ހައުސިން މިނިސްޓްރީގެ ރަސްމީ ލިޔެކިޔުންތަކެއް އަޅާފައިވާ ލޮކަރުތަކެއް، އުސޫލުން ބޭރުން ހުޅުވި މައްސަލައެއް ފުލުހަށް އިއްޔެ ރިޕޯޓުކޮށްފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، ހައުސިން މިނިސްޓްރީގެ ރަސްމީ ލިޔެކިޔުންތައް އަޅާފައިވާ ލޮކަރުތަކެއް، އޮންނަ އުސޫލުން ބޭރުން ހުޅުވާފައިވާ ހުރި ކަމަށް އެ މިނިސްޓްރީން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންވެ، އިއްޔެ 19:18ހާއިރު ފުލުހުން އެ މިނިސްޓްރީއަށް ހާޒިރުވި ކަމަށްއެ މުއައްސަސާއިން ބުންޏެވެ.
އެ ބަޔާނުގައިވާ ގޮތުން، ފުލުހުންގެ ހާޒިރުގައި އެ މިނިސްޓްރީގެ މުވައްޒަފުން އެ ލިޔެކިޔުންތައް ބަލައި ޗެކްކުރިއިރު، އެއްވެސް ލިޔުމެއް ނުވަތަ އެހެން އެއްޗެއް ވެސް މަދުވެފައި ނުވާކަން ވަނީ ޔަގީންވެފައެވެ.
އެ މައްސަލަ އިތުރަށް ބަލާނެ ކަމެއް މިހާތަނަށް ފުލުހުން ބުނެފައިނުވެއެވެ.
https://twitter.com/PoliceMv/status/2103807153924706571
މީގެ އިތުރުން، އުސޫލުން ބޭރުން ހުޅުވި ކަމަށް ބުނާ ލޮކަރުގައި ހުރީ ކޮން ބާވަތެއްގެ ލިޔެކިޔުމެއްކަން މިހާތަނަށް މިނިސްޓްރީގެ ފަރާތުން ސާފުވެފައި ނުވެއެވެ.
ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއަކީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާ ހަވާލުވެފައިވާ އިދާރާއެވެ. އޭގެ ތެރެއިން ބޯހިޔާވަހިކަން ފަދަ ކަންކަމަކީ ދިވެހީންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަން ކަމަށްވާއިރު، ގެދޮރުވެރިކަމާ ގުޅުންހުރި ލިޔެކިޔުންތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ގިނަ ބަޔަކު ގޮވާލާތައް ދުވަސްތަކެއް ވަނީ ވެފައެވެ.
ޑިސެމްބަރު 11، 2024ގައި ތިން މިނިސްޓްރީއެއް ހިންގި އިމާރާތްތަކުގައި ރޯވިއިރު، އޭގެ ތެރޭގައި ހައުސިން މިނިސްޓްރީ ވެސް ހިމެނުނެވެ. އެއާއެކު، އޭރު ވެސް ބޯހިޔާވަހިކަމާ ގުޅުންހުރި މުހިންމު ލިޔެކިޔުންތައް ގެއްލުމުގެ ކަންބޮޑުވުން އުފެދުނެވެ. އެ ހާދިސާއަށް ފަހު ހައުސިން މިނިސްޓްރީ ހިންގަމުން އަންނަނީ ދަރުބާރުގޭގައެވެ.