ނަވާރަސަތޭކަ ހަތްދިހަ އަށްވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) މެދުވެރިކޮށް ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތަކަށް ގާތްގަނޑަކަށް 488 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ ގާތްގަނޑަކަށް 7.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ޙަސަން އަލްގަހްތާނީ މިއަދު ވިދާޅުވެއްޖެއެވެ.
ސައުދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ބަޔާނެއްގައި ސަފީރު އަލްގަހްތާނީ ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ އެންމެ މުހިންމު އެއް ތަނބަކީ ތަރައްޤީގެ މައިދާނުގައި ވެދޭ އެއްބާރުލުން ކަމަށެވެ. އެގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގެ އުމްރާނީ ތަރައްގީ، ބޯހިޔާވަހިކަން، ޞިއްހީ ދާއިރާ، ފެނާއި ނަރުދަމާގެ ނިޒާމު އަދި ދަތުރުފަތުރުގެ ދާއިރާ ހިމެނޭހެން ރައްޔިތުންނާ ގުޅުންހުރި މުހިންމު އެތައް ދާއިރާއަކަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެވިފައިވާ ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.
ސަފީރުގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، ކުރިމަގުގައިވެސް ރާއްޖެއާއެކު އޮތް އިޤްތިޞާދީ އަދި ތަރައްޤީގެ ގުޅުންތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ސައުދީން ތައްޔާރަށް އޮތް ކަމަށެވެ. އެގޮތުން އިސްލާމީ ކަންކަމާއި، ވިޔަފާރި، އިންވެސްޓްމަންޓް، ފަތުރުވެރިކަން، ތަޢުލީމު އަދި ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން ގުޅުން ބަދަހިކޮށް، ދެ ޤައުމުގެ ރައްޔިތުންގެ ފާގަތިކަމަށް ޓަކައި ޢަމަލީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށް ސައުދީ އަރަބިއްޔާއިން އަބަދުވެސް އިސްކަންދޭނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި ދިވެހި ރައްޔިތުން ސައުދީ އަރަބިއްޔާއާ މެދު އަބަދުވެސް ބަހައްޓަވާ އުޚުއްވަތްތެރި، އެކުވެރި ގާތް ގުޅުމަށް ސައުދީ ސަފީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ރައްޔިތުންނަށް އަމާންކަމާއި އިތުރު ކުރިއެރުމަށް އެދިވަޑައިގެން ސަފީރު ވަނީ ހެޔޮ ދުޢާ ކުރައްވާފައެވެ.