އޮޅުވާލައިގެން އިންޑިއާގެ އަސްކަރީ މަރުކަޒެއްގައި މަސައްކަތްކުރި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި

އުމުރުން 32 އަހަރުގެ ބިޕްލޮބް ސޮރެން ---

އިންޑިއާގެ ރައްޔިތެއް ކަމަށް ދައްކައިގެން، ސައްހަނޫން ލިޔެކިޔުންތައް ބޭނުންކޮށްގެން ކެރެލާގައި ހުންނަ ވަރަށް މުހިންމު އަސްކަރީ މަރުކަޒެއް ކަމަށްވާ "އެޜިމަލާ ނޭވަލް އެކަޑަމީ" ގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތަކު އިއްޔެ ހައްޔަރުކޮށްފިއެވެ.

އެންޑީޓީވީގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ބިޕްލޮބް ސޮރެން ނަމަކަށް ކިޔާ ފިރިހެނެކެވެ. އޭނާ އެ އެކަޑަމީގެ ލޯންޑްރީ ސެކްޝަންގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރަމުން ދިޔައީ އޭނާއަކީ ބަންގްލަދޭޝް މީހެއްކަން ސިއްރުކޮށްގެންނެވެ. ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި އޭނާ އިންޑިއާގައި ދިރިއުޅެމުން ދިޔައީ އެއްވެސް ސައްހަ ވިސާއެއް ނުވަތަ ހުއްދައެއް ނެތިއެވެ.

ސޮރެންގެ އަމަލުތައް ހުރިގޮތުން ނޭވީގެ އޮފިޝަލުންނަށް ޝައްކުކުރެވިގެން އޭނާގެ ހަރަކާތްތައް މޮނީޓާކުރަން ފެށިއެވެ. އަދި އޭގެ ފަހުން އޭނާ ހިފަހައްޓައި ސުވާލުކުރުމުގެ ތެރޭގައި، އޭނާގެ ފޯނުން އޭނާއަކީ ބަންގްލަދޭޝް މީހެއްކަން ސާބިތުވާ ލިޔެކިޔުންތަކާއި މައުލޫމާތު ވަނީ ފެނިފައެވެ. ނޭވީ އޮފިޝަލުން އޭނާއާ ސުވާލުކޮށް ކަންކަން ކަށަވަރު ކުރުމަށްފަހު، ހުކުރު ދުވަހުގެ ރޭ ގާތްގަނޑަކަށް 8:15 ހާއިރު އޭނާ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން، ގައުމީ ސަލާމަތާ ގުޅުންހުރި މިފަދަ ނާޒުކު އަދި ހައްސާސީ އަސްކަރީ މަރުކަޒެއްގެ ތެރޭގައި، ބޭރު ގައުމެއްގެ ރައްޔިތަކު އޭނާގެ ވަނަވަރު ނޭނގި ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަންދެން މަސައްކަތް ކުރެވުނު ގޮތަކާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

މި ކަން ހިނގާފައި މިވަނީ ޖާސޫސީ އިދާރާތަކުން ދިން މައުލޫމާތަކާ ގުޅިގެން، ކަންނޫރު ޑިސްޓްރިކްޓްގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް ރައްޔިތުން ހޯދުމަށް ފުލުހުން ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ.

ތަހުގީގު ޓީމުތަކުން މިހާރު ދަނީ އޭނާ ވަގު ލިޔެކިޔުންތައް ހޯދި ގޮތާއި، މިފަދަ ތަނަކުން ވަޒީފާ ހޯދުމުގައި އެހީތެރިވެދިން ފަރާތްތައް ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ. އަދި އޭނާ އެތަނުގައި މަސައްކަތްކުރި މުއްދަތާއި، މިކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ހިނގާފައިވޭތޯ ބެލުމުގެ ފުޅާ ތަހުގީގެއް ވަނީ ފަށާފައެވެ.

comment ކޮމެންޓް