ހަކަތައިގެ ބޮޑެތި މަޝްރޫއުތައް ހިންގުމާ ގުޅޭގޮތުން ރާއްޖެއާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާ ދެމެދު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް މިއަދު ކުރިއަށްގެންދިޔައީ ރާއްޖޭގައި ހުންނަ ޔޫއޭއީ އެމްބަސީއާއި ރާއްޖޭގެ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ގުޅިގެން ބޭއްވި ވާޗުއަލް ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ޔޫއޭއީގެ ފަރާތުން އިސްކޮށް ހުންނެވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޗާޖޭ ޑި އެފެއާޒް ހިބާ އަލްޖުނައިބީއެވެ. އޭނާގެ އިތުރުން އަބޫދާބީ ފިއުޗާ އެނާޖީ ކޮމްޕެނީ (މަސްދަރު) އާއި ގްލޯބަލް ސައުތު ޔުޓިލިޓީޒް (ޖީއެސްޔޫ) ގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ. ރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރު އޮފް ސްޓޭޓް ފޯ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މުހައްމަދު ފާއިޒެވެ. އަދި މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މަންދޫބުންވެސް ބައިވެރިވެވަޑައިގަތެވެ.
ޔޫއޭއީއިން ބުނިގޮތުގައި މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކަރަންޓު ވިއުގަ ޒަމާނީކުރުމާއި، ސްމާޓް ގްރިޑް ގާއިމުކުރުމާއި، ބެޓެރީގައި ހަކަތަ ރައްކާކުރާނެ ނިޒާމުތަކުގެ އިތުރުން ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށެވެ. ސްޓެލްކޯ ފަދަ ކުންފުނިތަކުގެ ދައުރު ފުޅާކޮށް، ރާއްޖޭގެ 40 ރަށެއްގައި ކުރިއަށްގެންދާ ފެން އުފެއްދުމުގެ މަޝްރޫއުތަކާއި، ފެނާއި ނަރުދަމާގެ ވިއުގަތަކާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކާފައެވެ. އަދި ކުނިން ހަކަތަ އުފައްދާ ސަރަހައްދީ މަރުކަޒުތައް ގާއިމުކުރުމާއި، މީހުން ބިނާކުރުމާއި، ތަމްރީނު ދިނުމުގެ އިތުރުން ފަންނީ މައުލޫމާތު ހިއްސާކުރުމާ ގުޅޭގޮތުންވެސް ބައިވެރިން މަޝްވަރާކުރެއްވިއެވެ.
ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން ޔޫއޭއީގެ ޗާޖޭ ޑި އެފެއާޒް ހިބާ އަލްޖުނައިބީ ވިދާޅުވި ގޮތުގައި، ޖަޒީރާ ގައުމުތަކަށް ދިމާވާ ޚާއްސަ ގޮންޖެހުންތައް ޔޫއޭއީން ގަބޫލުކުރެއެވެ. އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ޔޫއޭއީ އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ ޔޫއޭއީ އެނާޖީ ސްޓްރެޓެޖީ 2050 ގެ ދަށުން އެ ގައުމުން ވެފައިވާ ވައުދުތަކާއި، 2023 ވަނަ އަހަރު ދުބާއީގައި ބޭއްވި ކޮޕް28 ސަމިޓުގައި 198 ގައުމަކުން އެއްބަސްވި ތާރީހީ ޔޫއޭއީ ކޮންސެންސަސް އަށް އަލިއަޅުވާލައްވާފައެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް ފަންޑުކުރުމަށް އިއުލާންކޮށްފައިވާ 30 ބިލިއަން ޑޮލަރުގެ އަލްޓެރާ ފަންޑާއި، 2030 ވަނަ އަހަރުގެ ނިޔަލަށް 100 ގިގަވޮޓްގެ ސާފު ހަކަތަ އުފެއްދުމަށް މަސްދަރު ކުންފުނިން ކަނޑައަޅާފައިވާ އަމާޒު އޭނާ ފާހަގަކުރެއްވިއެވެ.
މަސްދަރު ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގައި އިއާދަކުރަނިވި ހަކަތައިގެ ބޮޑެތި މަޝްރޫއުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ.
ހިބާ އަލްޖުނައިބީ އިތުރަށް ވިދާޅުވި ގޮތުގައި، ޔޫއޭއީއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ އެކުވެރިކަމާއި، އެކަކު އަނެކަކަށް އިހުތިރާމުކުރުމާއި، ދެ ގައުމުގެ ވެސް މަސްލަހަތު ހިމެނޭ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި މިހާރު ކުރިއަށްދާ އަދި ރާވާފައިވާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާއިރު، ކުރިއަށް އޮތް ތަނުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރެވިދާނެ އިތުރު ދާއިރާތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. ޚާއްސަކޮށް ރާއްޖޭގެ ހަކަތައިގެ ނިޒާމު ބަދަލުކުރުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދެ ފަރާތުން ވަނީ ހިޔާލު ބަދަލުކޮށްފައެވެ.
ޔޫއޭއީއަކީ ރާއްޖޭގެ ތަރައްގީއަށް ގިނަ ގޮތްގޮތުން އެހީތެރިވާ ކުންފުންޏެކެވެ. ތަރައްގީގެ ގިނަ ކަންކަމަށް އެ ގައުމުން އެހީތެރިވެދެއެވެ. އެގޮތުން ރަސްމާލޭގައި ވެސް މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ހިންގުމަށް ވަނީ ޔޫއޭއީގެ އީގަލް ހިލްސްއިން ހަވާލުވެފައެވެ. އެއީ ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.