ބަޑިޖަހާ ގޮތަށް އުފާފާޅުކުރުމުން އިސްރާއީލުގެ ކުޅުންތެރިޔަކަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފި

ޔުއެފާ ނޭޝަންސް ލީގުގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ކޯނަރު ދަނޑި ބޭނުންކޮށްގެން ބަޑިޖަހާ ގޮތަށް އުފާފާޅުކުރުމާ ގުޅިގެން، އިޒްރޭލުގެ ފޯވާޑް ސައްޔިދު އަބޫ ފަރްޗީ އަށް ވަނީ ރަތް ކާޑު ދައްކާފަ... ފޮޓޯ/ އެފްއެމްޓީ

ޔުއެފާ ނޭޝަންސް ލީގުގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ކޯނަރު ދަނޑި ބޭނުންކޮށްގެން ބަޑިޖަހާ ގޮތަށް އުފާފާޅުކުރުމާ ގުޅިގެން، އިޒްރޭލުގެ ފޯވާޑް ސައްޔިދު އަބޫ ފަރްޗީއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފިއެވެ.

އޮސްޓްރިއާގެ ލިންޒްގައި ހުންނަ ރައިފެއިސެން އެރީނާގައި ރޭ ކުޅުނު މި މެޗުގެ 55 ވަނަ މިނެޓުގައި ބޮލުން ގޯލެއް ޖަހައި ފަރްޗީ ވަނީ މެޗުގެ ނަތީޖާ 1-1 އަށް ހަމަހަމަކޮށްދީފައެވެ. ނަމަވެސް އެމެރިކާގެ މޭޖަ ލީގު ސޮކަ (އެމްއެލްއެސް) ގެ ކޮލޮރާޑޯ ރެޕިޑްސް އަށް ކުޅެމުން އަންނަ އުމުރުން 20 އަހަރުގެ މި ކުޅުންތެރިޔާ ވަނީ ކޯނަރު ކައިރިއަށް ދުވެގޮސް، ކޯނަރު ދަނޑި ނަގައި، އެއް ކަކޫ ވިނަގަނޑުމަތީ ޖައްސައިގެން އިނދެ ބަޑިޖަހާ ގޮތަށް އިޝާރާތްކޮށް އުފާފާޅުކޮށްފައެވެ.

މި ހަރަކާތާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއީ އޭނާއަށް ފުރަތަމަ ރީނދޫ ކާޑު ދެއްކިތާ އެންމެ ހަތަރު މިނެޓު ފަހެވެ.

ފުޓްބޯޅައިގެ ގަވާއިދުތައް ބަޔާންކުރާ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ) ގެ 12 ވަނަ ގަވާއިދުގައިވާ ގޮތުން، ލަނޑު ޖެހުމަށްފަހު އުފާފާޅުކުރުމުގައި ރުޅިއެރުވުމާއި ދެކޮޅުވެރިކަން އުފެދޭ ފަދަ އަމަލުތައް ކޮށްގެން ނުވާނެއެވެ.

ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އިސްރާއީލުގެ މައްޗަށް އޮސްޓްރިއާއިން ވަނީ 3-1 އިން ކުރިހޯދާފައެވެ. އޮސްޓްރިއާއިން އަލުން ލީޑު ނެގީ 90 ވަނަ މިނެޓުގައި ފިލިޕް މުވޭނޭ ޖެހި ގޯލުންނެވެ. އަދި އިތުރު ވަގުތުގައި ސަސާ ކަލަޖްޒިޗް ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މި މެޗު ކުރިއަށްދިޔަ ވަގުތު އޮސްޓްރިއާގެ ސަޕޯޓަރުން ވަނީ "ފްރީ ޕަލަސްތީން" ލިޔެފައިވާ ބެނާއެއް ދަނޑު ކައިރީގައި ދައްކާލާފައެވެ. ނޭޝަންސް ލީގުގައި އިސްރާއީލް ބައިވެރިވާތީ އެކަމާ ދެކޮޅަށް ރިޕަބްލިކް އޮފް އަޔަލެންޑް ފަދަ ބައެއް ގައުމުތަކުން ވަނީ ވަރުގަދަ ނުރުހުން ފާޅުކޮށްފައެވެ.

comment ކޮމެންޓް