ވައިޓް ހައުސްއިން ރިޕޯޓުކުރާ ސީއެންއެން ނޫސްވެރިޔާގެ ފާސް ވެސް އަތުލައިފި، ޓްރަމްޕާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ހުށަހަޅަނީ

ސީއެންއެންގެ ވައިޓް ހައުސް ރިޕޯޓަރު ބެޓްސީ ކްލައިން --

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބައެއް މީޑިއާތައް ވައިޓް ހައުސްއަށް ވަނުން މަނާކުރުމަށް ނިންމި ނިންމުމާ ގުޅިގެން، ސީއެންއެން އަދި އެމްއެސް ނައުގެ ނޫސްވެރިންގެ ޕްރެސް ފާސްތައް ސީކްރެޓް ސާވިސްއިން މިއަދު އަތުލައިފިއެވެ.

މި ފިޔަވަޅު އަޅާފައި މިވަނީ ސީއެންއެން، އެމްއެސް ނައު އަދި ޕޮލިޓިކޯ ވައިޓް ހައުސްއަށް ވަނުން ވަގުތުން ވަގުތަށް މަނާކުރިކަމަށް ރައީސް ޓްރަމްޕް އިއްޔެ އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ. ޓްރަމްޕް މި މީޑިއާތަކަށް ތުހުމަތު ކުރައްވަނީ "ފޭކް ނިއުސް" ފަތުރާ ކަމަށެވެ.

މިއަދު ހެނދުނު ވައިޓް ހައުސްއަށް ވަނުމަށް މަސައްކަތްކުރި ސީއެންއެންގެ ރިޕޯޓަރު ބެޓްސީ ކްލައިންގެ ފާސް ވަނީ ޑީއެކްޓިވޭޓްކޮށް، އަތުލާފައެވެ. ސީކްރެޓް ސާވިސްގެ އޮފިސަރުން ވަނީ އިތުރު ތަފްސީލު ދިނުމަށް އިންކާރުކޮށް، ވައިޓް ހައުސްގެ ޕްރެސް އޮފީހާ ވާހަކަދެއްކުމަށް އަންގާފައެވެ. މީގެއިތުރުން، އެމްއެސް ނައުގެ ކަރެސްޕޮންޑެންޓް އަކޭލާ ގާޑްނާ އަދި އެ ނެޓްވޯކުގެ ފޮޓޯގްރާފަރު ވެސް ވަނީ އެތެރެއަށް ނުވަދެވި ހިފަހައްޓާފައެވެ.

މި މައްސަލައާ ގުޅިގެން ސީއެންއެން އާއި އެމްއެސް ނައު އިން ވަނީ ނޫސްވެރިންގެ ޙައްޤުތައް ދިފާޢުކުރުމަށްޓަކައި ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިޝާރާތެއް ދީފައެވެ. ސީއެންއެންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ ޚަބަރުތައް ކަވަރުކުރުމަކީ ޤާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް ކަމަށާއި، މިފަދަ ހުރަސްތަކަކާ ހުރެ އެ މަސައްކަތް ނުހުއްޓޭނެ ކަމަށެވެ. އަދި މިއީ އަސާސީ ހައްގަކަށް ދެވުނު ޣައިރު ޤާނޫނީ ހަމަލާއެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

އެމެރިކާގެ ޤާނޫނުއަސާސީގެ ފަސްޓް އެމެންޑްމަންޓްގެ މާހިރުންނާއި މީޑިއާގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި، ވަކި މީޑިއާއެއްގެ ރިޕޯޓިން ކަމުނުގޮސްގެން އެ މީޑިއާއަކަށް ފިޔަވަޅު އެޅުމަކީ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ކަމެކެވެ. ރިޕޯޓާސް ކޮމިޓީ ފޯ ފްރީޑަމް އޮފް ދަ ޕްރެސްގެ ރައީސް ބްރޫސް ޑީ. ބްރައުން ވިދާޅުވީ، މިއީ ޝަރީޢަތަށް ހުށަހެޅިއްޖެނަމަ ކޯޓުން ބާޠިލުކުރާނެ ނިންމުމެއް ކަމަށެވެ.

ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، ޓްރަމްޕް މިފަދަ ފިޔަވަޅެއް މި އެޅުއްވީ ކުރިއަށް އޮތް މިޑްޓާމް އިންތިޚާބާ ދިމާކޮށް، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާއި، ތެލުގެ އަގުބޮޑުވުމާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމުގެ ސަބަބުން ސަރުކާރަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކުން ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުމުގެ ބޭނުމުގައެވެ.

comment ކޮމެންޓް