ދެހާސް ސައުވީސް ވަނަ އަހަރުގެ ޑިސެންބަރު 12ވަނަ ދުވަހު، ތިން މިނިސްޓްރީއަކާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން އައި 'ޕިންކް ބިލްޑިންގް'އާއި 'ގްރީން ބިލްޑިންގް' އިމާރާތުގައި ރޯވިއިރު، އޭގެ ތެރެއިން އިންޝުއަރެންސް ނަގައިފައި ހުރީ އެންވަޔަރަމެންޓް މިނިސްޓްރީ ހިންގި އިމާރާތަށް އެކަނި ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވަނީ، އެ ހާދިސާގައި ތިން މިނިސްޓްރީއަކާއި މާލޭ ސިޓީ ކައުންސިލް އިދާރާގެ އޮފީހަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައި ކަމަށެވެ.
"މިގޮތުން ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށް އަނދައިގެން ގޮސްފައިވޭ، އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަމެންޓް އެންޑް އެނާޖީ އިމާރާތައި މާލޭ ސިޓީ ކައުންސިލް ހިންގަމުންދިޔަ އިމާރާތުން ކޮންމެވެސް ވަރަކަށް ތަކެތި ސަލާމަތް ކުރެވިފައިވީ ނަމަވެސް އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސަރުކާރުގެ ތިން އިމާރާތުގެ ތެރެއިން އިންޝުއަރެންސް ކޮށްފައިވަނީ މިނިސްޓްރީ ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީކަން ފާހަގަކުރެވޭ،" އޭނާ ވިދާޅުވިއެވެ.
ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު -- ސަން ފޮޓޯހަމައެއާއެކު އެ ސަރަހައްދުގައި ހުރި ތިން ގެއެއްގެ ނުވަ އެޕާޓްމަންޓަކަށާއި ފިހާރައަކަށް ވެސް އަލިފާނުގެ ހޫނުގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
ޑިސެންބަރު 12، 2024ގައި ހިނގި މި އަލިފާނުގެ ހާދިސާގައި ގްރީން ބިލްޑިން ކޮމްޕްލެކްސްއަށް ބޮޑެތި ގެއްލުންތަކެއްވެ، ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ. އެގޮތުން އިމާރާތުގައި ހުރި ގިނަ ލިޔެކިއުންތަކެއް ވެސް އަނދައިފައިވެއެވެ. އެ އިމާރާތުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުގެ އިދާރާއެއް ވެސް ހިންގައިފައިވެއެވެ.
މިއީ ދިވެހި ދައުލަތުގެ އިމާރާތެއް މިހެން ރޯވެ ލިބުނު އެންމެ ބޮޑު އެއް ގެއްލުމެވެ.
އެ ހާދިސާގެ އެއްވެސް މައުލޫމާތެއް އޭރު ހާމަނުކުރާތީ ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ.