ރޭބަން މެޓާ ސްމާޓް އައިނަށް މަގުދެއްކުމާއި އޯޑިއޯގެ އާ ފީޗާތަކެއް

ދާން ބޭނުންވާތަކެއް މެޓާ އޭއައިގަ ބުނެލުމުން ނެވިގޭޓް ކޮށްދެންފަށާނެ ---

މެޓާއިން އެކުންފުނީގެ ރޭބަން ސްމާޓް އައިނަށް އާ ސޮފްޓްވެއާ އަޕްޑޭޓްތަކެއް ދޫކުރަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި އަޕްޑޭޓްތަކުގެ ތެރޭގައި ހިނގާފައިދާއިރު ވަގުތުން މަގުދައްކައިދޭ ނެވިގޭޝަން ފީޗާއަކާއި، އޯޑިއޯ އަޑުއެހުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާ ފީޗާތައް ހިމެނެއެވެ.

މީގެއިތުރުން، އައިނުގެ ސްޕީކަރުތަކުން އަޑު އިވޭގޮތް ކޮންޓްރޯލްކުރުމަށްޓަކައި އެކްސެސިބިލިޓީގެ އާ އޮޕްޝަންތަކެއްވެސް ވަނީ އިތުރުކޮށްފައެވެ.

ނައިން ޓު ފައިވް ގޫގުލްގެ ރިޕޯޓެއްގައިވާ ގޮތުން، ހިނގާފައިދާއިރު އަޑިގުޑަން ތަންތަނުން އަނބުރާލަންވީ ދިމާ ވަގުތުން ބުނެދޭ "ޓާން-ބައި-ޓާން" ނެވިގޭޝަނާއި "ސްޕެޝަލް އޯޑިއޯ" ސޮފްޓްވެއާ އަޕްޑޭޓް ވާޝަން 128 މެދުވެރިކޮށް ލިބިގެންދާނެއެވެ. އަދި އޭގެ ފަހުން ނެރުނު ވާޝަން 129 ގެ އަޕްޑޭޓުން މެޓާ އޭއައި އެޕް މެދުވެރިކޮށް "މޮނޯ އޯޑިއޯ" އާއި "އޯޑިއޯ ބެލެންސް" ކޮންޓްރޯލް ކުރެވޭނެ ގޮތް ވަނީ ހަމަޖައްސައިދީފައެވެ.

މި އަޕްޑޭޓްތައް ދޫކުރަމުންދަނީ މެޓާ އޭއައި އެޕް މެދުވެރިކޮށް ކަމަށްވާއިރު، އެކި ޔޫޒަރުންނަށް މި ފީޗާތައް ލިބުމުގައި ވަގުތުގެ ތަފާތެއް އުޅެދާނެއެވެ.

ވާޝަން 128 ގައި ހިމެނޭ ނެވިގޭޝަން ފީޗާގެ ބޭނުން ހިފުމަށްޓަކައި، ބޭނުންކުރާ ފަރާތްތަކުން ދާންބޭނުންވާ މަންޒިލަކަށް ދާނެ މަގު މެޓާ އޭއައި ގާތު އެހުމުން އައިނުން ވަގުތުން މަގުދައްކައިދޭނެއެވެ. މި ފީޗާއިން މަގުދެއްކުމަށްޓަކައި ބޭނުންކުރަނީ އައިނާ ގުޅާފައިވާ ފޯނުގެ ލޮކޭޝަން މައުލޫމާތު ކަމަށްވުމުން، ދާންވީ ތަން ބެލުމަށްޓަކައި ގިނަގިނައިން ފޯނަށް ބަލަން ނުޖެހި ފަސޭހަކަމާއެކު ދަތުރުކުރެވޭނެއެވެ.

ރޭބަން މެޓާގެ އައިނުގެ މަގުބޫލުކަން ދުވަހެއް ދުވަހަކަށްދަނީ އިތުރުވަމުން ---

މީގެއިތުރުން، ފޯނުންވެސް ނެވިގޭޝަން ފެށުމުގެ ފުރުސަތު ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދެއެވެ. އެގޮތުން މެޕް އެޕްލިކޭޝަނަކުން ދާންބޭނުންވާ ތަނެއް ހޯދުމަށްފަހު، އެ މައުލޫމާތު މެޓާ އޭއައިއަށް ހިއްސާކޮށް، ގުޅާފައިވާ އައިނު އިޚްތިޔާރުކުރުމުން އައިނުން މަގުދައްކައިދޭން ފަށާނެއެވެ. ނަމަވެސް، ކަނޑައެޅި މަންޒިލަކީ ހިނގާފައިދާން މާ ދުރު ތަނެއްނަމަ، އައިނުގެ ބަދަލުގައި ފޯނަށް ދުއްވާފައިދާނެ މަގުތައް ފޮނުވައިދޭނެއެވެ.

އާ އަޕްޑޭޓް ވާޝަން 129 ޚާއްޞަކޮށްފައިވަނީ އަޑުއެހުމުގެ ފީޗާތައް ފަސޭހައިން އެޖަސްޓް ކުރެވޭގޮތް ހެދުމަށެވެ. މީގެ ތެރޭގައި ހިމެނޭ "މޮނޯ އޯޑިއޯ" އޮޕްޝަންގެ ސަބަބުން، ވާތާއި ކަނާތް ފަރާތުގެ ސްޕީކަރަށް އަޑު ވަކިކުރުމުގެ ބަދަލުގައި ދެ ސްޕީކަރުންވެސް އެއް އަޑެއް އިވޭގޮތް ހެދެއެވެ. މިއީ ދެކަންފަތަށް އަޑުއިވުމުގައި ތަފާތުތަކެއް ހުންނަ މީހުންނަށް ވަރަށް ބޭނުންތެރި ފީޗާއެކެވެ.

މީގެއިތުރުން "އޯޑިއޯ ބެލެންސް" ފީޗާގެ މެދުވެރިކޮށް، އަޑު އިވޭ މިންވަރު ވާތްފަރާތުގެ ސްޕީކަރުން ކަނާތްފަރާތުގެ ސްޕީކަރަށް އަޑު ގަދަކޮށްލުމުގެ ނުވަތަ މަޑުކޮށްލުމުގެ ފުރުސަތު ލިބެއެވެ. މި ދެ އޮޕްޝަންވެސް އައިނުގެ ސެޓިންގްސްގައިވާ އޯޑިއޯ ބައިން ލިބެން ހުންނާނެއެވެ.

މިހާރު ވާޝަން 128 ގިނަ ބަޔަކަށް ލިބެމުންދާއިރު، ވާޝަން 129 ދޫކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

comment ކޮމެންޓް