ނިމުނު ހަފުތާގައި ހިމަބިހީގެ އިތުރު ދެ ކޭސް މާލެ ސަރަހައްދުން ފެނިއްޖެ

ހިމަބިހިން ރައްކާތެރިވުމަށް ޖަހާ ވެކްސިން: ނިމުނު ހަފުތާގައި ހިމަބިހި ޖެހިގެން ރިޕޯޓުކުރީ ދެ ކޭސް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ -- ފޮޓޯ/ އޭޕީ

ނިމުނު ހަފުތާގައި ހިމަބިހީގެ އިތުރު ދެ ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު ދެ ކޭސް ވަނީ ފެނިފައެވެ. އެހެންކަމުން މިއަހަރުގެ މިހާތަނަށް ހިމަބިހި ޖެހިގެން ރިޕޯޓުކުރި މިހުންގެ ޖުމްލަ އަދަދު މިހާރު 286 އަށް އަރާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ނިމުނު ހަފުތާގައި ވެސް މާލެ ސަރަހައްދުން ހިމަބިހިޖެހިގެން ރިޕޯޓުކޮށްފައި ވަނީ ދެ ކޭސްއެކެވެ.

https://sun.mv/228278

ހިމަބިހިން ރައްކާތެރިވުމަށް ޖަހާ އެމްއާރު ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ޖަހައި ދެމުން އަންނައިރު، މި އަހަރު މިހާތަނަށް 16،503 މިހުންނަށް ވެކްސިން ޖަހާފައިވާ ކަމަށް އެޗްޕީއޭއިން ވަަނީ ބުނެފައެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލައިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅައިފައިވަނިކޮށް، މި އަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖޭގައި ހިމަބިހި ފެތުރެން ފެށިއެވެ. އޭރު ކޮންމެ ހަފުތާއެކު ގިނަ އަދަދެއްގެ ކޭސްތައް ފެނުނު ނަމަވެސް، މިހާރު ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެއް ކަމަށްވާ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުންނަށް، ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަ ކޮށްދޭނެ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ސިއްހީ މާހިރުން އިރުޝާދު ދެއްވާ ގޮތުގައި، ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބަލީގެ އަލާމާތްތަކަށް ސަމާލުވުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.

comment ކޮމެންޓް