އިދިކޮޅު މައި ޕާޓީ ކަމަށްވާ އެމްޑީޕީއިން ނިމުނު މަހުގެ ފަހުކޮޅު ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި އެ ޕާޓީގެ އެކްޓިވިސްޓް މުޙައްމަދު ޝާމިން މިއަދު ދޫކޮށްލައިފިއެވެ.
މިދިޔަ މަހު 28ގައި އެމްޑީޕީން ބޭއްވި އެއްވުމުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑުތައް ހުރަސްކުރި ކަމުގެ ތުހުމަތުގައި ޝާމިން ހައްޔަރުކުރީ މި މަހުގެ އަށްވަނަ ދުވަހުގައެވެ.
އެއަށްފަހު ކްރިމިނަލް ކޯޓުން ފުރަތަމަ އޭނާގެ ބަންދަށް ޖެހީ 10 ދިވަހުގެ މުއްދަތެކެވެ. އެއަށްފަހު ނިމުނު ހުކުރު ދުވަހަށް އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން ކޯޓުން އޭނާގެ ބަންދަށް ތިން ދުވަސް އިތުރުކުރުމަށްފަހު މިއަދު ވަނީ އޭނާ ދޫކޮށްލާފައެވެ.
ޝާމިން ދޫކޮށްލުމުން އޭނާ ވަނީ އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީއިން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިފައިވާ ހައްގެއް ކަމަށާއި އެ ހައްގު ބޭނުންކުރުމުން އަދުގެ ސަރުކާރުން މި ދޭ އަނިޔާ އޭނާ ބަލައިނުގަންނަ ކަމަށް ބުނެފައެވެ. އަދި އެމްޑީޕީއިން ކުރާ މަސައްކަތް ދާނީ ބާރަށް ކުރިއަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެމްޑީޕީގެ އެކްޓިވިސްޓް ޝާމިން ދޫކޮށްލައިފި --- ފޮޓޯ: މައިމޫން، އެކްސް 'ސަން' އަށް މައުލޫމާތު ދެމުން އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަދި އެ ޕާޓީގެ ލޯޔަރު އަޙްމަދު މައުރޫފް ވަނީ ޝާމިން ދޫކޮށްލަން މިއަދުގެ 11:30 ގައި ކްރިމިނަލް ކޯޓުން ނިންމި ކަމަށާއި ނަމަވެސް ހަވީރު ފަހެއް ޖެހިއިރުވެސް ފުލުހުން އޭނާ ދޫކޮށްނުލާ ކަމަށް ވިދާޅުވެފައެވެ.
އޭނާ ވަނީ މިއީ ގައިރުގާނޫނީ ބަންދެއް ކަމަށް އެމްޑީޕީއިން ގަބޫލުކުރާ ކަމަށާއި ކޯޓުން ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލަން ނިންމުމުން ވަގުތުން ދޫކޮށްލަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. މައުރޫފް ވަނީ މިކަން ތަކުރާރުވާތާ ދުވަސްކޮޅެއް ވެއްޖެކަމަށާއި މިއީ ގައިރުގާނޫނީ ބަންދެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް ސިވިލް ކޯޓަށް ވަކި މައްސަލައެއް ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ.
މީގެކުރިން 2024ގެ ޑިސެމްބަރު ފަހުކޮޅުގައި ޓެކްސީ ޑްރަވައިރުން ކުރި މުޒާހަރާއަކާ ގުޅިގެން ވެސް ޝާމިން ހައްޔަރުކުރިއެވެ. އޭނާ އޭރު ދޫކޮށްލީ ޝަރުތުތަކާ އެކީގައެވެ.
ނިމުނު މަހުގެ ފަހުކޮޅު އެމްޑީޕީއިން ކުރި މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓް އަހުމަދު މައިމޫން މުހައްމަދު ވެސް ފުލުހުން ހައްޔަރުކުރިއެވެ. އޭނާގެ ބަންދަށް ޖެހި ފަސް ދުވަސް ހަމަވުމުން އޭނާ ވަނީ ދޫކޮށްލާފައެވެ.