ސްވިޒަލޭންޑުގެ މަޝްހޫރު ކުންފުނި ނެސްލޭއިން އުފައްދާ ކުޑަކުދިންގެ ކާނާގެ ސާމްޕަލެއް ފެންވަރު ދަށްކަމަށް ފާހަގަކުރެވިގެން، އެ ކުންފުންޏާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންޑިއާގެ ކާބޯތަކެތީގެ ރައްކާތެރިކަން ބަލަހައްޓާ އިދާރާއިން ހާމަކޮށްފިއެވެ.
އިންޑިއާގެ ފުޑް ސޭފްޓީ އެންޑް ސްޓޭންޑަޑްސް އޮތޯރިޓީ (އެފްއެސްއެސްއޭއައި) އިން ބުނި ގޮތުގައި، ނެސްލޭގެ "ފޮލޯ-އަޕް ފޯމިއުލާ" ކިރުގެ ސާމްޕަލެއް ތަހުލީލުކުރިއިރު، އޭގައި ވިޓަމިން ބީ7 (ބަޔޮޓިން) ހުންނަންޖެހޭ މިންވަރު ހަމަނުވާކަން ވަނީ އެނގިފައެވެ. އަދި އަލުން ކުރެވުނު ތަހުލީލުތަކުން ވެސް މި ސާމްޕަލް އިންޑިއާގެ މިންގަނޑުތަކަށް ނުފެތޭކަން ވަނީ ކަށަވަރުވެފައެވެ.
މީގެ އިތުރުން، ނެސްލޭގެ "ނޭން އެކްސެލާ ޕްރޯ ސްޓޭޖް 1" އަދި "ލެކްޓޯޖެން ޕްރޯ 1" އުފެއްދުންތަކުގައި އޮޅުވާލާ ފަދަ ލިޔުންތައް ހިމަނާފައިވާ ކަމަށް ބުނެ، ޖުމްލަ ތިން މައްސަލައެއް އެ ކުންފުންޏާ ދެކޮޅަށް ކޯޓަށް ވަނީ ހުށަހަޅާފައެވެ.
މިކަމާ ގުޅިގެން ނެސްލޭ އިންޑިއާއިން ބުނެފައިވަނީ، އެ ކުންފުނީގެ އުފެއްދުންތަކަކީ ހުރިހާ ގަވާއިދުތަކަކަށް ފުރިހަމައަށް ފެތޭ އެއްޗެހި ކަމަށާއި، ލޭބަލްތަކުގައިވާ މައުލޫމާތަކީ ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާކޮށް އަދި އެފްއެސްއެސްއޭއައިގެ ހުއްދައާއެކު ހިމަނާފައިވާ ތަކެތި ކަމަށެވެ.
މި ޚަބަރާއެކު އިންޑިއާގެ ހިއްސާގެ ބާޒާރުގައި ނެސްލޭގެ ހިއްސާގެ އަގު ވަނީ ގާތްގަނޑަކަށް 3 އިންސައްތަ ދަށަށް ގޮސްފައެވެ. ނެސްލޭގެ ވިޔަފާރީގެ އެންމެ ބޮޑު އެއް މާކެޓަކީ އިންޑިއާ ކަމަށްވާއިރު، އެ ގައުމުގައި އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ވެސް ކުޑަކުދިންގެ ކާނާއާއި ކިރުގެ ބާވަތްތަކުންނެވެ.
އިންޑިއާގެ 100 ބިލިއަން ޑޮލަރުގެ ކާބޯތަކެތީގެ ސިނާއަތް ހަރުދަނާކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ އޮޕަރޭޝަނުގެ ދަށުން މި ފިޔަވަޅު އަޅާފައިވާއިރު، މީގެ ކުރިން 2015 ވަނަ އަހަރު ވެސް ނެސްލޭގެ މެގީ ނޫޑްލްސްއިން ލެޑްގެ މިންވަރު މަތިވުމުގެ ސަބަބުން އިންޑިއާގައި ވަގުތީ ގޮތުން މަނާކުރިއެވެ.