ފޭސްބުކާއި އިންސްޓަގްރާމްގައި، ޕްރޮމްޕްޓުން ގޭމް އުފެއްދޭ އޭއައި ވަސީލަތްތަކެއް މެޓާއިން ތަޢާރަފުކޮށްފި

މެޓާގެ މި ފިޔަވަޅަކީ އޮންލައިން ގޭމިން ކުންފުނި "ރޮބްލޮކްސް" އާ ވާދަކުރުމަށް އެޅި ފިޔަވަޅެއް ---

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އާދައިގެ ލިޔުންކޮޅަކުން (ޕްރޮމްޕްޓުން) ފުރިހަމަ ގޭމްތައް އުފެއްދޭނެ އާ ދެ ވަސީލަތެއް މެޓާއިން ތަޢާރަފުކޮށްފިއެވެ.

"ހޮރައިޒަން ކްރިއޭޓް" އަދި "ހޮރައިޒަން ސްޓޫޑިއޯ" ގެ ނަމުގައި ތަޢާރަފުކުރި މި ވަސީލަތްތަކުގެ އެހީގައި އުފައްދާ ގޭމްތައް، އެހެން އެޕްލިކޭޝަނެއް ޑައުންލޯޑްކުރުމަކާ ނުލައި ފޭސްބުކާއި އިންސްޓަގްރާމްގެ ފީޑުތަކުގައި ސީދާ ކުޅެވޭނެއެވެ.

މެޓާއިން ބުނި ގޮތުގައި "ހޮރައިޒަން ކްރިއޭޓް" އަކީ މޮބައިލް ފޯނުތަކުގައި ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. އަދި "ހޮރައިޒަން ސްޓޫޑިއޯ" އަކީ ވެބް ބްރައުޒަރު މެދުވެރިކޮށް އިތުރު ތަފުސީލީ ކޮންޓްރޯލްތަކާއެކު ގޭމް ފަރުމާކުރެވޭނެ ވަސީލަތެކެވެ. މި ދެ ވަސީލަތް ވެސް އެންމެ ފުރަތަމަ ދޫކޮށްލުމަށް ހަމަޖެހިފައިވަނީ "އާލީ އެކްސެސް" ގޮތުގައެވެ. އަދި މި ވަސީލަތްތައް ބޭނުންކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވެއިޓްލިސްޓުގައި ބައިވެރިވުމުގެ ފުރުޞަތު މެޓާއިން މިހާރު ވަނީ ހުޅުވާލާފައެވެ.

ކްރިއޭޓަރުންނަށް މި ވަސީލަތްތައް ބޭނުންކޮށްގެން 2ޑީ އަދި 3ޑީ މޮބައިލް ގޭމްތައް ފަސޭހަކަމާއެކު އުފެއްދޭނެއެވެ. މީގެ ތެރޭގައި އެކަކަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ކުޅެވޭ މަލްޓިޕްލޭޔާ ގޭމްތަކާއި، ގޭމްގެ ލެވަލްތައް ކުރިއަށްދާ ސިސްޓަމްތަކާއި، އާޓް ޑިޒައިނާއި، ގޭމްގެ އުނދަގޫމިން (ޑިފިކަލްޓީ) ބެލެންސްކުރުން ފަދަ ކަންކަން ހިމެނެއެވެ. އޭއައި އިން ފުރަތަމަ ގޭމް އުފެއްދުމަށްފަހު، ކްރިއޭޓަރުން ބޭނުންވާ ގޮތަށް ގޭމްގެ ކޮންމެ ބަޔަކަށް ބަދަލުގެނެސް އިސްލާޙުކުރުމުގެ ފުރުޞަތުވެސް ލިބޭނެއެވެ.

މެޓާއިން ފާހަގަކުރި ގޮތުގައި، މި ވަސީލަތްތަކުން ގޭމްގެ ލޮޖިކާއި އާޓްވޯކް އަދި އެހެނިހެން ޓެކްނިކަލް ބައިތަކުގެ މައްޗަށް ކްރިއޭޓަރުންނަށް ކޮންޓްރޯލް ލިބޭ މިންވަރު މުޅިން ސާފުނުވި ނަމަވެސް، މިއީ ހަމައެކަނި އާދައިގެ އިންޓަރެކްޓިވް ތަޖުރިބާތަކެއް ނޫނެވެ. ގޫގުލްގެ "ޕްރޮޖެކްޓް ޖީނީ" ފަދަ ވަސީލަތްތަކުން އުފައްދަނީ ކުރު އިންޓަރެކްޓިވް ހަރަކާތްތަކެއް ކަމަށްވާއިރު، މެޓާގެ މި ވަސީލަތްތައް އުފައްދާފައިވަނީ ގިނަ ވަގުތު ކުޅެވޭފަދަ ފުރިހަމަ ގޭމް ސިސްޓަމްތައް އެކުލެވޭ ގޮތަށެވެ.

ކްރިއޭޓަރުންނަށް މި ވަސީލަތްތައް ބޭނުންކޮށްގެން 2ޑީ އަދި 3ޑީ މޮބައިލް ގޭމްތައް ފަސޭހަކަމާއެކު އުފެއްދޭނެ ---

މި ވަސީލަތްތަކުން އުފައްދާ ގޭމްތައް އިޝްތިހާރުކުރުމަށާއި މީހުންނަށް ފޯރުކޮށްދިނުމަށް މެޓާއިން ބޭނުންކުރާނީ ފޭސްބުކާއި އިންސްޓަގްރާމްގެ ފީޑްތަކެވެ. މިގޮތުން އިންސްޓަގްރާމްގައި ގޭމެއްގެ ކުރު ވީޑިއޯ ކްލިޕެއް ބަލަމުންދާ މީހަކަށް، އިތުރު އެޕްލިކޭޝަނެއް ޑައުންލޯޑްކުރުމަކާ ނުލައި ނުވަތަ އެހެން ތަނަކަށް ނުގޮސް، ސިކުންތުކޮޅެއްގެ ތެރޭގައި އެ ގޭމެއްގެ މަލްޓިޕްލޭޔާ ކުޅުމުގެ ތެރެއަށް ވަދެވޭނެއެވެ. މެޓާއިން ބުނީ ގޭމްތައް ހުންނާނީ މީހުން އާންމުކޮށް ކޮންޓެންޓް ހޯދައި ރައްޓެހިންނާ ގުޅުންބަދަހިކުރާ ފީޑްތަކުގެ ތެރޭގައި ސީދާ ހިމެނިފައެވެ.

މި ނިންމުމަކީ މެޓާގެ "ހޮރައިޒަން" ޕްލެޓްފޯމް ހަމައެކަނި ވާޗުއަލް ރިއަލިޓީ (ވީއާރް) އަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ހޮރައިޒަންއަކީ ފެށުނީއްސުރެ ވީއާރް އެޕްލިކޭޝަނެއްގެ ގޮތުގައި އޮތް އެއްޗެއް ނަމަވެސް، ފަހަކަށް އައިސް މެޓާއިން ވަނީ މޮބައިލް ފޯނުތަކަށް އިސްކަންދޭން ފަށާފައެވެ. ފޭސްބުކާއި އިންސްޓަގްރާމްގެ ތެރޭގައި މި ގޭމްތައް ހިމެނުމުން، ހޮރައިޒަންއަށް އެކަނި ނުލިބޭނެ ފަދަ ބޮޑު އާބާދީއަކަށް މި ގޭމްތައް ފޯރައިގެންދާނެއެވެ.

މެޓާގެ މި ފިޔަވަޅަކީ އޮންލައިން ގޭމިން ކުންފުނި "ރޮބްލޮކްސް" އާ ވާދަކުރުމަށް އެޅި ފިޔަވަޅެކެވެ. ރޮބްލޮކްސްއަކީ ދުވާލަކު 123 މިލިއަން މީހުން ބޭނުންކުރާ ބޮޑު ޕްލެޓްފޯމެކެވެ. އަދި އެ ކުންފުނިންވެސް ވަނީ މޮބައިލް ފޯނުން ޕްރޮމްޕްޓް ބޭނުންކޮށްގެން ގޭމް އުފެއްދޭނެ އޭއައި ވަސީލަތްތައް ތަޢާރަފުކުރަން ފަށާފައެވެ.

މެޓާގެ ހޮރައިޒަންއަށް މިހާތަނަށް އެވަރުގެ ބޮޑު ތަރުޙީބެއް ލިބިފައިނުވި ނަމަވެސް، އާ އޭއައި ވަސީލަތްތަކާއެކު ގޭމިން ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދުމަށް މެޓާއިން ދަނީ މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް