ބުރިޖު މަތިން ފުންމާލި ބިދޭސީ މީހާއަށް ނަފުސާނީ އެހީ ފޯރުކޮށްދޭން ކޯޓުން އަންގައިފި

ކަނޑަށް ފުންމާލި ބިދޭސީ މީހާ ސަލާމަތްކުރަނީ، އޭނާ ރާއްޖެއިން ފުރުވާލަން ކޯޓުން ނިންމައިފި -- ފޮޓޯ/ އެމްއެންޑީއެފް

ސިނަމާލެ ބުރިޖުމަތިން ފުންމާލި ބިދޭސީ މީހާއަށް ނަފުސާނީ އެހީ ފޯރުކޮށްދޭން ކްރިމިނަލް ކޯޓުން ފުލުހުންނަށް އިއްޔެ އަންގައިފިއެވެ.

ސިނަމާލެ ބުރިޖު މަތިން ފުންމާލައި ބުރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮތް ބިދޭސީ މީހަކު އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކުރީ މިދިޔަ ބުދަ ދުވަހުގެ ރޭގައެވެ.

އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ބަންގްލަދޭޝަށް ނިސްބަތްވާ 31 އަހަރުގެ މީހެކެވެ.

އެމްއެންޑީއެފުން އޭނާ ސަލާމަތް ކުރުމަށް ފަހު ހަވާލުކުރީ ފުލުުހުންނާއެވެ. އެއާއެކު އޭނާ ފަރުވާ އައިޖީއެމްއެޗަށް ގެންގޮސްފައިވަނިކޮށް ފުލުހުން ވަނީ އޭނާ އަމިއްލަ ނަފުސަށް ގެއްލުން ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.

އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފައެވެ. ނަމަވެސް އޭނާގެ ބަލި ހާލަތު ފިލައި ދިޔުމުން، 24 ގަޑިއިރު ތެރޭ ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމަށް ކޯޓު އަމުރުގައިވެއެވެ.

އެއަށްފަހު، އިއްޔެ އެ މީހާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން އަމުރުކުރީ އޭނާ ޝަރުތަކާ ނުލައި ދޫކޮށްލުމަށެވެ. އެއީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް ހުށަހެޅިފައިނުވާތީއާއި ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން ކަމަށް ކޯޓު އަމުރުގައިވެއެވެ.

https://sun.mv/227973

އެ ކޯޓު އަމުރުގައި އިތުރަށް ވަނީ ކަމާ ގުޅުންހުރި ފަރާތްތަކަށް ހުށަހަޅައިގެން އެނާއަށް ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް، އޭނާ ރާއްޖެއިން ފުރުވާލުމަށް އިމިގްރޭޝަނާ ހަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ އިޖުރާތްތައް ފުރިހަމަކުރުމަށް ފުލުހުންނަށް ހުރަހެއް އޮތްކަމަށް ނުދެކޭ ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މީގެ ކުރިން މަދުން ނަމަވެސް މީހުން ބުރިޖުން ކަނޑަށް ފުންމާލުމުގެ ނުވަތަ ފުންމާލަން އުޅުމުގެ ހާދިސާތައް ފެންމަތިވެ، އެ މީހުން ސަލާމަތްކޮށްފައި އެބަހުއްޓެވެ.

comment ކޮމެންޓް