އިންޑިއާގެ އެންމެ މުއްސަނދި މީހާގެ މަގާމު، ރިލަޔަންސް އިންޑަސްޓްރީޒްގެ ޗެއާމަން މުކޭޝް އަމްބާނީ ފަހަތަށް ޖައްސާލުމަށްފަހު، އަދާނީ ގްރޫޕްގެ ޗެއާމަން ގޯތަމް އަދާނީ އަލުން ހޯދައިފިއެވެ.
މިއަދު އާންމުކުރި "ހުރޫން އިންޑިއާ ރިޗް ލިސްޓު 2026" އިން ދައްކާ ގޮތުގައި އަދާނީއާއި އޭނާގެ އާއިލާގެ މިލްކިއްޔާތުގައި 922 ބިލިއަން ރުޕީސް (9.22 ލައްކަ ކްރޯޑު ރުޕީސް) އެބަހުއްޓެވެ. މިއީ ފާއިތުވި އަހަރާ އަޅައި ބަލާއިރު 13 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ލިސްޓުގެ ދެވަނައިގައި އޮތް އަމްބާނީއާއި އޭނާގެ އާއިލާގެ މިލްކިއްޔާތުގެ އަގަކީ 863 ބިލިއަން ރުޕީސްއެވެ. އަދާނީގެ ވިޔަފާރިތައް މައިގަނޑު ގޮތެއްގައި ހަކަތައާއި އުމްރާނީ ތަރައްގީގެ ދާއިރާއަށް ބިނާވެފައިވާއިރު، އޭނާގެ މައި މަރުކަޒަކީ އަހުމަދުއާބާދެވެ. އަމްބާނީގެ ރިލަޔަންސް އިންޑަސްޓްރީޒްގެ މައި މަރުކަޒު ހުންނަނީ މުމްބާއީގައެވެ. މި ދެ މަހުޖަނުންނަށް ފަހު، ލިސްޓުގެ ތިންވަނައިގައި އޮތީ 339 ބިލިއަން ރުޕީސްގެ މިލްކިއްޔާތަކާއެކު ސްޓީލް ވިޔަފާރިވެރިޔާ ލަކްޝްމީ ނިވާސް މިއްތަލްއާއި އޭނާގެ އާއިލާއެވެ. އޭނާގެ މައިގަނޑު ވިޔަފާރި ކަމަށްވާ އާސެލޯމިއްތަލްގެ މައި އޮފީސް ހުންނަނީ ލަންޑަނުގައެވެ.
ހުރޫން ލިސްޓުގެ ގަދަ ދިހައެއްގައި ހިމެނޭ އެހެން ފަރާތްތަކަށް ބަލާއިރު، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ސައިރަސް އެސް ޕޫނާވާލާ އޮތީ 303 ބިލިއަން ރުޕީސްއާއެކު ހަތަރުވަނައިގައެވެ. އެޗްސީއެލްގެ ރޯޝްނީ ނާދަރް މަލްހޯތުރާ 278 ބިލިއަން ރުޕީސްއާއެކު ފަސްވަނައިގައި އޮތްއިރު، އަދިތްޔަ ބިރްލާ ގްރޫޕްގެ ކުމާރު މަންގަލަމް ބިރްލާ އޮތީ 269 ބިލިއަން ރުޕީސްއާއެކު ހަވަނައިގައެވެ. މީގެ އިތުރުން ސަން ފާމަސޫޓިކަލްސްގެ ދިލީޕް ޝަންގްވީ ހަތްވަނައިގައި (265 ބިލިއަން ރުޕީސް)، ވިޕްރޯގެ އާޒިމް ޕްރޭމްޖީ އަށްވަނައިގައި (263 ބިލިއަން ރުޕީސް)، ވެދާންތާ ރިސޯސަސްގެ އަނިލް އަގަރްވާލް ނުވަވަނައިގައި (208 ބިލިއަން ރުޕީސް) އަދި ޓޮރެންޓް ފާމަސޫޓިކަލްސްގެ ސަމީރް މެހެތާ ދިހަވަނައިގައި (189 ބިލިއަން ރުޕީސް) ހިމެނެއެވެ.
މިއަހަރުގެ ލިސްޓުން އަދާނީ އެއްވަނައަށް އަރާފައިވާއިރު، މިއީ ފާއިތުވި އަހަރާ އަޅައި ބަލާއިރު އައި ބޮޑު ބަދަލެކެވެ. ހުރޫން އިންޑިއާގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ ލިސްޓުގެ އެއްވަނައިގައި އޮތީ 955 ބިލިއަން ރުޕީސްގެ މިލްކިއްޔާތަކާއެކު އަމްބާނީއެވެ. އެ އަހަރު އަދާނީ އޮތީ 815 ބިލިއަން ރުޕީސްއާއެކު ލިސްޓުގެ ދެވަނައިގައެވެ. ނަމަވެސް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އަދާނީގެ ވިޔަފާރިތަކަށް ލިބުނު ކުރިއެރުމާއެކު، އޭނާގެ މިލްކިއްޔާތު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އޭގެ ބަދަލުގައި އަމްބާނީގެ މިލްކިއްޔާތުން ވަނީ 10 އިންސައްތަ ދަށަށް ގޮސްފައެވެ.
މި ލިސްޓުގައި އިންޑިއާގެ އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ފާހަގަކޮށްލެވޭ ގިނަ ވިޔަފާރިވެރިން ހިމެނެއެވެ. އެގޮތުން ކޮޓަކް މަހިންދްރާ ބޭންކުގެ އުދޭ ކޮޓަކް 118 ބިލިއަން ރުޕީސްއާއެކު 15 ވަނައިގައި އޮތްއިރު، ޑީއެލްއެފްގެ ރާޖީވް ސިންގް އޮތީ 110 ބިލިއަން ރުޕީސްއާއެކު 19 ވަނައިގައެވެ. މީގެ އިތުރުން ބާރްތީ އެއާޓެލްގެ ބާނީ ސުނިލް މިއްތަލް، ޓީވީއެސް މޯޓޯގެ ވޭނޫ ސްރީނިވާސަން، އޭޝިއަން ޕެއިންޓްސްގެ އީނާ އަޝްވިން ދާނީ، ޒޯހޯގެ ރާދާ ވެމްބޫ އަދި ޒެރޯދާގެ ކޯ-ފައުންޑަރު ނިކިލް ކާމަތު ފަދަ މަޝްހޫރު ނަންތައް ވެސް މި ލިސްޓުގައި ހިމެނިފައިވެއެވެ.
ހުރޫން އިންޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ ލިސްޓުގައި 1،000 ކްރޯޑު ރުޕީސްއަށް ވުރެ ގިނައިން މިލްކިއްޔާތުގައި ހުރި 1،810 މީހުން ހިމެނެއެވެ. މިއީ ފާއިތުވި އަހަރަށް ވުރެ 128 މީހުން އިތުރު އަދަދެކެވެ. އަދި އިންޑިއާގައި ޑޮލަރުން ބިލިއަނަރުންގެ ގޮތުގައި ތިބި މީހުންގެ އަދަދު ވަނީ 391 އަށް އަރާފައެވެ. މީގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން މުއްސަނދިކަން ހޯދި ގިނަ ބަޔަކު އަލަށް ހިމެނިފައިވާކަން އެ ފަރާތުން ފާހަގަކޮށްފައިވެއެވެ.