ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެއާ ގުޅުން ބަދަހިކުރަން ބޭނުން: ބަންގްލަދޭޝް

ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު ޝިއުނީން ރަޝީދު، ބަންގްލަދޭޝްގެ ޓޫރިޒަމް މިނިސްޓަރާ ސަލާމު ކުރައްވަނީ-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއާ ގުޅުން ބަދަހި ކުރަން ބޭނުންވާ ކަމަށް، ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް މިނިސްޓަރު އެމް. ރަޝީދުއްޒަމާން މިއްލަތު އިއްޔެ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިކަމަށް ގޮވާލެއްވީ، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ޝެރަޓަން ހޮޓަލުގައި ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް "ދަ ގްރޭޓް ޓޫނާ ގާލާ" ގެ ނަމުގައި އިއްޔެ ބޭއްވި ޚާއްސަ ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. ބަންގްލަދޭޝްގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ބޭއްވި މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމެވެ.

ރަޝީދުއްޒަމާން ވިދާޅުވީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށާއި ފަތުރުވެރިކަން ތަރައްގީކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށް އޭނާ ގޮވާލައްވައިފިއެވެ.

ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތުގައި ބަންގްލަދޭޝްގެ ޓޫރިޒަމް މިނިސްޓަރު ވާހަކަ ދައްކަވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ

ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު ޝިއުނީން ރަޝީދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގުތިސާދުގައާއި ރަށްފުށުގެ ދިރިއުޅުމުގައި ކަނޑާއި މަސްވެރިކަން މުހިންމު ދައުރެއް އަދާކުރެއެވެ. ޚާއްސަކޮށް ރާއްޖޭގައި އެތައް ޖީލަކަށް ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމަކީ ތިމާވެއްޓާ ރައްޓެހި އަދި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ބަންގްލަދޭޝްގެ މާކެޓަށް ރާއްޖޭގެ ކަނޑުމަހާއި މަސްވެރިކަމުގެ އެހެނިހެން އުފެއްދުންތައް އެކްސްޕޯޓުކުރުން އިތުރުކުރުމުގެ ފުރުސަތު އޮތްކަން ހައިކޮމިޝަނަރު ފާހަގަކުރެއްވިއެވެ. ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ގުޅުން ބަދަހިވަމުން އަންނައިރު، މިއީ ވިޔަފާރިއާއި ފަތުރުވެރިކަމަށް ހުޅުވޭ އާ ދޮރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހަރަކާތުގައި ރާއްޖޭގެ މަޝްހޫރު ޝެފް މަހާ ނަސީރު ވަނީ ދިވެހި ސަގާފީ ކެއުންތައް ތައްޔާރުކުރާ ގޮތް ލައިވްކޮށް ދައްކާލައިފައެވެ. އޭގެ ތެރޭގައި ކަނޑުމަސް ބޭނުންކޮށްގެން ތައްޔާރުކުރާ ތަފާތު ބާވަތްތައް ކަމަށްވާ މަސްހުންޏާއި ރޮށި، ކަރީ މެޔޮނައިޒްއާއެކު ރިހާކުރު ފޯޅި، މަސްބުރި ރިހަ އަދި ލޮނުމިރުސް ލީ މަސް ފަދަ ބާވަތްތައް ހިމެނެއެވެ. މި ހަރަކާތުގައި ބަންގްލަދޭޝް ސަރުކާރުގެ އިސް އޮފިޝަލުންނާއި، ޑިޕްލޮމެޓުންނާއި، ވިޔަފާރިވެރިންގެ އިތުރުން ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ ބޭފުޅުންނާއި މީޑިއާތައް ހިމެނޭހެން 250 އެއްހާ މީހުން ބައިވެރިވިއެވެ. މި މީހުންނަށް ވަނީ ރާއްޖޭގެ ރަހަތައް ތަޖުރިބާކުރުމުގެ ފުރުސަތު ދީފައެވެ.

މި ހަރަކާތުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ އާ ފުރުސަތުތަކެއް ހުޅުވި، ބަންގްލަދޭޝްގެ ފަތުރުވެރިންނަށް ރާއްޖެއަކީ މަގުބޫލު މަންޒިލަކަށް ވެގެންދާނެ ކަމަށް ދިވެހި ހައިކޮމިޝަނުން ބުނެފައިވެއެވެ.

comment ކޮމެންޓް