އިންސްޓަގްރާމް އެކައުންޓެއް މެދުވެރިކޮށް އިންވެސްޓްކޮށްގެން ފައިދާ ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދި ކަމަށް ބުނާ މައްސަލައެއްގައި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ 2023 ޖުލައި 11 ވީ ދުވަހު އިންސްޓަގްރާމްގައި "މަދަދާ" ނަމުގައި ހިންގި އެކައުންޓެއްގެ ސްޓޯރީގައި 2,000 ރުފިޔާ އިންވެސްޓްކޮށްގެން ފައިދާ ލިބޭނެ ކަމަށް ޖަހާފައިވާ ޕޯސްޓަކާ ގުޅިގެން، ހއ. އިހަވަންދޫ އަންހެނަކު އެ ފައިސާ ޖަމާކުރި ހާދިސާއެވެ.
ދައުލަތުން ކޯޓުގައި ބުނެފައިވަނީ، އިންސްޓަގްރާމް އައިޑީން އެންގި ގޮތުގެ މަތިން އަންހެން މީހާގެ ބޭންކް އެކައުންޓުން އައްޑޫ މީހެއްގެ އެކައުންޓަށް 2,000 ރުފިޔާ ޖަމާކުރި ކަމަށެވެ. އަދި އެ ފައިސާ އެ އެކައުންޓުން ދައުވާ ލިބޭ މީހާގެ އެކައުންޓަށް ޖަމާވުމުން، އެއީ އޭނާގެ ފައިސާ ނޫންކަން އެނގިހުރެ، ކަށަވަރުކުރުމެއްނެތް ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރިއެވެ.
މި މައްސަލައިގައި ޝަރީއަތުގައި ހެކިން ދިން ބަޔާންތަކަށް ބަލާއިރު، އަންހެން މީހާއަށް އިންސްޓަގްރާމް ސްޓޯރީއެއް ފެނިގެން މެސެޖުކުރުމުން ދިން އެކައުންޓް ނަންބަރަށް 2,000 ރުފިޔާ ފޮނުވި ކަމަށާއި، ނަމަވެސް އެއަށްފަހު އެ ފައިސާވެސް އަދި ފައިދާވެސް ލިބިފައިނުވާ ކަމަށް ބުނެފައިވެއެވެ.
އައްޑޫ މީހާ، އޭނާގެ އެކައުންޓަށް އަންހެން މީހާ ފޮނުވި ފައިސާ ޖަމާވި ކަމަށާއި، އެ އެކައުންޓް ނަންބަރު ދިނީ ދައުވާ ލިބޭ މީހާގެ އެދުމުގެ މަތިން ޔޫ.އެސް.ޑީ.ޓީ (ޑިޖިޓަލް ކަރަންސީ) ވިޔަފާރި ކުރުމަށް ކަމަށް ބުނެފައިވެއެވެ. އަދި އޭނާގެ އެކައުންޓަށް އޯތެންޓިކޭޓާ އެޕް މެދުވެރިކޮށް ދައުވާ ލިބޭ މީހާއަށް އެކްސެސްވެވޭނެ ކަމަށާއި، އެ ފައިސާ ދައުވާ ލިބޭ މީހާގެ އެކައުންޓަށް ފޮނުވީ ދައުވާ ލިބޭ މީހާ އަމިއްލައަށް ކަމަށް ބުނެ ހެކިބަސް ދީފައިވެއެވެ.
ދައުވާއަށް އިންކާރުކުރަމުން ދައުވާ ލިބޭ މީހާ ބުނެފައިވަނީ، އޭނާއަކީ އިތުރު އާމްދަނީ ހޯދުމަށް ޑިޖިޓަލް ކަރަންސީ (ކްރިޕްޓޯ) ވިއްކައިގެން ފައިދާ ހޯދި މީހެއް ކަމަށެވެ. އަދި "މަދަދާ" އިންސްޓަގްރާމް އައިޑީއާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، މީހެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދައި ނުހައްގުން ބޭނުންކޮށްފައި ނުވާނެ ކަމަށެވެ.
މި މައްސަލަ ބައްލެވި ގާޟީ އަލްއުސްތާޛު މުޒައްމިލު ނާޞިރު ކުރެއްވި ހުކުމުގައި އިންސްޓަގްރާމް އެކައުންޓާ ގުޅުން ސާބިތުނުވާކަން ފާހަގަ ކުރިއެވެ. މި ގޮތުން "މަދަދާ" ނަމުގައިވާ އިންސްޓަގްރާމް އެކައުންޓަކީ ދައުވާ ލިބޭ މީހާ ބޭނުންކުރި އެކައުންޓެއްކަން ނުވަތަ އަންހެން މީހާއާ މުއާމަލާތް ކުރީ ދައުވާ ލިބޭ މީހާކަން ސާބިތުކޮށްދިނުމަށް ދައުލަތުން އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ހުށަހަޅާފައެއް ނުވާކަން ފާހަގަކޮށްފައިވެއެވެ.
ޝަރީއަތަށް ހުށަހެޅުނު ލިޔުންތަކުންނާއި ހެކިބަހުން އެނގެނީ ފައިސާގެ މުއާމަލާތް ހިނގާފައިވަނީ އަންހެން މީހާއާއި އައްޑޫ މީހާއާ ދެމެދު ކަމެވެ. އަންހެން މީހާއާއި ދައުވާ ލިބުނު މީހާއާ ދެމެދު ސީދާ މުއާމަލާތެއް ހިންގިކަން އެނގެން ނެތެވެ.
މީގެ އިތުރުން، ބޭންކް ސްޓޭޓްމަންޓްގެ ތަފާތަށް ބަލާއިރު، އަންހެން މީހާ 2,000 ރުފިޔާ އައްޑޫ މީހާގެ އެކައުންޓަށް ފޮނުވި ނަމަވެސް، ދައުވާ ލިބޭ މީހާގެ އެކައުންޓަށް އައްޑޫ މީހާގެ އެކައުންޓުން ޖަމާވެފައިވަނީ 991.41 ކަން ބޭންކް ސްޓޭޓްމަންޓުން އެނގެއެވެ.
އެހެންކަމުން، އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ މާއްދީ ރުކުން ދައުވާ ލިބޭ މީހާގެ މައްޗަށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.