މީހުންނަށް އުނދަގޫވާކަމަށް ބުނެ ހޯނޑެއްދޫގައި ކުކުޅުހާލާއި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު ދޫކޮށްލައިގެން ނުގެންގުޅުމަށް އަންގައިފި

ވަލެއްގެ ތެރޭ ހާލެއް --

ގދ. ހޯނޑެއްދޫގައި ކުކުޅުހާލާއި އޮޅުކޮށްގެން ގެންގުޅޭ ފަދަ ޖަނަވާރުތައް ރަށުތެރެއަށް ދޫކޮށްލައިގެން ނުގެންގުޅުމަށް އަންގައިފިއެވެ.

ހޯނޑެއްދޫ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ، އެ ރަށުގެ ބައެއް ސަރަހައްދުތަކާއި މަގުމައްޗަށް ދޫކޮށްލައިގެން އޮޅުކޮށްގެން 'ޕެޓްސްގެ' ގޮތުގައި ގެންގުޅޭ ތަކެއްޗާއި ކުކުޅުހާ ގެންގުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ބައެއް ރައްޔިތުންނަށް އެ ތަކެތީގެ އުނދަގޫތައް ކުރިމަތިވެގެން ޝަކުވާ ހުށަހަޅަމުންދާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

އެހެންވެ، ރަށު ތެރެއަށް ކުކުޅުހާލާއި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތައް ދޫކޮށްލައިގެން ނުގެންގުޅުމަށް ހޯނޑެއްދޫ ކައުންސިލުން ވަނީ އެދިފައެވެ.

ހޯނޑެއްދޫ ކައުންސިލުން އެހެން ބުނިއިރު، ރަށްރަށުގައި ކުކުޅުހާ ފަދަ ތަކެތި ރަށުގެ ވަލުތެރެއަށް ދޫކޮށްލައިގެން ގެންގުޅުމަކީ އާންމު ކަމެކެވެ. އަދި ބައެއް ރަށްރަށުގައި މުސަޅު ފަދަ ޖަނަވާރު ވެސް ގެންގުޅެއެވެ.

އާންމުކޮށް އޮޅުކޮށްގެން ގިނަ ބަޔަކު ގެންގުޅެނީ ބުޅާ ކަމަށްވާއިރު، މަގުތަކަށް ބުޅާ ދޫކުރާ މައްސަލަ މާލޭ ސަރަހައްދުގައި ވެސް ބޮޑެވެ. މާލެ ސަރަހައްދުގައި އެ ގޮތަށް އުޅޭ ބުޅާތަކުގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަނީ ފެސިލިޓީ އެއް ވެސް ހަދާފައެވެ. އެކަމަކު، މިހާތަނަށް އަދި އެދެވޭ ހައްލެއް އައިސްފައެއް ނުވެއެވެ.

comment ކޮމެންޓް