ޔުއެފާ ނޭޝަންސް ލީގުގެ 2026–27 ވަނަ ސީޒަނުގެ ކުއާޓާ ފައިނަލުގައި ދުނިޔެއާއި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިނާއި ވަރުގަދަ ފްރާންސް ބައްދަލުކުރަން ޖެހިއްޖެއެވެ.
ސްވިޒަލޭންޑްގެ ނިއޯންގައި އިއްޔެ ބޭއްވި ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ގްރޫޕްތަކުގެ އެއްވަނަ ހޯދައިގެން ސީޑް ކޮށްފައިވާ ޓީމުތަކުގެ ޕޮޓުގައި ހިމެނުނީ ފްރާންސް، ޖަރުމަނު، އިންގްލެންޑް އަދި ޕޯޗުގަލްއެވެ.
ދެ ލެގުގެ އުސޫލުން ކުޅޭ ކުއާޓާ ފައިނަލްގެ މެޗުތައް އަންނަ އަހަރުގެ މާރިޗު މަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ސްޕެއިނާއި ފްރާންސް ބައްދަލުކުރާ ފުރަތަމަ ލެގު ސްޕެއިންގައި އޮންނާނީ މާރިޗު 26 ވަނަ ދުވަހު ރާއްޖެ ގަޑިން ދަންވަރު 00:45 ގައެވެ. ފްރާންސްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގު އޮންނާނީ މާރިޗު 28 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 23:45 ގައެވެ.
މި ކުރިމަތިލުމަށް ދެ ޓީމު ނުކުންނައިރު، ނޭޝަންސް ލީގުގެ އެންމެ ފަހުގެ ހަތަރު މުބާރާތުގެ ތެރެއިން ތިން މުބާރާތުގެ ފައިނަލުގައި ސްޕެއިނުން ވަނީ ކުޅެފައެވެ. ފްރާންސުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 2021 ވަނަ އަހަރުގެ ފައިނަލުގައި ސްޕެއިން ބަލިކުރުމަށްފަހުގައެވެ.
ނަމަވެސް އެ މެޗަށްފަހު މި ދެ ޓީމު ބައްދަލުކުރި ތިން މެޗުންވެސް މޮޅުވެފައިވަނީ ސްޕެއިނެވެ. އޭގެ ތެރޭގައި 2025 ވަނަ އަހަރުގެ ނޭޝަންސް ލީގު ސެމީ ފައިނަލުގައި 5-4 އިން ސްޕެއިން ހޯދި މޮޅާއި، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި 2-0 އިން ހޯދި މޮޅު ހިމެނެއެވެ.
ވޯލްޑް ކަޕަށްފަހު ފްރާންސްގެ ކޯޗުކަމާ ހަވާލުވި ޒައިނުއްދީން ޒިދާން، ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭއާ ދެކޮޅަށް ނުކުންނައިރު، ޒިދާން ބުނެފައިވަނީ މިއީ ވޯލްޑް ކަޕްގެ ބަދަލުހިފުމެއްގެ ގޮތުގައި ނުދެކޭ ކަމަށާއި ތަށި ހޯދަން ބޭނުންނަމަ އެންމެ ވަރުގަދަ ޓީމުތައް ބަލިކުރަން ޖެހޭނެ ކަމަށެވެ.
ކުއާޓާ ފައިނަލްގެ އެހެން މެޗުތަކަށް ބަލާއިރު، ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ 2019 ވަނަ އަހަރުގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ނުކުންނާނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ.
ޕޯޗުގަލްއާ ދެކޮޅަށް ނެދަލޭންޑްސް މިހާތަނަށް ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުން ނަމަވެސް، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވުމާއެކު މިހާރު އެ ޓީމުގެ ހާލަތު ވަނީ ތަފާތުވެފައެވެ.
ޕޯޗުގަލްއާއި ނެދަލޭންޑްސް ކުޅޭ މެޗުން މޮޅުވާ ޓީމެއް އަންނަ އަހަރުގެ ޖޫން މަހު އޮންނަ ސެމީ ފައިނަލުގައި ބައްދަލުކުރާނީ ސްޕެއިނާއި ފްރާންސް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
މީގެ އިތުރުން ކުއާޓާ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ނުކުންނާނީ ނޯވޭއެވެ. ނޯވޭއަކީ މި ފަހަރުގެ ކުއާޓާ ފައިނަލަށް ކޮލިފައިވެފައިވާ ޓީމުތަކުގެ ތެރެއިން މީގެ ކުރިން މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައި ނުވާ ހަމައެކަނި ޓީމެވެ.
ނޯވޭ މި ހިސާބަށް ގެނެސްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ނޭޝަންސް ލީގުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ އާލިން ހާލަންޑެވެ. އޭނާ ވަނީ މި މުބާރާތުގައި 25 ލަނޑު ޖަހާފައެވެ. އިންގްލެންޑާއި ނޯވޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލުގައި ނުކުންނާނީ ޖަރުމަނާއި ބެލްޖިއަމް ބައްދަލުކުރާ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.