އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބާއްވަން ތައްޔާރުވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުން ކުޅޭ ފުރަތަމަ މެޗުގައި ޕާކިސްތާނާ ބައްދަލުކުރަން ޖެހިއްޖެއެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ބާއްވާނެ ތާރީޚުތަކާއި މެޗުތައް ތާވަލުކޮށް ރަސްމީކޮށް އިއުލާންކޮށްފައިވާއިރު، މިފަހަރު މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 5 އިން 17 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނުނީ ވަރުގަދަ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް ބީގައެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައި އިންޑިއާއާ ބައްދަލުކުރާނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ.
މުބާރާތް ހުޅުވާ މެޗުގައި ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ޕާކިސްތާނާއި އިންޑިއާ ބައްދަލުކުރާއިރު، އެރޭ ކުޅޭ މެޗުގައި ބޫޓާން ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮަޅަށެވެ. މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ބަންގްލަދޭޝް، ސްރީ ލަންކާ އަދި ބޫޓާނެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ދެ މެޗު ނޮވެމްބަރު މަހުގެ 14 ގައި ކުޅުމަށް ތާވަލުކޮށްފައިވާއިރު، ތަށި ހޯދާނެ ޓީމެއް ކަނޑައެޅޭ ފައިނަލް މެޗު އޮންނާނީ ނޮވެމްބަރު މަހުގެ 17 ގައެވެ.
ސާފް ޗެމްޕިއަންޝިޕް ބާއްވާނެ ތާރީޚުތަކާއި މެޗުތަކުގެ ތާވަލު އިއުލާންކުރި ނަމަވެސް، މި މުބާރާތުގައި ނޭޕާލް ބައިވެރިވުމާ މެދު ގޮތެއް ނިމުމުން، މިހާރު އިއުލާންކޮށްފައިވާ މެޗު ތާވަލަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސާފުން މައުލޫމާތުދެއެވެ. ނޭޕާލް ވާދަކުރާނަމަ މުބާރާތް ފަށާނީ މީގެ ކުރިންވެސް ނިންމިހެން ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހެވެ.
ސާފް ޗެމްޕިއަންޝިޕް 2026 ގެ ޝެޑިއުލް-- މި އަހަރުގެ މުބާރާތުގައި ފުރަތަމަ ހަތް ޤައުމަކުން ބައިވެރިވާން ނިންމާފައި އޮތް ނަމަވެސް، ފީފާއިން ނޭޕާލްގެ ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑްކުރުމާ ގުޅިގެން މުބާރާތުގައި ވާދަކުރާ ޤައުމުތަކުގެ އަދަދު ވަނީ ހަޔަކަށް މަދުވެފައެވެ. އެކަމަކު މި މަހުގެ ނިޔަލަށް ފީފާގެ ސަސްޕެންޝަން އުވާލައިފިނަމަ، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ސާފުން ވަނީ ނިންމާފައެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ބައްދަލުކުރާއިރު، ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމެވެ.
މި ފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި "ޓެކްނޯ ސްޕޯޓްސް" ހަމަޖައްސާފައިވުމާއެކު، މުބާރާތުގެ ރަސްމީ ނަމުގެ ގޮތުގައި ބޭނުންކުރާނީ "ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026" އެވެ.
މިއީ ބަންގްލަދޭޝްގައި މި މުބާރާތް ބާއްވާ ހަތަރުވަނަ ފަހަރެވެ. އެ ޤައުމުގައި ބޭއްވީ ތިން ފަހަރުވެސް ރާއްޖެއިން ވަނީ މުބާރާތުގެ ފައިނަލުގައި ކުޅެފައެވެ. އޭގެތެރެއިން އެންމެ ފަހުން 2018 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ފައިނަލުގައި އިންޑިއާ ބަލިކޮށްގެންނެވެ.
މި މުބާރާތް އެންމެ ފަހުން ބޭއްވީ 2023 ގައެވެ. އެ ފަހަރު އަމިއްލަ ޤައުމުގައި ކުޅެ، އިންޑިއާއިން ޗެމްޕިއަންކަން ހޯދިއިރު، އެ މުބާރާތުގައި މި ސަރަހައްދުގެ ޤައުމުތަކުގެ އިތުރުން ކުވެއިތާއި ލުބްނާން ވަނީ ކުޅެފައެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީވެސް އިންޑިއާއެވެ. އިންޑިއާއިން ވަނީ މުޅިއެކު ނުވަ ފަހަރު ތަށި އުފުލާލައިފައެވެ. ރާއްޖެއިން ވަނީ 2008 އަދި 2018 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
މިއީ ސާފް ޗެމްޕިއަންޝިޕުގެ 15 ވަނަ މުބާރާތެވެ. މި މުބާރާތް ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތީ މި އަހަރުގެ ސެޕްޓެމްބަރާއި އޮކްޓޫބަރު މަހާ ދެމެދުގައެވެ. ނަމަވެސް ފަހުން ވަނީ މުބާރާތް ނޮވެމްބަރު މަހަށް ފަސްކޮށްފައެވެ.