އިންޑިއާގެ ޓެމިލްނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިންގެ ސަރުކާރުން ތައާރަފުކުރި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ހުއްޓާނުލައި، އެ ސްކީމް އިތުރަށް ފުޅާކޮށް އައު ނަމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް މިހާރުގެ ޗީފް މިނިސްޓަރު ވިޖޭ ނިންމަވައިފިއެވެ.
އެންޑީޓީވީގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، 2022 ވަނަ އަހަރު ސްޓާލިންގެ ސަރުކާރުން ޕްރައިމަރީ ގްރޭޑްތަކަށް ހާއްސަކޮށްގެން ފެށި "ޗީފް މިނިސްޓާސް ބްރެކްފާސްޓް ސްކީމް"، ވިޖޭގެ ސަރުކާރުން މިހާރު ވަނީ ގްރޭޑް އަށަކާ ހަމައަށް ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފައެވެ. މި ބަދަލާއެކު، ސަރުކާރާއި ސަރުކާރުގެ އެހީ ލިބޭ 15،454 ސްކޫލަކުން އިތުރު 1.5 މިލިއަން ދަރިވަރުންނަށް މި ސްކީމުގެ ފައިދާ ލިބިގެންދާނެއެވެ. މިއާއެކު އިތުރު 217.63 ކްރޯޑް ރުޕީސް ހިމަނައިގެން، މި ޕްރޮގްރާމަށް ޖުމްލަ 724 ކްރޯޑް ރުޕީސް ސަރުކާރުން ހޭދަކުރާނެއެވެ.
މި ސްކީމް އިތުރަށް ފުޅާކުރުމުގެ އިތުރުން، ވިޖޭ ވަނީ މި ޕްރޮގްރާމަށް ކޮންގްރެސްގެ ކުރީގެ ލީޑަރު އަދި ޓެމިލްނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ކޭ ކާމަރާޖުގެ ނަންފުޅަށް ނިސްބަތްކޮށް "ޕެރުންތަލައިވަރު ކާމަރާޖަރު ބްރެކްފާސްޓް ސްކީމް" ގެ ނަމަށް ބަދަލުކުރައްވާފައެވެ. ޗެންނާއީ ސެންޓްރަލް ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވިޖޭ ވަނީ މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވައި، ކުދިންނަށް އަމިއްލަފުޅަށް ނާސްތާ އަޅުއްވައިދެއްވާފައެވެ.
https://x.com/CMOTamilnadu/status/2102278129863516305
ނަން ބަދަލުކުރުމާ ގުޅިގެން ޑީއެމްކޭއިން ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ. ޑީއެމްކޭގެ ތަރުޖަމާނު ޓީކޭއެސް އިލަންގޯވަން ވިދާޅުވީ، ވިޖޭގެ ސަރުކާރުން އަމިއްލައަށް ކަމެއް ކުރުމުގެ ބަދަލުގައި ކުރަނީ ކުރީ ސަރުކާރުން ފެށި މަޝްރޫއުތަކުގެ ނަން ބަދަލުކުރުން ކަމަށެވެ.
ނަމަވެސް ވިޖޭގެ ޕާޓީ (ޓީވީކޭ) ގެ ތަރުޖަމާނު އެމެރިކައި ނާރާޔަނަން ވިދާޅުވީ، ޕްރޮގްރާމް ފެށީ ކޮން ބައެއްތޯ ބެލުމަށްވުރެ މުހިންމީ ރައްޔިތުންނަށް އެއިން ލިބޭ ފައިދާ ކަމަށާއި، ތައުލީމީ ދާއިރާގައި ކާބޯތަކެތި ދިނުމުގެ ބާނީއަކީ ކާމަރާޖު ކަމަށްވާތީ އެ ނަން ދިނުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށެވެ.
އެންޑީވީގެ ރިޕޯޓުގައިވާ ގޮތުން، ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ސަބަބުން ކުދިން ބަނޑުހައިކަމުގައި ތިބުން ހުއްޓުމަކަށް އައިސް، ކިޔެވުމަށް ސަމާލުކަން ދެވި، ސްކޫލަށް ހާޒިރުވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާ ކަމަށް ދިރާސާތަކުން ދައްކައެވެ.
މީގެއިތުރުން، ވިޖޭގެ ސަރުކާރުން އަންނަނީ ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަކޮށްގެން ގިނަ ވެލްފެއާ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ސަރުކާރު ހޮސްޕިޓަލްތަކުގައި އުފަންވާ ކުދިންނަށް ރަން އަނގޮޓި ދިނުމާއި، މަތީ ސާނަވީ ދަރިވަރުންނަށް ހިލޭ ބައިސްކަލު ދިނުމާއި، ކައިވެނިކުރާ އަންހެނުންނަށް ފަށުވި ސާޅީ ދިނުން ފަދަ ކަންކަން ހިމެނެއެވެ.
މި ނާސްތާ ސްކީމަށް ކާމަރާޖުގެ ނަން ދިނުމަކީ ވިޖޭގެ ސަރުކާރަށް ތާއީދުކުރާ ކޯލިޝަން ބައިވެރިއެއް ކަމަށްވާ ކޮންގްރެސް ޕާޓީއާ އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅި ސިޔާސީ ފިޔަވަޅެއްގެ ގޮތުގައި ވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.