއޮއްސޭ މަންޒަރު ބަލަން ހޭދަކުރާ މަދު ވަގުތުކޮޅަކުން ދިރިއުޅުމުގެ ހުރިހާ ތަކުލީފުތަކެއް ފިލައިގެން ނުދިޔަ ނަމަވެސް، އެކަންކަމުގެ ބުރައިން ހިތްހަމަޖެހުމެއް ހޯދުމަށް މިއީ އަގުހުރި ފުރުސަތެކެވެ. އެހެންކަމުން ކުޑަ ވަގުތުކޮޅަކަށް މަޑުޖެހިލާށެވެ! އުޑުމައްޗަށް ނަޒަރު ހިންގާލައި، ގުދުރަތުގެ އެ ފުރިހަމަ ކުޅަދުންވަންތަކަމުގެ ތެރެއަށް ހިތާއި ސިކުނޑި ދޫކޮށްލާށެވެ.

comment ކޮމެންޓް