ސައުދީ އަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ސައުދީ އަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން އިންތިޒާމުކޮށްގެން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ކުރުނބާ ރިސޯޓުގައި އޮތް މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން ރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓިކް މިޝަންތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަފްލާގެ ތެރެއިން ސައުދީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޚާއްސަ ކޭކެއް ފެޅުން ވެސް އޮތެވެ.

މި ޙަފްލާގައި ވާހަކަދައްކަވަމުން ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ޙަސަން އަލް ޤަހްތާނީ ވިދާޅުވީ، ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރު އައު އުސްމިންތަކަކަށް ގެންދިއުމަށް ސައުދީ ސަރުކާރުން އަބަދުވެސް ތައްޔާރަށް އޮތް ކަމަށެވެ. އަދި މިއަހަރުގެ ސައުދީ ޤައުމީ ދުވަސް ފާހަގަކުރަމުން ދަނީ "އަވާ ޕްރައިޑް އިޒް އަވާ ނޭޗާ" މި ޝިޢާރުގެ ދަށުންކަން ފާހަގަކުރައްވައި، ކުރީގެ ރަސްގެފާނު ޢަބްދުލްޢަޒީޒް ބިން ޢަބްދުއްރަޙްމާން އަލް ސަޢޫދު ޤައުމު އެއްބައިވަންތަކުރެއްވި ތާރީޚީ ގޮތް ސަފީރު ހަނދާންކުރެއްވިއެވެ.

ހަމައެއާއެކު، ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަދި ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ޙިކުމަތްތެރި ލީޑަޝިޕާއި، "ސައުދީ ވިޝަން 2030" ގެ ދަށުން ސައުދީ އަރަބިއްޔާގެ އިޤްތިޞާދު ސިންދަފާތުކޮށް ތަރައްޤީގެ އައު އުސްމިންތަކަށް ވާސިލުވަމުންދާކަން ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ޙަސަން އަލް ޤަހްތާނީ -- ފޮޓޯ: ރައީސް އޮފީސް

ދެ ޤައުމުގެ ގުޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ރާއްޖެއާއި ސައުދީއާ ދެމެދު އޮތީ އިސްލާމީ އުޚުއްވަތްތެރިކަމާއި، އިތުބާރާއި، އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށެވެ. ވަކިން ޚާއްސަކޮށް، 2025 ވަނަ އަހަރުގެ ޖޫން މަހު ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ރަސްމީ ބައްދަލުވުމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ސައުދީ އަރަބިއްޔާ ދެމިއޮތްކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، 1978 ވަނަ އަހަރުން ފެށިގެން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) މެދުވެރިކޮށް ރާއްޖޭގެ ދަތުރުފަތުރާއި، ސިއްޙަތާއި، ބޯހިޔާވަހިކަމާއި، މަސްވެރިކަން އަދި އުމްރާނީ ތަރައްޤީގެ ދާއިރާތަކަށް ގާތްގަނޑަކަށް 488 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މީގެއިތުރުން، އިޤްތިޞާދީ އަދި އިންވެސްޓްމަންޓް ދާއިރާއިން ދާދިފަހުން ސައުދީގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް، ބޭއްވުނު "މޯލްޑިވްސް-ސައުދީ އިންވެސްޓްމަންޓް ފޯރަމް" ގެ ސަބަބުން ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، ވިޔަފާރި އަދި ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި އިންވެސްޓްމަންޓްތަކަކަށް މަގުފަހިވެފައިވާކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ދިފާޢީ އަދި ސަލާމަތީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސައުދީ އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކަށް ސަފީރު މަރުޙަބާ ވިދާޅުވިއެވެ.

އަދި ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" (އެމްއެމްޑީސީ) ގެ ބާނީ މެންބަރެއްގެ ގޮތުގައި ރާއްޖެއިން ބައިވެރިވުމާއި، ސައުދީން އިސްނަގައިގެން އުފައްދާފައިވާ "އިސްލާމިކް މިލިޓަރީ ކައުންޓަ ޓެރަރިޒަމް ކޯލިޝަން" ގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރު ސަފީރު ވަނީ ވަރަށް ބޮޑަށް އަގުވަޒަންކުރައްވާފައެވެ.

comment ކޮމެންޓް