ކައްކާ ގޭސް ވިޔަފާރިއަކަށް ތިނަދޫއިން ނާޖާއިޒު ގޮތުގައި ބިން ދިން މައްސަލަ: މޭޔަރާއި 3 ކައުންސިލަރަކަށް ދައުވާކުރަން ފޮނުވައިފި

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ: -- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް

ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށް އަމިއްލަ ކުންފުންޏަކަށް ގަވާއިދާ ޚިލާފަށް ބިން ދޫކޮށް ނާޖާއިޒު ފައިދާ ހޯދައިދިން މައްސަލައިގައި، ގދ. ތިނަދޫ ކައުންސިލެއްގެ ގޮތުގައި އޮތްއިރުގެ، ކައުންސިލުގެ ހަތަރުވަނަ ދައުރުގެ ރައީސާއި ތިން މެންބަރެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމައިފިއެވެ.

އޭސީސީން ބުނީ، ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދުގައި ބީލަމަށް ހުޅުވާނުލައި ސިނާއީ ނުވަތަ ވިޔަފާރީގެ ބޭނުމަށް ބިން ދޫނުކުރެވޭނެކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށެވެ. އެހެން އޮއްވައި އެ ކުންފުންޏަށް ބިން ދޫކުރަން ނިންމާފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އެގޮތުން ތިނަދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 111 ވަނަ ރަސްމީ ބައްދަލުވުމުގައި އެ ކުންފުންޏަށް ބިން ދޫކުރަން ނިންމާފައިވަނީ އިއުލާން ކުރުމަކާ ނުލައި، އެ ކުންފުންޏަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް އޭސީސީން ބުންޏެވެ.

މި ނިންމުމަށް ތާއީދުކޮށްފައިވަނީ ތިނަދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ މެންބަރުންގެ މަގާމުގައި ތިބި އާމިނަތު ނަސީމާއާއި، އަހުމީމާ އަހުމަދު އަދި އާއިޝަތު ލިއުޝާ ޒުބައިރުއެވެ. އަދި، އެ ކުންފުންޏަށް ގަވާއިދާ ޚިލާފަށް ބިމެއް ދޫކުރުމަށް ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައި ވަނިކޮށް، ނޮވެންބަރު އެކެއް، 2023 ގައި އެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސަޢުދު ޢަލީ ސޮއިކުރައްވައި، 2000 އަކަފޫޓުގެ ތިން ބިން އެ ކުންފުންޏަށް ވަނީ ގަވާއިދާ ޚިލާފަށް ނާޖާއިޒު ގޮތުގައި ދޫކޮށްފައި ކަމަށް އޭސީސީން ބުންޏެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައިވަނީ ސައުދު އަލީ، އާމިނަތު ނަސީމާ، އަހުމީމާ އަހުމަދު އަދި އާއިޝަތު ލިއުޝާ ޒުބައިރުގެ މައްޗަށެވެ. އެ ފަރާތްތަކުގެ މައްޗަށް ކުރުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމާފައިވަނީ މި މަހުގެ 10ވަނަ ދުވަހެވެ.

comment ކޮމެންޓް