ތިން އަހަރުގެ ކުއްޖެއް އާދަޔާޚިލާފަށް މޮޅަށް ކުޅޭތީވެ މެޗު ހޫނުވެ ފުލުހުންނަށް ގުޅައިފި

މާ މޮޅަށް ކުޅުނު ތިން އަހަރުގެ ނެވާޑާ--

އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގެ ވިންޓަރ ޕާކުގައި އުމުރުން އެންމެ 3 އަހަރުގެ ކުޑަކުއްޖަކު ކުޅުނު ފުޓްބޯޅަ މެޗެއްގެ ތެރެއަށް ފުލުހުން ވަންނަން ޖެހުނު ހާދިސާއެއް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ހޯދައިފިއެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، "ނެވާޑާ" ނަމަކަށް ކިޔާ މި ކުއްޖާގެ މައިންބަފައިން ތުހުމަތުކުރާ ގޮތުގައި ފުލުހުންނަށް ގުޅާފައިވަނީ އެހެން ކުދިންނަށްވުރެ ނެވާޑާ މާ މޮޅަށް ކުޅެ، ބޯޅަ މާ ގިނައިރު ހިފަހައްޓާތީ އެހެން ބެލެނިވެރިން ޝަކުވާ ކުރުމުންނެވެ.

ނަމަވެސް ލީގު އިންތިޒާމުކުރާ ފަރާތްތަކުން ބުނަނީ މައްސަލަ ހޫނުވީ ކުއްޖާގެ މޮޅުކަމުން ނޫން ކަމަށާއި، ދަނޑުމަތީގައި ހިނގި ބައެއް ކަންކަމާ ގުޅިގެން ކުއްޖާގެ މައިންބަފައިން އާންމުންގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމުން ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ 5 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ބޭއްވި މެޗެއްގެ ތެރޭގައެވެ. ނެވާޑާގެ ބައްޕަ ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، އޭނާގެ ދަރިފުޅު މާ ގިނައިން ބޯޅަ ގެންގުޅޭތީ ބައެއް ބެލެނިވެރިން ހިތްހަމަނުޖެހިގެން ލީގުގެ އިސްވެރިންނާ ޝަކުވާކުރި ކަމަށެވެ.

އޭގެފަހުން ނެވާޑާ ބެންޗުކުރުމުން 3 އަހަރުގެ ކުއްޖަކަށް އެކަން ވިސްނައިދޭނީ ކިހިނެއްތޯ ބުނެ މައިންބަފައިން ސުވާލު އުފެއްދިއެވެ. ނެވާޑާގެ މަންމަ ފުލުހުންނަށް ކިޔައިދިން ގޮތުގައި، އެހެން ބެލެނިވެރިން ބައިވެގެން އޭނާގެ ދަރިފުޅާ ބެހޭގޮތުން ވާހަކަދައްކަމުން ދިޔައިރު، ނެވާޑާ ކުރިހާވެސް ކަމަކީ ހަމައެކަނި ފުޓްބޯޅަ ކުޅުމެވެ.

ނަމަވެސް ފަހުން ރިލީޒްކުރި ފުލުހުންގެ ބޮޑީކެމް ވީޑިއޯތަކުންނާއި އޭބީސީ ނިއުސް ގެ ރިޕޯޓުތަކުން މިއަށްވުރެ ތަފްސީލީ މައުލޫމާތުތަކެއް ވަނީ ތިލަވެފައެވެ.

ލީގުގެ ޑައިރެކްޓަރު ފުލުހުންނަށް ކިޔައިދިން ގޮތުގައި، ނެވާޑާއަކީ އާދަޔާ ހިލާފަށް މޮޅު ކުއްޖެއް ނަމަވެސް، މެޗުގެ ތެރެއިން އޭނާ އެހެން ކުދިން ކޮއްޕައި ހަދާތީ ނަސޭހަތްތެރިވާން ޖެހުނެވެ. އަދި ކުއްޖާ ބެންޗަށް ބޭލުމުން، އޭނާގެ މައިންބަފައިން ވަރަށް ބޮޑަށް ރުޅިގަދަވެ، އެހެން ބެލެނިވެރިންނާ ދިމާލަށް ހަޅޭއްލަވައި ބޭއަދަބީ ބަސްތައް ބޭނުންކޮށް ދަނޑުމަތީގައި ބޮޑު ހަމަނުޖެހުމެއް ހިންގާފައިވާ ކަމަށް ޑައިރެކްޓަރު ތުހުމަތު ކުރެއެވެ.

ލީގުން ފުލުހުންނަށް ގުޅީ މި ހަމަނުޖެހުމުގެ ސަބަބުން އެ މީހުން ދަނޑުން ބޭރުކުރުމަށެވެ. ވިންޓަރ ޕާކް ފުލުހުންގެ ޑިޕާޓްމަންޓުން މައުލޫމާތުދޭ ގޮތުގައި، ފުލުހުން ދަނޑަށް ދިޔައިރު ނެވާޑާގެ އާއިލާ އަމިއްލައަށް ދަނޑުން ފޭބުމުގެ މަސައްކަތް ކުރަމުންދިޔައެވެ.

މި ހާދިސާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން ނިންމާފައިވަނީ މިއީ ލީގާއި ބެލެނިވެރިންނާ ދެމެދު ހިނގި ކުޑަ މައްސަލައެއް ކަމަށެވެ. އެހެންނަމަވެސް، މައިންބަފައިންގެ އަމަލުތައް ހުރި ގޮތުން ނެވާޑާ ދެން އެ ލީގުގައި ކުޅުން ވަނީ މަނާކޮށްފައެވެ.

ސޯޝަލް މީޑިއާގައި މި ވާހަކަ ދެގޮތަކަށް ދެކެވެމުންދާއިރު، ބައެއް މީހުން ބުނަނީ 3 އަހަރުގެ ކުއްޖަކާ ހެދި ފުލުހުންނަށް ގުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަނެއް ބަޔަކު ދެކޭގޮތުގައި ކުޑަކުދިންގެ ކުޅިވަރުތަކުގައި ބެލެނިވެރިން މިއަށްވުރެ އަހުލާގީ ގޮތުން ރަނގަޅުވާން ޖެހެއެވެ.

comment ކޮމެންޓް