އުމުރުން 108 އަހަރުގައިވެސް މިނިވަންކަމާއެކު އަމިއްލައަށް ދިރިއުޅޭ އަންހެނެއްގެ ދިގު ޢުމުރުގެ ސިއްރު

ޢުމުރުން 108 އަހަރުގެ ސޫޒަން ޔަންގް ބްރައުން--ފޮޓޯ/ޓުޑޭ

ޢުމުރުން 108 އަހަރު ފުރިފައިވީ ނަމަވެސް، އަމިއްލަ ނޫކުލައިގެ ސުބާރޫ ކާރުގައި ބޭނުން ތަނަކަށް ދަތުރުފަތުރު ކުރުމަކީ ސޫޒަން ޔަންގް ބްރައުންއަށް އެއްވެސް އުނދަގޫ ކަމެއް ނޫނެވެ.

އެމެރިކާގެ ޑެލަވެއާގެ ޑޯވާގައި ހުންނަ އަމިއްލަ ގޭގައި މިނިވަންކަމާއެކު ދިރިއުޅެމުންދާ އުމުރުން ދުވަސްވީ މި އަންހެންމީހާއަކީ ކޮންމެ ދުވަހަކު ކަސްރަތުކުރުމާއި، ވާހަކަފޮތް ކިޔުމާއި، ނެށުމުގެ އިތުރުން އިޖުތިމާއީ ހަރަކާތްތަކުގައި ވެސް ވަރަށް ފޯރިއާއެކު ބައިވެރިވާ ހަރަކާތްތެރި ޝަހުސިއްޔަތެކެވެ.

ވޭތުވެދިޔަ 80 އަހަރަށްވުރެ ގިނަ ދުވަހު ކާރު ދުއްވާފައިވާ ބްރައުން ވަނީ، އެންމެ ފަހުން އޭނާގެ ޑްރައިވިންގް ލައިސަންސް 2033 ވަނަ އަހަރާ ހަމައަށް އާކޮށްފައެވެ. އެ މުއްދަތު ހަމަވާ ދުވަސްވަރު އޭނާގެ އުމުރުން 115 އަހަރު ފުރޭނެއެވެ. ބްރައުން ފާހަގަކުރާ ގޮތުގައި ޒަރޫރީ ބޭނުންތަކަށާއި އެކި ތަންތަނަށް ދިޔުމަށް ކާރު ދުއްވުމަކީ މުހިންމު ކަމެކެވެ. އަދި އޭނާއަކީ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިފައިވާ، ވަރަށް ސަމާލުވެގެން ދުއްވާ ޑްރައިވަރެކެވެ.

ބްރައުންގެ ފިރިހެން ދަރިފުޅު ޖިމް ޔަންގް އޭނާގެ މަންމަ ސިފަކުރަނީ ވަރަށް ހިތްވަރުގަދަ، ނަމޫނާ އަދި އަޖައިބެއްފަދަ މީހެއްގެ ގޮތުގައެވެ. އަންހެން ދަރިފުޅު ލިނެޓް ޔަންގް އޯވަބީ ބުނިގޮތުގައި، މަންމައަކީ މިހާރު އެ ސަރަހައްދުގައި ވަރަށް މަޤުބޫލު މީހެކެވެ. މިއަހަރުގެ ކުރީކޮޅު ފާހަގަކުރި އޭނާގެ 108 ވަނަ އުފަންދުވަހުގެ ހަފުލާގައި ޑެލަވެއާގެ ގަވަރުނަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސޫޒަން ޔަންގް ބްރައުން، އޭނާގެ 108 ވަނަ އުފަންދުވަހުގެ ހަފްލާގައި ދަރިފުޅު ޖޭމްސް ޔަންގްއާ އެކު--ފޮޓޯ/ޓުޑޭ

ނަވާރަސަތޭކައަށާރަ ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ގައި އުފަންވި ބްރައުންގެ ޅަފަތުގެ ދުވަސްތައް ވޭތުކުރީ އަސާސީ ޚިދުމަތްތައް ކަމަށްވާ ކަރަންޓާއި ފެނުގެ ޚިދުމަތުން މަހުރޫމުވެފައިވާ ދަނޑުވެރި ރަށްފުށުގެ މާހައުލެއްގައެވެ. ނަސްލީ ތަފާތުކުރުންތައް އިންތިހާއަށް އޮތް އެ ޒަމާނުގައި، އެލިމެންޓްރީ ސްކޫލުން ތައުލީމު ހާސިލުކުރި ބްރައުންގެ އެންމެ ބޮޑު އަމާޒަކީ މުދައްރިސަކަށް ވުމެވެ.

އެ ދުވަސްވަރު ކަޅުނަސްލުގެ ކުދިންނަށް ހިލޭ ކިޔެވޭނެ ސާނަވީ ސްކޫލެއް ނެތުމުން، އާއިލާގެ އަމިއްލަ ޚަރަދުގައި އޭނާ ކިޔެވީ ޑެލަވެއާ ސްޓޭޓް ކޮލެޖް ހައިސްކޫލުންނެވެ. އޭގެފަހުން 1945ގައި ޑެލަވެއާ ސްޓޭޓް ޔުނިވަސިޓީން އެލިމެންޓްރީ އެޑިއުކޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރިއެވެ. އޭނާއަކީ އެ ޔުނިވަސިޓީގެ ދަސްވެނިންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ދަސްވެނިޔާއެވެ.

އުނގަންނައިދިނުމުގެ ދާއިރާގައި 30 އަހަރު ޚިދުމަތް ކުރުމަށްފަހު 1977ގައި ރިޓަޔާވި ބްރައުން ދިރިއުޅެމުންދަނީ، 70 އަހަރަށްވުރެ ގިނަ ދުވަސްވީ އޭނާގެ އަމިއްލަ ގެދޮރުގައެވެ. އޭނާގެ ދިގު އުމުރާއި ދުޅަހެޔޮ ސިއްހަތުގެ ފަހަތުގައިވާ މައިގަނޑު ސަބަބުތަކަށް ބަލައިލާއިރު މުހިންމު ބައެއް ކަންކަން ފާހަގަކުރެވެއެވެ.

ބްރައުން އޭނާގެ އަމިއްލަ ނޫކުލައިގެ ސުބާރޫ ކާރު ކައިރީ މަޑުކޮށްލައިގެން--ފޮޓޯ/ޓުޑޭ

ކޮންމެ ދުވަހަކު ހެނދުނު ތަޅުންގަނޑުމަތީގައި އޮށޯވެލައިގެން 10 މިނެޓުގެ ސްޓްރެޗިންގް އަދި ހަށިގަނޑު ވަރުގަދަކޮށް ބެލެންސްކުރުމުގެ ކަސްރަތުތައް އޭނާ ފުރިހަމަކުރެއެވެ. އޭގެފަހުން ފާރުގައި ލެނގިލައިގެން ހުރެ ފައިގެ ކަސްރަތުތައް ކުރިއަށް ގެންދެއެވެ. މިއީ އޭނާގެ ފިރިހެން ދަރިފުޅަށް ވެސް ކުރުމަށް ދަތި ކަސްރަތުތަކެކެވެ.

މި ފަދަ އާދަތަކުގެ ސަބަބުން، އަސާގަނޑެއް ނުވަތަ ވޯކާއެއްގެ އެހީތެރިކަމެއް ނެތި އަމިއްލައަށް ހިނގާބިނގާވެ އުޅުމުގެ ޤާބިލުކަން އޭނާއަށް ވަނީ ލިބިފައެވެ. މީގެއިތުރުން، ހަފުތާއަކު ތިން ދުވަހު އަމިއްލައަށް ކާރު ދުއްވާފައި ގޮސް، ދުވަސްވީ މީހުންގެ މަރުކަޒުގައި އޮންނަ ހަރަކާތްތަކުގައި ވެސް އޭނާ ބައިވެރިވެއެވެ.

ބްރައުންގެ ކެއިންބުއިމުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކުކުޅުމަހާއި ތާޒާ މޭވާއެވެ. ކޮންމެ ދުވަހަކު އާފަލެއް ކެއުމަކީ އޭނާ ޤަވައިދުން ކުރަމުން އަންނަ ކަމެކެވެ. ހެނދުނުގެ ނާސްތާއަށް ކަޅު ސައިތައްޓަކާއެކު ވެފްލް އަދި ކްރޭންބެރީ ޖޫސް ބޭނުންކުރާއިރު، ތެލުލި ކާނާ އާއި، ހަކުރު ގިނަ ކާނާ އާއި އަދި ބަނގުރަލުން އޭނާ މުޅިން ދުރުހެލިވެއެވެ. މި ހަރުދަނާ އާދަތަކުގެ ނަތީޖާއެއްގެ ގޮތުން، 108 އަހަރު ވެފައިވާއިރު ވެސް އޭނާ ޤަވާއިދުން ބޭނުންކުރަނީ ލޭގެ ޕްރެޝަރު ހަމަހަމަކުރުމަށް ދީފައިވާ އެންމެ ބޭހެކެވެ.

ދެ ފަހަރެއްގެ މަތިން ކުރި ކައިވެންޏަށްފަހު، ދެވަނަ ފިރިމީހާ ނިޔާވުމުން އިތުރު ކައިވެންޏެއް ނުކުރުމަށް އޭނާ ނިންމިއެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ކަންކަން އަމިއްލައަށް ބެލެހެއްޓުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ދެކެއެވެ. ގޭގައި މިނިވަންކަމާއެކު އެކަނި އުޅުމާއި އަމިއްލައަށް ކާރު ދުއްވުމަކީ އޭނާގެ މިނިވަންކަން ދަމަހައްޓައިދޭ މައިގަނޑު ދެ އަސާސެވެ.

ފޮތް ކިޔުމާއި، ޕަޒްލް އަދި ބަސްތަކުގެ ކުޅިވަރުތައް ކުޅުމަކީ ސިކުނޑި ހަރަކާތްތެރިކޮށް، ތޫނުފިލިކަންމަތީ ބެހެއްޓުމަށް އޭނާ ކުރާ ކަންކަމެވެ. މީގެއިތުރުން އަޅުކަމުގެ ކަންކަމަށް އިސްކަންދިނުމާއި، އިޖުތިމާއީ ޖަމިއްޔާތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމާއި، އާއިލީ އެކި މުނާސަބަތުތައް ކަލަންޑަރުގައި ފާހަގަކޮށްގެން ތަރުތީބުން ކަންކަން ބެލެހެއްޓުމަކީ އޭނާގެ ދިރިއުޅުމުގެ މުހިންމު ބައެކެވެ.

ކިޔަވައިދިނުމުގެ ދާއިރާގައި އުޅުނު ދުވަސްވަރު އެމެރިކާގެ ސްޓޭޓްތަކުގެ ތެރެއަށް އަލަސްކާ އަދި ހަވާއީ އިތުރުވުމާއެކު، އެ ދެ ސަރަހައްދަށް އޭނާ ޒިޔާރަތްކުރިއެވެ. މީގެއިތުރުން ސްޕެއިން، ޕޯޗުގަލް އަދި ބްރެޒިލް ފަދަ ޤައުމުތަކަށް ދަތުރުކޮށް ތަފާތު ތަޖުރިބާތައް ހޯދާފައިވާއިރު، އޭނާއަށް އެންމެ ކަމުދިޔަ މަންޒިލަކީ ހަވާއީއެވެ.

ބްރައުންގެ މި ޚާއްސަ ދިރިއުޅުމަކީ، ޢުމުރުން ދުވަސްވީ ނަމަވެސް އަމިއްލަ ޢަޒުމާއި، ދުޅަހެޔޮ އާދަތަކާއި، އަދި މިނިވަންކަމާއެކު ދިރިއުޅުމަށް ދޭ އަހައްމިއްޔަތުކަމުގެ ސަބަބުން އުފާވެރި ދިގު ޢުމުރެއް ވޭތުކުރެވިދާނެކަން ސާބިތުކޮށްދޭ އަގުހުރި މިސާލެކެވެ.

comment ކޮމެންޓް