އިންޑިއާގެ މަޝްހޫރު އޮންލައިން ވިޔަފާރި ޕްލެޓްފޯމް "ގްލޯބަލް ދުކާން"އިން ދިވެހި ރުފިޔާ ބަލައިގަންނަން ފަށާކަން އިއުލާންކޮށްފިއެވެ.
ގްލޯބަލް ދުކާންއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، އަންނަ ހުކުރު ދުވަހުން ފަށައިގެން އެ ޕްލެޓްފޯމުން ދިވެހި ރުފިޔާ ބަލައިގަންނަން ފަށާނެ ކަމަށެވެ. އެއީ އިންޑިއާއިން ވިޔަފާރިކުރަން އިތުރަށް ފަސޭހަކޮށްދެވޭނެ ގޮތެއްކަން ގްލޯބަލް ދުކާންއިން ވަނީ ފާހަގަކޮށްފައެވެ.
އެ ޕްލެޓްފޯމް މެދުވެރިކޮށް އިންޑިއާއިން އެމެޒޯންއާއި ނައިކާ ފަދަ ވިޔަފާރިތަކުން ތަކެތި ގަނެ، ފައިސާ ދެއްކުމުން، އެ މީހަކަށް އެ ތަކެތި ފޯރުކޮށްދެއެވެ.
ގްލޯބަލް ދުކާން ރާއްޖެއަށް ތައާރަފުކޮށްފައިވަނީ، މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓް ގުޅިގެން މިދިޔަ މެއި މަހުގެ ތެރޭގައެވެ.
އެ ޕްލެޓްފޯމުން ދިވެހި ރުފިޔާއިން މުއާމަލާތް ކުރެވޭ ގޮތް ހަދައިފައިވަނީ، ރާއްޖޭގައި ބޭރުގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ޑޮލަރުން ވިޔަފާރިކުރަން ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެއީ އެފަދަ އޮންލައިން ވިޔަފާރިއަށް ޑޮލަރު ވިއްކާ މިންވަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ލިމިޓު ކުރުމާ ގުޅިގެންނެވެ. ބެންކުން އެ ލިމިޓުތައް ކަނޑައަޅައިފައިވަނީ، ޑޮލަރު ލިބޭ މިންވަރަށްވުރެ އިތުރަށް ވިއްކަން ޖެހޭ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.