ވަގަށް، 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާ ބޭރުކުރަން އުޅުނު ގްރޫޕުގެ ބަންދަށް 10 ދުވަސް

ފޮރުވައިގެން، 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާ ރާއްޖޭން ބޭރުކުރަން އުޅުނު ބަންގްލަދޭޝްގެ ހަ މީހުންގެ ގްރޫޕުގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފއެވެ.

ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށް ހާއްސަކުރެވިފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، ބަންގްލަދޭޝަށް ފުރަން ގޮސްތިއްބައި ހުއްޓުވި މި 6 މީހުންގެ އަތުގައި ގިނަ އަދަދެއްގެ ބޭރު ފައިސާ، ޔޭޔޭ ބްރޭންޑުގެ ސީރިއަލް ޕެކެޓުތަކެއްގައި ފޮރުވާފައި ހުރި ކަމަށް ފުލުހުންވަނީ ބުނެފައެވެ.

އެ މީހުންގެ އަތުން ފެނުނު ފައިސާގެ ތެރޭގައި 174,161 ޔޫއެސް ޑޮލަރު، 56,760 ޔޫރޯ، 1,815 ސްޓަރލިންގ ޕައުންޑް ހިމެނެއެވެ. އޭގެ ޖުމްލަ އަގު ދިވެހި ރުފިޔާއިން ތިން މިލިއަނަށްވުރެ މަތިވާނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން:

  • އެމްޑީ ޝާހިން މިއާ (46 އަހަރު) - ބަންގްލަދޭޝް
  • އެމްޑީ މޮހިދިން ޗޯދުރީ (28 އަހަރު) - ބަންގްލަދޭޝް
  • އަޖްގަރު މިރިދާ (37 އަހަރު) - ބަންގްލަދޭޝް
  • މުހައްމަދު އަބްދުﷲ (38 އަހަރު) - ބަންގްލަދޭޝް
  • ރަޖިބް (31 އަހަރު) - ބަންގްލަދޭޝް
  • މުހައްމަދު މައިނުދިން ސޯލަހް (35 އަހަރު) - ބަންގްލަދޭޝް

މި އެންމެންވެސް ބަންދުކޮށްފައިވާއިރު، މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ގާނޫނާއި ގަވައިދުތަކާ ޚިލާފަށް ބޭރު ފައިސާ ގެންގުޅުމާއި އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ބިދޭސީން ހައްޔަރުކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

މިދިޔަ ހޯމަ ދުވަހު ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ކަންމަތީ ފިހާރަތައް ހުޅުވައި، އެ ތަންތަނަކީ ގަވައިދާ ޚިލާފަށް ޑޮލަރު މާރުކުރާ ތަންތަނުގެ ގޮތުގައި ބިދޭސީން ހިންގަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް