ރަސްމާލޭގެ ބިޔަ މަޝްރޫއު: "ގަބޫލުކުރަނީ، ގުދުރަތީ ރީތިކަމުން ދިވެހީންނަށް އިތުރު މަންފާ ހައްގު ކަމަށް"

އީގަލް ހިލްސްއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ހައުސިން މިނިސްޓްރީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގުމަށް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ، ރާއްޖޭގެ ގުދުރަތީ ރީތިކަމުން ދިވެހީންނަށް ލިބޭ މަންފާ އިތުރުވާން ޖެހޭ ކަމަށް ގަބޫލުކުރައްވައިގެން ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

އެ އެއްބަސްވުމާ ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ، އެ މަޝްރޫއާ ގުޅޭ ކަންކަން ނިންމެވީ ވަރަށް ބޮޑަށް ވިސްނެވުމަށް ފަހު ކަމަށެވެ. އެގޮތުން އެ މަޝްރޫއާ ގުޅޭ ގޮތުން އެތައް ދިރާސާއެއް ކުރައްވައި، މައުލޫމާތު ހޯދުމުގެ ދަތުރުތައް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކާއި ތަޞައްވުރާ އެއްގޮތަށް މިކަން ބައްޓަންކުރުމަށް އެ މަނިކުފާނާ އެކު ދިގު މަޝްވަރާތަކެއް ކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު، ދާއިރާގެ މާހިރުންނާ އެކު މަޝްވަރާތައް ކުރައްވައި، މަޝްރޫއުގެ ސަބަބުން ނުކުންނާނެ ހަގީގީ ނަތީޖާތަކާއި ރާއްޖެއަށް ލިބޭނެ ހަގީގީ މާންފާއަކީ ކޮބައިކަމާ މެދު ފުންކޮށް ވިސްނަވައިފައިވާކަމަށް މުއްތަލިބު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރިއަށްގެންދެވީ، ރާއްޖޭގެ ގުދުރަތީ ރީތިކަމުން ލިބޭ އިގުތިސާދީ މަންފާއިން، މީގެ ކުރިން ދިވެހީންނަށް ލިބިފައިވާ މިންވަރަށްވުރެ މާ ބޮޑު މިންވަރެއް ހައްގު ކަމަށް ގަބޫލުކުރައްވައިގެންނެވެ.

https://sun.mv/227820

އެއީ ރައީސް ޑރ. މުޢިއްޒުގެ ތަޞައްވުރު ކަމުގައިވާ، 2040 ވަނަ އަހަރާ ހަމައަށް އަންނައިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ ސިޔާސަތު ޙާޞިލުކުރުމަށްޓަކައި ފަރުމާކޮށްފައިވާ މަޝްރޫއެއްގެ ގޮތުގައި މުއްތަލިބު ސިފަކުރެއްވިއެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ވަނީ، އީގަލް ހިލްސްއާއެކު ވެފައިވާ ތާރީޚީ އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ހިންގޭ އެންމެ ބޮޑު ބޭރުގެ އިންވެސްޓްމަންޓް ޕްރޮގްރާމްކަން ފާހަގަކޮށްފައެވެ. މިއީ ދައުލަތުން އެއްވެސް ދަރަންޏެއް ނުނަގައި، އަދި ޓެކްސް އިނާޔަތްތަކެއް ނުދީ، 20 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ރާއްޖޭގެ އިގްތިސާދަށް ވައްދައި، ދައުލަތަށް 11 ބިލިއަން ޑޮލަރަށް ވުރެ ގިނަ އާމްދަނީ ލިބި 54,000 އަށްވުރެ ގިނަ ވަޒީފާ އުފެއްދޭނެ މަޝްރޫއެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

https://sun.mv/227817

ވެރިރަށް މާލެއިން ފުރައިގެން ލޯންޗުގައި ގާތްގަނޑަކަށް 17 މިނެޓުން ދެވޭ ފުށިދިއްގަރު ފަޅުގައި ހިއްކަމުންދާ "ރަސްމާލެ" ސިޓީގައި ހިންގާ މި ބިޔަ މަޝްރޫއުގައި ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި، ރިއަލް އެސްޓޭޓް އިމާރާތްތަކާއި، ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކުގެ އިތުރުން މުނިފޫހިފިލުވުމާއި ދުޅަހެޔޮކަމުގެ މަރުކަޒުތައް ހިމެނެއެވެ.

މި މަޝްރޫއު އެއްކޮށް ފުރިހަމަވުމުން އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ރާއްޖެއަށް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް