އަޅުގަނޑުމެންގެ ހަކަތަ ހޭދަކުރަންވީ ހެޔޮގޮތުގައެވެ.

މިއަދަކީ އުފާވެރި ދުވަހަކަށް ހެދުމުގެ އަޒުމުގައި ކޮންމެ ދުވަހެއް ވެސް ފަށަމާ ހިނގާށެވެ.

ކޮންމެ ދުވަހެއްގެ ފަތިހު އަޅުގަނޑުމެން ހޭލަނީ ވަކި މިންވަރަކަށް ކަނޑައެޅިފައިވާ ޚާއްޞަ ހަކަތައަކާ އެކުގައެވެ. މިއީ ސްކްރީނަކުން ފެންނަން ހުންނަ އަދަދަކަށް ނުވި ނަމަވެސް، އެކަން އަޅުގަނޑުމެންގެ ހަށިގަނޑަށާއި ސިކުނޑިއަށް އިޙްސާސް ކުރެވެއެވެ.

ރޭގަނޑުގެ ނިދި ލިބުނު މިންވަރާއި، ކުރީ ދުވަހުގެ ބުރަކަމާއި، ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން ނަފްސާނީ ހަމަޖެހުމަކީ އެ ދުވަހަކާ ކުރިމަތިލުމަށް އަޅުގަނޑުމެން ތައްޔާރުވެފައިވާ މިންވަރު ކަނޑައަޅައިދޭ ކަންކަމެވެ. ބައެއް ދުވަސްދުވަހު ހޭލެވެނީ އާ ރޫޙަކާއި ތާޒާކަމާ އެކުގައެވެ. ނަމަވެސް އަނެއްބައި ދުވަސްދުވަހު ހެނދުނު ފެށެނީވެސް އިއްޔެގެ ވަރުބަލިކަމާއި ނުތަނަވަސްކަމުގެ ބުރަ ހިތުގައި އުފުލަމުންނެވެ.

މި ހަކަތައަކީ ހަމައެކަނި ޖިސްމާނީ ބާރެއް ނޫނެވެ. މީގެ ތެރޭގައި ފިކުރީ އަދި ނަފްސާނީ ހަކަތަވެސް ހިމެނެއެވެ. އެއީ ކަންކަމަށް ސަމާލުކަން ދިނުމާއި، މުހިންމު ނިންމުންތައް ނިންމުމާއި، ކުރިމަތިވާ ޙާލަތްތަކުގައި ޖަޒުބާތުތައް ކޮންޓްރޯލްކުރުމާއި، އަނެކުންނަށް އަޅާލުމުގެ އިތުރުން ދިރިއުޅުމުގެ ދަތި އުނދަގޫތަކާ ކެރިގެން ކުރިމަތިލުމުގެ ޤާބިލިއްޔަތެވެ.

އަޅުގަނޑުމެންގެ ވިސްނުމާއި ނަފްސާނީ ހަރުދަނާކަމަކީ މި ހަކަތަ ބޭނުންކުރާ ގޮތް ބައްޓަންކޮށްދޭ މައިގަނޑު އަސާސެވެ. އެހެންނަމަވެސް، މި ހަކަތައަކީ ވަކި މިންވަރަކަށް ހިފެހެއްޓިފައިވާ އެއްޗަކަށް ވާއިރުވެސް، އެ ހަކަތަ ހޭދަކުރެވެނީ ކޮން ކަމަކަށްތޯ އަޅުގަނޑުމެންނަށް އަބަދަކު ވިސްނައެއް ނުލެވެއެވެ.

އާންމު ގޮތެއްގައި އަޅުގަނޑުމެންގެ ހަކަތައިގެ މިސްރާބު ހުންނަނީ ތިން ދިމާއަކަށެވެ. އެއީ މާޒީއަށް، މުސްތަޤުބަލަށް، ނުވަތަ މިހިނދަށެވެ. މާޒީގެ ތެރެއަށް ގެނބި، ކުރެވުނު ކަންކަމާ މެދު ހިތާމަކުރުމާއި، މާޒީވެދިޔަ ނުތަނަވަސްކަންތައް ތަކުންތަކާއި، "އެހެން ނެހެދިނަމަ ވާނީ ކިހިނެއްބާއޭ" ހިތައި ކުރެވޭ ބޭކާރު ސުވާލުތަކުން ހަކަތަ ދަމައިގަނެއެވެ.

އަނެއްކޮޅުން، މުސްތަޤުބަލާ މެދު އޮންނަ ބިރުވެރިކަމާއި، ޞިއްޙަތާއި ޢާއިލާއާއި ވަޒީފާއާއި މާލީ ކަންކަމާ މެދު އުފެދޭ ނުތަނަވަސްކަމަކީ އިންސާނާގެ ބާރު ނުފޯރާ އެތައް ކަމަކަށް ހަކަތަ ބޭކާރުކޮށްލާ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންނަށް ހަޤީޤަތުގައި ކަމެއް އިޞްލާޙުކޮށް، އާ ކަމެއް އީޖާދުކޮށް، ޢަމަލީ ގޮތުން ފައިދާއެއް ނެރެވެން އޮތް ހަމައެކަނި ވަގުތު ކަމުގައިވާ "މިހާރު" އަށް ބާކީއޮންނަނީ ވަރަށް ކުޑަމިންވަރެއްގެ ހަކަތަކޮޅެކެވެ.

މީގެ މާނައަކީ މާޒީއާ މެދު ވިސްނުމަކީ ނުވަތަ މުސްތަޤުބަލަށް ތައްޔާރުވުމަކީ ފައިދާއެއް ނެތް ކަމެކޭ ނޫނެވެ. މާޒީން ޢިބުރަތް ޙާޞިލުކުރުމާއި، ހެދުނު ގޯސްތައް ދެނެގަނެ އެކަންކަން ތަކުރާރު ނުކުރުމަކީ މުހިންމު ކަމެކެވެ. އަދި ހަމައެހެންމެ، މުސްތަޤުބަލަށް ޒިންމާދާރުކަމާއެކު ރޭވުންތައް ރޭވުމަކީ ދިރިއުޅުމުގެ އަމާޒު ސީދާކޮށްދޭ ކަމެކެވެ.

މައްސަލަ އުފެދެނީ، މާޒީން ފިލާވަޅު ލިބިގަތުމުގެ ބަދަލުގައި އެކަމުގެ ތެރޭގައި ތާށިވެ ހިތާމަކުރުމުގެ އާދަ އުފެދުމުންނެވެ. އަދި މުސްތަޤުބަލަށް ރޭވުމުގެ ބަދަލުގައި، އަތްނުފޯރާ ފަށުގައިވާ ކަންކަމާ މެދު މެދުކެނޑުމެއްނެތި ކަންބޮޑުވެ ފިކުރުބޮޑުވުމުންނެވެ.

ހާވާޑް ބިޒްނަސް ރިވިއު ގައި ބަޔާންކޮށްފައިވާ ގޮތުގައި، މާޒީއާއި މުސްތަޤުބަލުގެ ނޭދެވޭ ކަންކަމާ މެދު ތަކުރާރުކޮށް ވިސްނުމަކީ (rumination) އާދައިގެ ޕްރެޝަރުތައް ނަފްސާނީ ބޮޑު ސްޓްރެސްއަކަށް ބަދަލުކޮށްލާ ކަމެކެވެ. އުފެއްދުންތެރި ވިސްނުމާއި، އެއްވެސް ޙައްލެއް ނުލިބޭ ނުތަނަވަސް ފިކުރުތަކުގެ ތެރެއަށް ގެނބުމަކީ ދެކަމެއްކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ. މިހިނދަށް ރުޖޫޢަވުމުގެ ހުނަރު އަށަގެންނެވުމަކީ ވަގުތުން ވަގުތަށް ޙައްލު ނުކުރެވޭ މައްސަލަތަކުގެ ބުރައިން ސިކުނޑި ސަލާމަތްކޮށްދޭނެ ވެސް ކަމެކެވެ.

ހާވާޑް ޔުނިވަރސިޓީގެ ނަފްސާނީ ޢިލްމުވެރިން ކަމަށްވާ މެތިއު ކިލިންގްސްވަރތް އަދި ޑެނިއަލް ގިލްބަރޓް ކުރެއްވި ދިރާސާއަކުން ދައްކާ ގޮތުގައި، އިންސާނާ ހޭލާ ހުންނަ ވަގުތުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ވަގުތުގައި ސިކުނޑި ހުންނަނީ އެވަގުތު ކުރާ ކަމަކާ ދުރުގައެވެ. އަދި މިފަދައިން ސަމާލުކަން އެހެން ދިމާލެއްގައި ހުންނަ ވަގުތުތަކުގައި މީހާގެ އުފާވެރިކަން ދަށްވާކަން ވެސް ދިރާސާތުން ވަނީ ހާމަވެފައެވެ.

މީގެ މާނައަކީ އުފެއްދުންތެރި ޚިޔާލުތަކަކީ ގޯހެއްކަމުގައި ބުނުމެއް ނޫނެވެ. ނަމަވެސް އަބަދުމެ ޙަޤީޤީ ދިރިއުޅުމުގެ "މިހިނދުން" ޣައިބުވެފައި ހުރުމަކީ އުފާވެރިކަން ގެއްލިގެންދާ ސަބަބެއްކަމުގައި ގަބޫލުކުރެވޭ ވާހަކައެވެ.

އަޅުގަނޑުމެންގެ ނަފްސާނީ ދުޅަހެޔޮކަމަކީ މަސައްކަތުގެ އުފެއްދުންތެރިކަމާވެސް ސީދާ ގުޅިފައިވާ ކަމެކެވެ. ޔުނިވަރސިޓީ އޮފް އޮކްސްފޯޑުން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، އުފާވެރި މާޙައުލެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އުފެއްދުންތެރިކަން %13 އަށް އިތުރުވެއެވެ. މިއީ ހަމައެކަނި އުފެއްދުންތެރިކަން އިތުރުކުރަން މީހުން އުފަލުގައި ތިބެން މަޖުބޫރުކުރުމެއް ނޫނެވެ.

އެހެންނަމަވެސް، މީހުންގެ އިޙްސާސްތަކާއި ހަކަތަ ރައްކާތެރިކުރުމަކީ ހަމައެކަނި އަމިއްލަ ފަރުދީ ޒިންމާއެއް ނޫންކަމާއި، އެއީ މަސައްކަތުގެ މާޙައުލާއި ވެރިންގެ ވިސްނުމާވެސް ގުޅިފައިވާ މުހިންމު ކަމެއްކަން ހަނދާންކޮށްދޭ ހެއްކެކެވެ.

މީގެ އިތުރުން، ވޯލްޑް ހެޕިނެސް ރިޕޯޓް 2025 ގައި ފާހަގަކޮށްފައިވާ ގޮތުގައި، އޯގާތެރިކަމާއި ޙިއްޞާކުރުމާއި އަނެކުންނަށް އެހީތެރިވުމަކީ އިންސާނާގެ ނަފްސާނީ ހަމަޖެހުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. މިހިނދަށް އިސްކަންދޭ ދިރިއުޅުމުގެ ވައްޓަފާޅިއަކީ ކޮންމެހެން އަމިއްލަކަންކަމުގައި މަޝްއޫލުވެ އުޅުމެއް ނޫނެވެ. އެއީ ގާތުގައިވާ މީހާއަށް ސަމާލުކަން ދިނުމާއި، ޢާއިލާގެ މީހެއްގެ ވާހަކަ ކަނުލައި އެހުމާއި، މަސައްކަތުގެ އެކުވެރިޔާއަށް އެހީތެރިވުން ވެސް ހިމެނޭ ދިރިއުޅުމުގެ ވައްޓަފާޅިއެވެ.

މިގޮތަށް ދިރިއުޅުމުގެ ވައްޓަފާޅި ބިނާކުރުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢަށް ނުހަނު ބޭނުންތެރި ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.. ގިނަ ފަހަރަށް ޢާއިލާއާ އެކު އެއްތަނެއްގައި ތިބޭއިރުވެސް، އަޅުގަނޑުމެންގެ ސިކުނޑި އޮންނަނީ މާޒީގެ ހިތާމައެއްގައި، ނުވަަތަ މާދަމާގެ ބިރުވެރިކަމެއްގައި، ނުވަތަ ސްމާޓްފޯނުގެ ސްކްރީނުގެ ތެރޭގައެވެ. ޖިސްމާނީ ގޮތުން ކައިރީގައި ތިބި ނަމަވެސް، އެމީހުންނަށް އަޅުގަނޑުމެންގެ ޙަޤީޤީ ސަމާލުކަމެއް ނުލިބެއެވެ. އެކަމަކު، ޙަޤީޤަތުގައި އަނެކާއަށް ދެވޭނެ އެންމެ އަގުހުރި ހަދިޔާއަކީ ތިމާގެ ފުރިހަމަ ސަމާލުކަން ކަމުގައި އަޅުގަނޑުމެން ގަބޫލު ކުރަމެވެ.

ކޮންމެ ދުވަހަކުވެސް ހޭލުމަށްފަހު އަމިއްލަ ނަފްސާ ކޮށްލެވިދާނެ ދެސުވާލެއް މިހިސާބުން ދަންނަވާލާނަމެވެ. "މިއަދު އަހަރެންގެ ކިބައިގައި ހުރީ ކިހާވަރެއްގެ ހަކަތައެއް ހެއްޔެވެ؟" އަދި "މި ހަކަތަ ހޭދަކުރުން އެންމެ މުހިންމީ ކޮން ކަމަކަށް ހެއްޔެވެ؟" ވަރުބަލި ދުވަހެއްނަމަ، އަރާމުކޮށްލުމާއި އެހީތެރިކަމަށް އެދުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ވެދާނެއެވެ. އަދި ހަކަތަ ހުރި ދުވަހެއްނަމަ، މުހިންމު ޒިންމާއެއް އަދާކުރުމާއި، ގުޅުމެއް ބަދަހިކުރުމާއި، ޢާއިލާއަށް ފުރިހަމަ ވަގުތު ދިނުމަކީ އެންމެ ހެޔޮ ގޮތެވެ.

މާޒީ އަލުން ބަދަލެއް ނުކުރެވޭނެއެވެ. އެހެނަސް އޭގެއިން ފިލާވަޅު ލިބިގަނެވިދާނެއެވެ. މާދަމާގެ އެއްވެސް ޔަޤީންކަމެއް އަޅުގަނޑުމެންނަކަށް ނެތެވެ. ނަމަވެސް ޒިންމާދާރުކަމާއެކު އެއަށް ތައްޔާރުވެވިދާނެއެވެ. އަޅުގަނޑުމެންގެ އަތުގައި ޙަޤީޤަތުގައިވެސް އޮތް ހަމައެކަނި އެއްޗަކީ "މިހިނދުގެ" ވަގުތެވެ. މިހާރު ދެކެވޭ ވާހަކައެވެ. މިވަގުތު އަދާކުރަންޖެހޭ ޒިންމާއެވެ. އަދި ހެޔޮ ބަދަލެއް ގެނައުމަށް ލިބިފައިވާ މި ފުރުޞަތެވެ. އެހެންކަމުން، އަޅުގަނޑުމެންގެ އަގުހުރި ހަކަތަ، ޙަޤީޤީ ދިރިއުޅުން ހިނގަމުންދާ މިހިނގާ ވަގުތުގެ އެންމެ މުހިންމު ކަންކަމަށް ހޭދަކުރަމާތޯއެވެ!

ގުޅޭ ޓެގު
comment ކޮމެންޓް