އޭޝިއަން ގޭމްސްއަށް 2026 އަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާއިރު، މިފަހަރު މުބާރާތް ބާއްވާ ޖަޕާނުގެ އައިޗީ ޕްރިފެކްޗާ އަދި ނަގޯޔާ ސިޓީން ފެންނަމުންދަނީ ތަފާތު މަންޒަރެކެވެ. 17,000 އަށްވުރެ ގިނަ އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވާ، އޮލިމްޕިކްސް އަށްވުރެވެސް ބޮޑު މި ކުޅިވަރު އީދުގެ ފޯރިއަށްވުރެ މިހާރު ގަދަވެފައިވަނީ ޖަޕާނުގެ އިންތިޒާމުތަކުގެ ދޯހަޅިކަމާއި، އެތުލީޓުން ތަހައްމަލު ކުރަމުންދާ ބޮޑު ތަކުލީފުތަކުގެ ވާހަކައެވެ. ޚަރަދު ކުޑަކުރުމުގެ ނަމުގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން މުޅި މުބާރާތް މިހާރު ވަނީ ބޮޑު ހައިޖާނެއްގެ ތެރެއަށް ވެއްޓިފައެވެ.
މިފަހަރުގެ މުބާރާތުގެ އެންމެ ގިނަ ފާޑުކިޔުން އަމާޒުވި ނިންމުމަކީ އެތުލީޓުން ބޭތިއްބުމަށް ޚާއްޞަ އަވަށެއް ބިނާނުކުރުމެވެ. ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން ބަޖެޓް ދެގުނަވުމުން، މުބާރާތް ނިމުމުން އިމާރާތްތައް ފަޅަށް ހުރެދާނެތީ ޖަޕާނުން ނިންމީ "ވިލެޖް ފްރީ" މޮޑެލްއަކަށް ދިއުމަށެވެ.
އޭޝިއަން ގޭމްސްގެ ޕެސެންޖަރު ކްރޫސްލައިނާއެއް-- މިކަމުގެ ސަބަބުން ދިމާވި ޖާގައިގެ ދަތިކަމަށް ހޯދި ބޮޑު ހައްލަކީ "ކޮސްޓާ ސެރީނާ" ނަމަކަށް ކިޔާ ބޮޑު ފަސިންޖަރު ކްރޫޒްލައިނާއެކެވެ. ޖަޕާނުގައި ބަނދަރުކޮށްފައިވާ މި ބޮޑު ކްރޫޒްލައިނާގެ ކެބިންތަކުގައި އެތައް ހާސް އެތުލީޓުންނެއް ބައިތިއްބާފައިވާއިރު، މިއީ ކުޅިވަރުގެ ތާރީޚުގައިވެސް މިފަދަ ބޮޑު މުބާރާތެއްގައި އެތުލީޓުން ގެންގުޅޭ ވަރަށް ތަފާތު އަދި ރިސްކު ބޮޑު މޮޑެލްއެކެވެ.
ކޮންޓޭނަރު ހަޓުތަކުގެ ވޭން: އެނދުތައް ކުރުވެފައި ޖާގައެއް ނެތް!
އޭޝިއަން ގޭމްސްގެ އެކޮމޮޑޭޝަން ކޮންޓޭނަރެއް--
މަނަވަރުގެ އިތުރުން ލަކުޑިން ވަގުތީގޮތުން ހަދާފައިވާ ޝިޕިންގް ކޮންޓޭނަރު ފަދަ ކުދި ކެބިންތަކުގައި ބޭތިއްބި އެތުލީޓުންގެ ފަރާތުން އަންނަނީ ޝަކުވާތައް އޮހެމުންނެވެ. ބައިނަލްއަޤްވާމީ ގިނަ އެތުލީޓުން ފާހަގަކުރި ގޮތުގައި އެ ކެބިންތަކުގައި ހުރި އެނދުތައް މާ ކުރުވުމުގެ ސަބަބުން، ދިގު އެތުލީޓުންނަށް ނިދޭނެ ގޮތެއް ނެތެވެ. މީގެ އިތުރުން، ކުޅިވަރު ސާމާނު ބަހައްޓާނެ ޖާގައެއް ނެތުމާއި، ކެބިންތަކުގެ އެތެރޭގެ ފިނިހޫނުމިން ހިފެހެއްޓުމުގައި ހުރި ދަތިތަކުގެ ސަބަބުން އެތުލީޓުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ވަނީ އަސަރުކޮށްފައެވެ.
ޖަޕާނުގެ އޮލިމްޕިކް ކޮމިޓީއަށް އެތުލީޓުންނަށް ކޮޓަރި ހަމަޖެއްސުމުގައި ހެދިފައިވަނީ ބަޔަކު ގަސްތުގައި ކުރިޔަސް ނުހެދޭނެ ފަދަ ސީރިއަސް އިދާރީ ގޯސްތަކެކެވެ. އޮޅުމެއްގެ ތެރެއިން ބައެއް ކޮޓަރިތަކުގައި އަންހެން އަދި ފިރިހެން އެތުލީޓުން އެކުގައި ބޭތިއްބުމަށް ހަމަޖެހިފައިވާއިރު، ޓީމުތަކުގެ އިސްވެރިންނާއި، ކޯޗުން އަދި އެތުލީޓުން އެއްވެސް ތަރުތީބެއް ނެތްގޮތަށް އެއް ކޮޓަރިތަކަކަށް ވަނީ ލެވިފައެވެ. މިކަމުގެ ސަބަބުން ޓީމުތަކުގެ އެތެރޭގެ މަސްލަހަތާއި ހަމަޖެހުން ވަނީ މުޅިން ގެއްލިފައެވެ.
އޭޝިއަން ގޭމްސްގެ އެކޮމޮޑޭޝަން ޔުނިޓެއް-- އެތުލީޓުން ޖަޕާނަށް ފޭބުމާއެކު، އެމީހުން ހުރުމަށް ހަމަޖެހިފައިވާ ޕެސެންޖާ ކްރޫޒްލައިނާއި ހޮޓާތަކަށް ދިއުމުގެ ދަތުރު ވެގެންދިޔައީ ވެސް ބޮޑު ވޭނަކަށެވެ. އެކްރެޑިޓޭޝަން ސިސްޓަމަށް ދިމާވި މައްސަލަތަކެއގެ ސަބަބުން، ޗައިނާއަށް ނިސްބަތްވާ ދުނިޔޭގެ ޗެމްޕިއަން ޖިމްނާސްޓް ރަންގް ބޮހެންގް އަދި އިންޑިއާގެ ޝޫޓިންގް ޓީމުގެ އެތުލީޓުން ފަދަ ތަރިން އެއާޕޯޓުގައި 6 ގަޑިއިރާއި 14 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ކާނާއެއް ނެތި ތާށިވިއެވެ.
އެތުލީޓުން ގޮވައިގެން ދިޔަ ބަސްތަކުގެ ޑްރައިވަރުންނަށް ދާންވީ ހޮޓާތަކާއި ބަނދަރު ހުރި ސަރަހައްދު ނޭނގިގެން މަގުއޮޅުނުއިރު، ބައެއް ފަހަރު އާންމު ރައްޔިތުން ނިކުމެ އެތުލީޓުންނަށް މަގުދައްކައި ސަލާމަތްކުރަން ޖެހުނެވެ.
އޭޝިއަން ގޭމްސް ބާއްވާ ޖަޕާނަށް ކުރަމުންދާ ވިއްސާރަ-- މީގެއިތުރުން މުބާރާތް ފެށުމުގެ އެއް ހަފްތާ ކުރިން ނަގޯޔާއަށް ކުރި ބޯ ވާރޭގައި ވަގުތީ ކެބިންތަކުގައި ތިބި އެތައް ސަތޭކަ އެތުލީޓުންނެއް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނެވެ. އަދި މިހާރު ކުރިމަތިވަމުންދާ ވިއްސާރައިގެ ސަބަބުން އައުޓްޑޯ ގިނަ ކުޅިވަރުތަކެއް ފަސްކުރަން ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
މީގެ އިތުރުން، ހޮކީ މުބާރާތުގެ ކުރިން ދެކުނު ކޮރެއާގެ ޤައުމީ ސަލާމުގެ ބަދަލުގައި އުތުރު ކޮރެއާގެ ސަލާމް ޖެހުމަކީ ޖަޕާނަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރިމަތިވި ވަރަށް ބޮޑު ޑިޕްލޮމެޓިކް ލަދެކެވެ.
މި ބޮޑު ހައިޖާނުގެ ތެރެއަށް ދިވެހިރާއްޖޭގެ ވަފުދު!
އޭޝިއަން ގޭމްސްގައި ވާދަކުރާ ދިވެހި ކޮންޓިންޖެންޓުގެ ތެރެއިން ގައުމީ ޝޫޓިން ޓީމު-- ފޮޓޯ: އެމްއޯސީ
ޖަޕާނުގެ މި ހަލަބޮލި އަދި ގޮންޖެހުންތައް ބޮޑު މާހައުލުގެ ތެރެއަށް، ދިވެހިރާއްޖެއިން ވަނީ ޖުމްލަ 81 މެންބަރުންގެ ބޮޑު ކޮންޓިންޖެންޓެއް ފޮނުވާފައެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖެއިން މިފަހަރު 7 ކުޅިވަރަކުން ވާދަކުރެއެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯލް، ޓޭބަލް ޓެނިސް، ފެތުން، ޝޫޓިންގް، އަދި ސާފިންގް އެވެ.
މި ވަފުދުގައި ހިމެނެނީ ރާއްޖޭގެ ފަޚުރުވެރި 42 އެތުލީޓުންނާއި 18 އޮފިޝަލުންނެވެ. ބާކީ މެންބަރުންނަކީ މީޑިއާ، މެޑިކަލް ޓީމު އަދި ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލުންނެވެ.
މިފަހަރުގެ އޯޕަނިންގް ސެރެމަނީގައި ރާއްޖޭގެ ގައުމީ ދިދަ އުފުލުމުގެ ޝަރަފް ދީފައިވަނީ ޓޭބަލް ޓެނިސް ތަރި މޫސާ މުންސިފް އަޙްމަދު އަދި ޝޫޓިންގް އިން ބައިނަލްއަޤްވާމީ ރިހި މެޑަލް ހޯދާފައިވާ މަރިޔަމް އީޝަލް މިސްބާޙް އަށެވެ. މި ގޭމްސްގައި ވާދަކުރާ ދިވެހި އެތުލީޓުންނަށް އެއްވެސް މައްސަލައެއް ކުރިމަތިވެފައިވާކަން އަދި މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
މި ބޮޑެތި ފާޑުކިޔުންތަކާއެކުވެސް، އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާއިން ވަނީ ޖަޕާނުގެ ދިފާޢުގައި ވާހަކަދައްކާފައެވެ. އެ ކައުންސިލުން ގަބޫލުކުރާ ގޮތުގައި މިއީ މުސްތަޤްބަލުގައި ބޮޑެތި މުބާރާތްތައް ބާއްވާ ގައުމުތަކުން ދަރަނިވެރިނުވެ، ޚަރަދު ކުޑަކޮށް މުބާރާތްތައް ބޭއްވުމަށް އެޅިދާނެ "ދެމެހެއްޓެނިވި" ފިޔަވަޅެއް ކަމަށް ދެކެއެވެ.