އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ ޗީފް އިލެކްޝަން އޮފިސަރު ގްޔާނޭޝް ކުމާރު އިސްތިއުފާ ނުދެއްވައިފިނަމަ، މުޅި ގައުމަށް ފެތުރޭ ބޮޑު މުޒާހަރާއެއް ފަށާނެ ކަމަށް އެ ގައުމުގެ ޒުވާނުންގެ ހަރަކާތެއް ކަމަށްވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) އިން އިންޒާރުދީފިއެވެ.
ސީޖޭޕީގެ ބާނީ އަބީޖީތު ދިޕްކޭ ހުކުރު ދުވަހު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ގްޔާނޭޝް ކުމާރު މަގާމުން އިސްތިއުފާ ނުދެއްވައިފިނަމަ އަންނަ މަހުގެ ދެވަނަ ދުވަހު މުމްބާއީގައި މުޒާހަރާތައް ފަށައި، އިންޑިއާގެ އެކި ރަށްތަކަށް އެ ހަރަކާތް ފުޅާކުރާނެ ކަމަށެވެ. އަދި އެ ދުވަހަކީ އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ އުފަންދުވަސް ކަމަށްވާ "ގާންދީ ޖަޔަންތީ" ފާހަގަކުރާ ދުވަހެވެ.
މި މައްސަލަ ފެންމަތިވީ ވޯޓަރުންގެ ލިސްޓަށް ބަދަލުތަކެއް ގެނައުމުގައި ގްޔާނޭޝް ކުމާރުގެ އަތެއްވާ ކަމަށް ބުނެ ނޫހަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެ ލިސްޓަށް ބަދަލުތައް ގެނެސްފައި ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ފައިދާވާނެ ގޮތަށެވެ.
އިންޑިއަން އެކްސްޕްރެސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވޯޓަރުންގެ ލިސްޓު އަދާހަމަކުރުމުގެ މަސައްކަތުގައި ކަންބޮޑުވުން ހުރެގެން އަނެއް ދެ އިލެކްޝަންސް ކޮމިޝަނަރުން ވަނީ ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި މަދުވެގެން 14 ފަހަރު ކުމާރާ ސުވާލުކުރައްވާފައެވެ.
މި މައްސަލައިގައި އިދިކޮޅު މައި ޕާޓީ، ކޮންގްރެސްއިން ވެސް ވަނީ ގްޔާނޭޝް ކުމާރު ހައްޔަރުކޮށް، މަގާމުން ވަކިކުރުމަށް ގޮވާލައި މުޅި ގައުމުގައި މުޒާހަރާ ބޭއްވުމަށް ނިންމާފައެވެ. ނަމަވެސް އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުންނާއި ބީޖޭޕީއިން ވަނީ މި ތުހުމަތުތައް ދޮގުކޮށް، އެއީ އިންތިޚާބުތަކުން ބަލިވުމުން އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ ކެމްޕޭނެއް ކަމަށް ބުނެފައެވެ.
އިންސްޓަގްރާމް މެދުވެރިކޮށް އުފެދުނު ސީޖޭޕީއަކީ މޯދީ ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވަމުންދާ ޒުވާނުންގެ ހަރަކާތެކެވެ. މީގެ ކުރިން މި އަހަރުގެ ޖުލައި މަހު އެ ހަރަކާތުން ކުރިއަށްގެންދިޔަ މުޒާހަރާތަކާ ގުޅިގެން، އިމްތިހާނު ކަރުދާސްތަކެއް ލީކުވި މައްސަލައިގައި އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ވެސް ވަނީ އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންފައެވެ.