ވައިގެ މަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އެ ސިޓީގެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ވައިގެ މަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އެ ސިޓީއަށް ނިސްބަތްވާ އުމުރުން 57 އަހަރުގެ ޢަބްދުﷲ މުޙައްމަދު ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު ފުވައްމުލަކުގެ ފުލުހުންނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ސިޓީގެ އެއާޕޯޓު ތެރެއިން އެ މީހާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ކޮތަޅުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 68 ގުރާމު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ތަކެތި ފައްސިވީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗަށް ކަން ފުލުހުން ނުބުނެއެވެ.
އެ މައްސަލައިގައި އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ މީހާގެ ބަންދަށް ފުލުހުން ވަނީ 20 ދުވަސް ޖަހައިފައެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.