މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ޒުވާނަކު ލައިގެން ހުރި ބޮކްސާ ތެރެއިން މަސްތުވާތަކެތި ފެނުމުން، އެއީ އޭނާގެ ތަކެތި ނޫން ކަމަށް ބުނެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުން ހާމަކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގައި ވަނީ، މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި ވިޔަފާރިކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތުގައި 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ކޯޓުގައި އަމުރުގައިވާ ގޮތުން، އޭނާ ލައިގެން ހުރި ބޮކްސާ ތެރެއިން މަސްތުވާތަކެތި ފެނުނު ނަމަވެސް، އޭނާ ވަނީ އެއީ އޭނާގެ ތަކެތި ނޫން ކަމަށް ބުނެފައެވެ. ނަމަވެސް، ކޯޓުން ނިންމައިފައިވަނީ އޭނާއަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓާއި ސީންއަށް ދިޔަ ފުލުހެއްގެ ބަޔާން ހިމެނޭ ކަމަށް އަމުރުގައިވެއެވެ.
އެހެންވެ، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރުން ފަދަ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅުންހުރި 2,019 މައްސަލަ އެ މުއައްސަސާއަށް ހުށަހަޅައިފައިވެއެވެ.